މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް އެންތޮނީ މާޝިއަލް، އެ ކުލަބު ދޫކޮށްލަން ނިންމިކަން އިއްޔެ އިއުލާންކޮށްފިއެވެ.

ފްރާންސަށް އުފަން އުމުރުން 28 އަހަރުގެ ފޯވާޑް މެންޗެސްޓާ ޔުނައިޓެޑާ އެކުގައި ހަދާފައިވާ ކޮންޓްރެކްޓް، ވަނީ ހަމަވެފައެވެ. އެހެންވެ، އޭނާ ފްރީ އެޖެންޓަކަށްވެފައިވާ އިރު، މާޝިއަލް ބޭނުން ކުލަބަކަށް ދިއުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވިފައެވެ.

މި ސީޒަންގައި މާޝިއަލް ޔުނައިޓެޑަށް ކުޅެދިން 19 މެޗުގައި ޖެހިފައި ވަނީ އެންމެ ދެ ގޯލެވެެ. އޭނާ އަށް މި ސީޒަންގައި ބޮޑަށް ދިމާވެފައި ވަނީ އަނިޔާގެ މައްސަލަތަކެވެ. އެހެންވެ، ގިނަ މެޗުތަކުން އޭނާ ފެނިފައެއް ނުވެއެވެ. އަދި މި ސީޒަންގައި މާޝިއަލްގެ ބޭނުން އެންމެ ރަނގަޅަށް ހިފޭ ގޮތެއް ވެސް ނުވިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މާޝިއަލް ގެންދިއުމަށް ފްރާންސްގެ ދެ ކުލަބް ކަމަށްވާ ލިޔޯން އާއި މާސޭ އިން މަސައްކަތް ކުރެއެވެ. މާޝިއަލް ފުޓްބޯޅަ ކެރިއަރު ފަށާފައި ވަނީ އުމުރުން 14 އަހަރުގައި ލިޔޯނުންނެވެ. ފްރާންސްގެ ދެ ކުލަބުގެ އިތުރުން ތުރުކީގެ ކުލަބެއް ކަމަށްވާ ބެސިކްޓަސް އިން ވެސް މާޝިއަލް އަށް ޝައުގުވެރިވެއެވެ.

މީގެއިތުރުން ސައުދީ އަރަބިއްޔާ އާއި އެމެރިކާގެ ޓީމުތަކުން ވެސް މާޝިއަލް އަށް ފާރަލީ ނަމަވެސް އޭނާ ބޭނުންވަނީ ޔޫރަޕްގެ ގައުމެއްގައި މަޑު ކުރާށެވެ.

މާޝިއަލް ބުނެފައި ވަނީ މެންޗެސްޓާ ޔުނައިޓެޑްގައި ނުވަ އަހަރު ހޭދަކުރުމަށް ފަހު، އެ ކުލަބުން އަލްވަދާއު ކިޔަނީ ރަނގަޅު މާޒީއަކާ އެކީގައި ކަމަށެވެ. އަދި މިވަގުތަކީ އާ ތަޖުރިބާއެއް ކުރަންވީ ފުރުސަތު ކަމަށް ވެސް އޭނާ ބުންޏެވެ. މާޝިއަލް ވަނީ އޭނާ އަށް އެހީތެރިވެ ދިން ހުރިހާ އެންމެންނަށް ޝުކުރު އަދާކޮށްފައެވެ.

މޮނާކޯ އިން 2015 ވަނަ އަހަރު ޔުނައިޓެޑާ ގުޅުނު މާޝިއަލް ވަނީ މިހާތަނަށް އައިއިރު، 317 މެޗުގައި 90 ގޯލް ޖަހައިފައެވެ.

ކިޔުންތެރިންގެ ހިޔާލު