މިމަހުގެ 15 ވަނަ ދުވަހު ޖަރުމަނުގައި ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ޓީމުތަކަށް ބަލާލާއިރު މިއަދުވެސް އެންމެ ގިނަ ބަޔަކު ދައްކަމުން ދާނެ އެއް ޓީމަކަށް ޑެންމާކު ވާނެއެވެ. މިފަހަރުގެ މުބާރާތަށް ނިކުންނަ ޓީމުތަކުގެ ވާހަކަ ދައްކާއިރު ޑެންމާކުގެ ވާހަކަ މީހުން މިހާރު ދައްކަނީ ޑެންމާކުގެ ޓީމުން ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މާގިނަ ކާމިޔާބީތަކެއް ހޯދާފައިވާތީ އެެއް ނޫނެވެ. ނަމަވެސް އެންމެ ފަހުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމުގައިވާ ކްރިސްޓިއަން އެރިކްސަން އަށް ދިމާވި ހިތާމަވެރި ހާދިސާގެ ވާހަކައެވެ.

ޑެންމާކް

އެންމެ ފަހުން 2021 ވަނަ އަހަރު ކުޅެވުނު ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޑެންމާކް އާއި ފިންލޭންޑް ވާދަކުރި މެޗުގައި އެތައް ސަތޭކަ ބައެއްގެ ކުރިމަތީ މެޗުތެރެއިން އެރިކްސަން އަށް ދިމާވި ހިތްދަތި ހާދިސާގެ ހަނދާންތައް އަދިވެސް ގިނަބަޔަކު ހުންނާނެއެވެ. މެޗުގެ ތެރެއިން އެރިކްސަން ވެއްޓި ދެން ހިނގާދިޔަ ކަންތައްތަކަކީ އެ މެޗު ބަލަން ތިބި އެތައް ބައެއްގެ ލޮލުން ކަރުނަ ހިލުވާލި ވަގުތެކެވެ.

ނަމަވެސް މިއަދު އެރިކްސަން ވަނީ އެ ދުވަހު އެ ލިބުނު އަނިޔާއިން ސަލާމަތްވެ އަލުން އެނބުރި އަނެއްކާވެސް އޭނާގެ ގައުމަށް ހިދުމަތެއް ކުރުމަށް ތައްޔާރުވެގެންނެވެ. މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ޑެންމާކުގެ ސްކޮޑް އިއުލާން ކުރި އިރު އެ ސްކޮޑްގައި އެރިކްސަން ހިމެނިގެން ދިއުމަކީ ޑެންމާކުގެ އިތުރުން ފުޓްބޯޅަ އަށް ލޯބިކުރާ އެތައް ބަޔަކަށްވެސް ހިތްހަމަ ޖެހުމެއް ލިބުނު ކަމެކެވެ. މިދިޔަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މެޗެއްގެ ތެރެއިން ހާޓް އެޓޭކެއް ޖެހި ދަނޑުމައްޗަށް ވެއްޓުނު އެރިކްސަން ކާމިޔާބު އޮޕަރޭޝނަކަށްފަހު އަލުން ކުޅުމުގެ ތެރެއަށް އައިސް މިހާރު އަންނަނީ އިނގިރޭސި ވިލާތުގެ މެންޗެސްޓަރ ޔުނައިޓެޑްގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.

ޑެންމާކުގެ މީގެ ކުރިން ނުވަ ފަހަރުމަތިން ޔޫރޯ ފުޓްބޯޅަ މުބާާރާތުގައި ކުޅެފައިވާއިރު، އެއް ފަހަރު އެ ޓީމު ވަނީ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފައެވެ. ޑެންމާކް އިން އެ ޓީމުގެ ދިހަވަނަ ޔޫރޯ ފުޓްބޯޯޅަ މުބާރާތަށް ނިކުންނަ އިރު އެ ޓީމުން އެންމެ ފަހުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި ވެސް ވަނީ ވާދަކޮށްފައެވެ. ޑެންމާކް އިން ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފައިވަނީ 1992 ވަނަ އަހަރު ސްވިޑަންގައި ޔޫރޯ ފުޓްބޯޅަ މުބާރާތް ބޭއްވިފަހަރު ފައިނަލްގައި ޖަރުމަނު ބަލިކުރުމަށްފަހުގައެވެ.

