ގިނަ އަހަރުތަކެއް ވީ ޑްރާމާތަކަކަށް ފަހު ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ ސްޕެއިންގެ ގަދަ ބާރު ރެއާލް މެޑްރިޑަށް ސޮއިކޮށްފިއެވެ.

25 އަހަރުގެ ފްރާންސްގެ ތަރި ރެއާލް މެޑްރިޑަށް ސޮއި ކޮށްފައިވަަނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ. އެމްބާޕޭ އާއި އެކު ރެއާލް ގެ ސްކޮޑް ކުރިއަށް ވުރެ ގަދަ ވެގެންދާނެއެވެ.

ކިލިއަން އެމްބާޕޭ ރެއާލަށް ސޮއި ކުރީ ކޮންމެ ސީޒަނަކު 15 މިލިއަން ޔޫރޯއަށެވެ. މީގެ އިތުރުން ފަސް އަހަރަށް ބަހާލައިގެން ސައިނިންގެ އޮން ބޯނަސްގެ ގޮތުގައި އޭނާ އަށް 150 މިލިއަން ޔޫރޯ ރެއާލުން ދޭނެއެވެ.

ޕީއެސްޖީ ދޫކޮށް އެމްބާޕޭ ރެއާލަށް ބަދަލުވި އިރު އެމްބާޕޭ ޕީއެސްޖީ އާއި ގުޅިފައިވަނީ 2017 ވަނަ އަހަރުއެވެ. މޮނާކޯއިން ޕީއެސްޖީއަށް އޭނާ ބަދަލުވީ 165.7 މިލިއަން ޔޫރޯ އަށެވެ. އެއަށް ފަހު ޕީއެސްޖީއަށް ކުޅެދިން 306 މެޗުގައި އޭނާ ވަނީ 255 ލަނޑު ކާމިޔާބުކޮށް ޕީއެސްޖީއަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.

ސައުދީ ލީގުގެ އަލް ހިލާލުން މިދިޔަ ސީޒަނުގައި އެމްބާޕޭ ގަންނަން ވަނީ ވަރަށް އަގުބޮޑު ހުށައެޅުމެއް ޕީއެސްޖީއަށް ހުށަހަޅާފައެވެ. ޕީއެސްޖީން އެ ހުށަހެޅުން ބަލައިގަތް ނަމަވެސް އެމްބާޕޭ ވަނީ އެ ޓީމާއި ގުޅެން ދެކޮޅު ހަދާފައެވެ.

2022 ވަނަ އަހަރުވެސް އެމްބާޕޭ ރެއާލާއި ގުޅެން އުޅޭ ކަމުގެ އަޑުތައް ގަދަވިއެވެ. އެ އަހަރު އޭނާ ޕީއެސްޖީއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުން ގިނަ ބަޔަކު ދެކުނީ އޭނާ އެ ސީޒަނުގައި ރެއާލާއި ގުޅޭނެ ކަމަށެވެ. ނަމަވެސް އެމްބާޕޭ ވަނީ އިތުރު ދެ ސީޒަނުގައި ޕީއެސްޖީގައި މަޑުކުރުމަށް ނިންމާ އައު ކޮންޓްރެކްޓެއްގައި ސޮއި ކޮށްފައެވެ. އެ ކޮންޓްރެކްޓް މި ހިނގާ ޖޫން މަހަށް މި ވަނީ ހަމަވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    ބުނާއަޑުއިވޭ އެމްބައްޕޭ އެއީ ނައިފަރު މީހެކޭ!

    3
    1
  2. ނޭމާ

    ކަލޯ ކަލޭ ވެސް ދެން ފެންނާނި މަށާ އެކީ ސައުދީ ލީގުން.