2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގައި ބައިވެރި ވާނެ ޓީމުތަށް ހޮވުމަށް ކުޅެމުންދާ ކޮލިފައިންގައި ފަަލަސްތީނުގެ ޓީމުން ގަދަ 16 އަށް ދަތުރުކޮށްފިއެވެ.

އޭޝިއާގެ ވަރުގަދަ ގައުމުތަކާއި އެއް ގުރޫޕެއްގައި އޮތް ފަލަސްތީނުން ގަދަ 16 އަށް ދަތުރުކޮށްފައި ވަނީ ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައެވެ. ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި އޮސްޓްރޭލިއާ އޮތްއިރު، ފަލަސްތީނު ދެވަނަ ގައި އޮތީ ކުޅުނު ފަސް މެޗުން 8 ޕޮއިންޓް ހޯދައިގެންނެވެ.

ޔަހޫދީ އިސްރާއިލުން ހުއްޓުމެއްނެތި ފަލަސްތީނަށް ހަމަލާދީ އެތަށް ހާސް ރައްޔިތުންނެއް ޝަހީދުކުރަމުން އަންނަ މި ދަނޑިވަޅުގައި، ފަލަސްތީނުގެ ހިތްވަރު ގަދަ ފިރިހެން ފުޓްބޯޅަ ޓީމުން މި ހޯދި ކާމިޔާބީއަށް އެތައް ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ. ލުބުނާނާއި ބަންގްލަދޭޝް ވެސް ހިމެނޭ މި ގުރޫޕުގައި ފަލަސްތީނުން މިފަދަ ބޮޑު ކާމިޔާބީއެއް ހޯދުމަކީ އެމުޅި ގައުމަށް ވެސް ލިބުނު ކުރިއެރުމެއް ކަމުގައި ޓީމުގެ ކުޅުންތެރިން ވެސް ގަބޫލު ކުރެއެވެ.

ފަލަސްތީނު އަދި ބަންގްލަދޭޝް

ފަލަސްތީނު ހިމެނޭ ގުރޫޕުގައި އަދި އެގައުމަށް ބާކީ އެއް މެޗު ކުޅެން އެބައޮތެވެ. އެއީ މިމަހު 11 ވަނަ ދުވަހު ގުރޫޕް އެއްވަނަ ޓީމު އޮސްޓްރޭލިއާ އާއި ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗެވެ. އެންމެ ފަހުން ލުބުނާނާއި ދެކޮޅަށް މިމަހުގެ ހަވަނަ ދުވަހު ކުޅުނު މެޗު ފަލަސްތީނުން ވަނީ 0-0ގެ ނަތީޖާއަކުން އެއްވަރުކޮށްފައެވެ.

2021 ވަނަ އަހަރު ފަލަސްތީނު ޓީމުގެ ކޯޗުކަމާއި ތޫނިސިއާގެ މަކްރަމް ދަބޫބު ހަވާލުވި ފަހުން ޓީމު ވަނީ ބޮޑެތި ކުރިއެރުން ތެކެއް ހޯދާފައެވެ. އެގޮތުން އޭނާގެ ކޯޗު ކަމުގައި ކުޅުނު 27 މެޗުން 14 މެޗު ވަނީ ކާމިޔާބުކޮށްފައެވެ. އަދި ޖުމުލަ 44 ގޯލުވެސް ފަލަސްތީނުގެ ޓީމުން ވަނީ ކާމިޔާބުކޮށްފައެވެ. މިހާރު ޓީމުގެ ކުޅުންތެރިން ދައްކަމުންދާ ކުޅުމާއެކު ވޯލްޑް ކަޕް ކޮލިފައިންގައި އިތުރަށް ކުރިއަށް ދެވޭނެ ކަމުގެ ފޮނި އުންމީދު ކުރާ ކަމުގައިވެސް ކޯޗު ވަނީ ބުނެފައެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް ޖައްސަމުންގެންދާ ދަތި ހާލުގައިވެސް ފަލަސްތީނުގެ ގައުމީ ޓީމުގެ ފަރާތުން ފެނިގެން ދަނީ ނުގުޑާ ފަދަ ވަރުގަދަ އަޒުމަކާއި ހިތްވަރެކެވެ. ފުޓުބޯޅަގައި ފަލަސްތީނުން ވަނީ ބޮޑެތި ކާމިޔާބީތަކެށް ހޯދާފައެވެ. އެގޮތުން 2014 ވަނަ އަހަރު އޭއެފްސީ ޗެލެންޖު ކަޕު ކާމިޔާބު ކުރި އިރު، 2018 އަދި 2020 ވަނަ އަހަރު ވަނީ ބަންގްލަދޭޝްގައި ބާއްވާ ބަންގަބަންދު ކަޕުވެސް ކާމިޔާބުކޮށްފައެވެ.