ޑެންމާކް

ޑެންމާކް އިން މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސްކޮޑް

ކީޕަރުން: ކަސްޕަރ ޝްމައިޗެލް (އެންޑަލެކްޓް)، ފްރެޑްރިކް ރޮނޯ (ޔޫނިއަން ބާލިން)، މެޑްސް ހަރމަންސަން (ލެސްޓާ)

ޑިފެންޑަރުން: ސައިމަން ކްޖާއާ (އޭސީ މިލާން)، އެންޑްރިއަސް ކްރިސްޓެންސަން (ބާސެލޯނާ)، ޖޯއަކިމް މައެހްލޭ (ވޮލްފްސްބާގް)، ޖަނިކް ވެސްޓަރގާޑް (ލެސްޓާ)، ޖޯކިމް އެންޑަސަން (ކްރިސްޓަލް ޕެލަސް)، ރަސްމަސް ކްރިސްޓެންސަން (ރޯމާ)، ވިކްޓަރ ނެލްސަން (ގަލަޓަސަރޭ)، ވިކްޓަރ ކްރިސްޓިއަންސެން (ބޮލޮންޖާ)، އެލެގްޒެންޑަރ ބާ (ބެންފިކާ)

މިޑްފިލްޑް ކުޅުންތެރިން: ކްރިސްޓިއަން އެރިކްސަން (މެންޗެސްޓާ ޔުނައިޓެޑް)، ތޯމަސް ޑެލާނީ (އެންޑަލެކްޓް)، ޕިއެރޭ އެމިލް ހޮޖްބްޖް (ޓޮޓެންހަމް)، މަތީއަސް ޖެންސެން (ބްރެންޓްފޯޑް)، ކްރިސްޓިއަން ނޯގާޑް (ބްރެންޓްފޯޑް)، މޯޓެން ހްޖުލްމަންޑް (ސްޕޯޓިން ލިސްބަން)

ފޯވާޑުން: ޔޫސުފް ޕައުލްސަން (އާރުބީ ލައިޕިޒްގް)، ކަސްޕަރ ޑޮލްބަރގް (އެންޑަލެކްޓް)، އެންޑްރިއަސް ސްކޯވް އޮލްސަން (ކްލަބް ބްރޫގް)، ޖޯނަސް ވިންޑް (ވޮލްފްސްބާގް)، މިކެލް ޑަމްސްގާޑް (ބްރެންޓްފޯޑް)، ރަސްމޫސް ހޮޖްލަންޑް (މެންޗެސްޓާ ޔުނައިޓެޑް)، ޖެކޮބް ބްރޫން ލާރސަން (ހޮފެންހައިމް)، އެންޑަސް ޑްރޭޔަރ (އެންޑަލެކްޓް)

މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޑެންމާކު ހިމެނެނީ ގްރޫޕް ސީ ގައެވެ. ގްރޫޕް ސީގައި ޑެންމާކް އާއެކު ދެން ހިމެނެނީ އިންގްލެންޑްގެ އިތުރުން ސްލޮވޭނިއާ އާއި ސާބިއާއެވެ. މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޑެންމާކުގެ ފުރަތަމަ މެޗުގައި މިމަހުގެ 16 ވަނަ ދުވަހު ޑެންމާކު ނިކުންނާނީ ސްލޮވޭނިއާ އާއި ދެކޮޅަށެވެ. އަދި ޑެންމާކުގެ ދެވަނަ މެޗުގައި މިމަހުގެ 20 ވަނަ ދުވަހު ނިކުންނާނީ އިންގްލެންޑް އާއި ދެކޮޅަށެވެ. އަދި މިމަހުގެ 26 ވަނަ ދުވަހު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޑެންމާކު ނިކުންނާނީ ސާބިއާއާ ދެކޮޅަށެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޑެންމާކު ކޮލިފައިވި ކޮންމެ ފަހަރަކުވެސް ދައްކަމުންދާ މޮޅު ކުޅުމާއެކު މިފަހަރުގެ މުބާރާތުގައިވެސް އެ ޓީމުން ރަނގަޅު ކުޅުމެއް ދައްކާނެކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. ކެސްޕާ ހުލްމަންޑްގެ ކޯޗުކަމުގެ ދަށުން ނިކުންނަ ޑެންމާކު ޓީމު މިފަހަރުގެ ޔޫރޯ މުބާރާތުގެ ތައްޔާރީތައް ވަނީ ފަށާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު