މިމަހު 14 ވަނަ ދުވަހު ފެށޭ ޔޫރޯ ފުޓުބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު ރަހުމަތްތެރިކަމުގެ ފުރަތަމަ މެޗުގައި ބޮސްނިއާގެ މައްޗަށް ކުރި ހޯދާ އިނގިރޭސިވިލާތުން މެޗު ކާމިޔާބުކޮށްފިއެވެ.

އިނގިރޭސިންގެ 'ޖޭމްސް ޕާކް' ދަނޑުގައި ކުޅުނު މި މެޗު އިނގިރޭސި ވިލާތުން ކާމިޔާބުކޮށްފައިވަނީ 3-0 އިންނެވެ.

މެޗު ފަށައިގެން ފުރަތަމަ ހާފުގައި ދެ ޓީމުންވެސް ރަނގަޅު ކުޅުމެއް ވަނީ ދައްކާފައެވެ. ނަމަވެސް ބޮޑަށް ބޯޅަ ހިފަހައްޓައިގެން މި ހާފުގައި ކުޅެފައިވަނީ އިނގިރޭސި ވިލާތުންނެވެ.

ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ފުރަތަމަ ހާފުގައި ލަނޑެއް ކާމިޔާބެއް ނުކުރެވުނެވެ. ފުރަތަމަ ހާފު ނިމުނީ 0-0 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފަށް އިނގިރޭސިން ނިކުތީ ގޯލެއް ޖަހާ މެޗުގައި ނަތީޖާ ނެރުމަށެވެ.

އިނގިރޭސި ވިލާތް އަދި ބޮސްނިއާ ބައްދަލު ކުރި ރަހުމަތްތެރިކަމުގެ މެޗުގެ ތެރެއިން -- ފޮޓޯ: އިވްނިންގް ސްޓެންޑާޑް

ދެވަނަ ހާފު ފަށައިގެން މެޗުގެ 59 ވަނަ މިނެޓުގައި އިނގިރޭސިން ނެގި ކޯނަރެއް ގަޑީ ބޮސްނިއާގެ އޭރިޔާ ތެރެއިން އެ ޓީމުން ފައުލެއް ކުރުމާއި ގުޅިގެން ރެފްރީ ވަނީ އިނގިރޭސިންނަށް ޕެނަލްޓީއެއްދީފައެވެ. މި ޕެނަލްޓީ ކުރިއަށް ފޮނުވާލީ ކޯލް ޕާމާއެވެ. އޭނާ މި ޕެނަލްޓީ ކާމިޔާބު ކުރީ ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.

މެޗުގެ ފަހު ހާފުގައި އިނގިރޭސި ޓީމުން ދިޔައީ ބޮސްނިއާގެ ގޯލަށް ގިނަ ހަމަލާތަކެއް އުފައްދަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 85 ވަނަ މިނެޓުގައި ޖެކް ގްރީލިޝް ނަގައިދިން ކޯނަރަކުން އެލެކްސަންޑަރ އާނޯލްޑް ވަނީ އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދީފައެވެ.

އިނގިރޭސިންގެ ދެވަނަ ގޯލު ޖެހިތާ ތިން ހަތަރު މިނެޓުފަހުން، މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އެ ޓީމުގެ ކެޕްޓަން ހެރީ ކޭން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގައި ލިބުނު ލީޑު އިތުރަށް ފުޅާ ކޮށްފައެވެ.

މި މެޗު ނިމުނީ މި ނަތީޖާގައި 3-0 އިން އިނގިރޭސިން މެޗު ކާމިޔާބުކޮށްގެންނެވެ.

ޔޫރޯގެ ކުރިން ކުޅޭ ފަހު މެޗުގައި މި މަހުގެ ހަތް ވަނަ ދުވަހު އިނގިރޭސިވިލާތުން އައިސްލޭންޑާއި ބައްދަލުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެއަށް ފަހު ޔޫރޯ މުބާރާތަށް އެ ޓީމުން ޖަރުމަނަށް ދަތުރުފަށާނެއެވެ.

ކިޔުންތެރިންގެ ހިޔާލު