ޕެނަލްޓީގައި އަލް ނަސްރު ބަލިކޮށް ސައުދީ ކިންގްސް ކަޕްގެ ތަށި އަލް ހިލާލުން ހޯދައިފިއެވެ.

ރޭ ކުޅުނު ފައިނަލު މެޗު ފަށައިގެން މޮޅަށް ކުޅެމުން އައީ އަލް ނަސްރުންނެވެ. ގޯލު ޖަހާނެ ގިނަ ހަމަލާތައް ވެސް އުފެއްދީ އަލް ނަސްރުންނެވެ. ނަމަވެސް މެޗުގެ ފުރަތަމަ ގޯލު ޖަހާފައިވަނީ އަލް ހިލާލުންނެވެ. މެޗު ފަށައިގެން ހަތް ވަނަ މިނެޓުގައި އަލް ހިލާލްގެ މި ލަނޑު ކާމިޔާބުކޮށްދިނީ މިޓްރޮވިޗެވެ. އޭރިޔާ ކަނުން މަލްކޮމް ނަގައިދިން ހުރަހަކުން މި ލަނޑު މިޓްރޮވިޗެ ކާމިޔާބު ކޮށްފައިވަނީ ބޮލުން ބޯޅަ ކުރިއަށް ފޮނުވާލައިގެންނެވެ.

އަލް ހިލާލުގެ ލަނޑަށް ފަހުވެސް އަލް ނަސްރުން ވަނީ ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތް ކޮށްފައެވެ. ނަމަވެސް އަލް ނަސްރުގެ ގިނަ ހަމަލާތައް އަލް ހިލާލުގެ ކީޕަރު ބުއޯނޯ ވަނީ ދިފާއުކޮށްފައެވެ. މެޗުުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 އިން އަލް ހިލާލް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފަށައިގެން ދިހަ ވަނަ މިނެޓުގައި އަލް ނަސްރުގެ ގޯލު ކީޕަރަށް ރެފްރީ ވަނީ ރަތް ކާޑު ދައްކާފައެވެ. ކީޕަރު އެސްޕަނާ ވަނީ އަލް ހިލާލުގެ މަލްކޮމް ހިފައިގެން ދިޔަ ބޯޅަ އެއް އޭރިޔާ ބޭރުން އަތްލާ މަތަކޮށްފައެވެ. އެހެންކަމުން ރެފްރީ ވަނީ އޭނާ އަށް ރަތް ކާޑު ދައްކާފައެވެ.

އަލް ހިލާލުން ކިންގްސް ކަޕް ކާމިޔާބުކޮށްފި -- ފޮޓޯ: ގޯލް

މީގެ އިތުރުން ހަމަ ނުޖެހުން އުފެއްދުމާއި ގުޅިގެން އަލް ހިލާލުގެ އަލް ބުހައީ އަށް ވެސް ރެފްރީ ވަނީ މި މެޗުގައި ރަތް ކާޑު ދައްކާފައެވެ. މީގެ އިތުރުން އެ ޓީމުގެ ކޮލިބަލީ އަށް ވެސް ރެފްރީ ވަނީ ދެ ރީނދޫ ކާޑު ހަމަވުމާއި ގުޅިގެން ރަތް ކާޑު ދައްކާފައެވެ.

މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް އަލް ހިލާލަށް ދެއްކި ކާޑުގެ ބޭނުން ހިފާ އަލް ނަސްރުން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އައިމަން ޔަހްޔާއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ކުޅުނު އިތުރު ވަގުތުގައިވެސް އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައި ނުވުމުން ނަތީޖާ ނެރެން ވަނީ ޕެނަލްޓީ ޖަހާފައެވެ.

އަލް ހިލާލުގެ ފުރަތަމަ ޕެނަލްޓީ ފޮނުވާލި އިރު އެ ޕެނަލްޓީ ވަނީ ދަނޑީގައި ޖެހިފައި ބޭރަށް ގޮސްފައެވެ. އަލް ނަސްރް ގެ ފުރަތަމަ ޕެނަލްޓީ އެލެކްސް ޓެކްސަސް ފޮނުވާލިއިރު އެ ޕެނަލްޓީ ދިޔައީ ބޭރަށެވެ. އަލް ހިލާލުގެ މިޓްރޮވިޗް ފޮނުވާލި ޕެނަލްޓީ ކާމިޔާބު ކުރިއިރު އަލް ނަސްރުގެ ރޮނާލްޑޯ ވެސް ވަނީ ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. އަލް ހިލާލުގެ މުހައްމަދު ކާނޯ ފޮނުވާލި ޕެނަލްޓީ އޭނާ ކާމިޔާބުުކުރިއިރު އަލް ނަސްރުގެ ސެމުއެލް ވެސް ވަނީ ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. އަލް ނަސްރު އަދި އަލް ހިލާލުން ވެސް ހަތަރު ވަނަ ޕެނަލްޓީ ކާމިޔާބު ކުރިއިރު ދެ ޓީމުގެ ވެސް ފަސް ވަނަ ޕެނަލްޓީ ކީޕަރުވަނީ ދިފާއު ކޮށްފައެވެ. އަލް ހިލާލުން ފަހު ޕެނަލްޓީ ކާމިޔާބު ކުރިއިރު އަލް ނަސްރުގެ ފަހު ޕެނަލްޓީ ވަނީ ދަނޑީގައި ޖެހިފައި ބޭރަށް ގޮސްފައެވެ.

މި މުބާރާތުގެ އެންމެ ފަހުގެ ވެސް ޗެމްޕިއަން އަލް ހިލާލުން މި ފަހަރުގެ މުބާރާތް ކާމިޔާބު ކުރުމާއި އެކީ މިއީ އެ ކުލަބު ތާރީހުގައި މި މުބާރާތް ކާމިޔާބުކުރި 11 ވަނަ ފަހަރެވެ. އަލް ހިލާލަށް ވުރެ ގިނައިން މި މުބާރާތް ކާމިިޔާބުކޮށްފައިވަނީ އަލްއަހްލީ އެވެ. އެ ކުލަބުން ވަނީ މުބާރާތް 13 ފަހަރު ކާމިޔާބުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު