10 ވަނަ ގައުމީ ޗެސް މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ނިހާޔާ އަޙުމަދު އަދި ފިރިހެން ބައިގެ ޗެމްޕިއަންކަން މުޙައްމަދު ޝުއާއު ހޯދައިފިއެވެ.

10 ވަނަ ގައުމީ ޗެސް މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ މޭ މަހުގެ 27 އިން ފެށިގެން ޖޫން މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށެވެ.

10 ވަނަ ގައުމީ ޗެސް މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން-ފޮޓޯ: ކުޅިވަރު މިނިސްޓްރީ

10ވަނަ ގައުމީ ޗެސް މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. އަދި ގައުމީ ޗެސް މުބާރާތުގެ އޯޕަން ބައިގެ އަންހެން އަދި ފިރިހެން ޗެމްޕިއަން ކުޅުންތެރިންނަށް އިނާމް ހަވާލުކޮށްދެއްވީ ވެސް ވަޒީރު ރާފިޢު އެވެ.

ގައުމީ ޗެސް މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ފާހަގަކުރެއްވިގޮތުގައި އެހެނިހެން ކުޅިވަރު ތަކެކޭވެސް އެއްގޮތަށް ޗެސް ކުރިއަރުވަންވެސް އެ ވުޒާރާގެ ފަރާތުން އެއްބާރުލުން ލިބިގެން ދާނެކަން ފާހަގަ ކުރެއްވިއެވެ. އަދި ޗެސް އިން ކުރިއަށް ދިއުމަށް އެހެން ކުޅިވަރުތަކެކޭވެސް އެއްގޮތަށް ތަމްރީނުތައް ހެދުމަށް އެ ވުޒާރާއިން އެހީތެރިކަން ފޯރު ކޮށްދެއްވާނެކަން ވެސް ވުޒާރާގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.

10 ވަނަ ގައުމީ ޗެސް މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން-ފޮޓޯ: ކުޅިވަރު މިނިސްޓްރީ

މިއަހަރުގެ ގައުމީ ޗެސް މުބާރާތަކީ މިހާތަނަށް އެންެމެ ގިނަ ކުޅުންތެރިން ވާދަކުރި ގައުމީ މުބާރާތެވެ. މިގޮތުން މިއަހަރު ދެ ކެޓަގަރީގައި 111 ކުޅުންތެރިން ވާދަކުރި އެވެ. އެއީ އަންހެން ކެޓަގަރީގައި 33 ކުޅުންތެރިންނާއި އޯޕަން ބައިގައި 78 ކުޅުންތެރިންނެވެ. މެއި މަހުގެ 27 އިން ޖޫން ހަތަކަށް ކުރިއަށްދިޔަ މުބާރާތުގެ ދެ ކެޓަގަރީގައި ޖުމްލަ 580 މެޗު ކުޅުނެވެ.

މި އަދަދުތަކަކީ މިދިޔަ އަހަރާ ބަލާއިރު 24 އިންސައްތަ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ އަންހެން ބައިގައި ވާދަކުރީ 19 ކުޅުންތެރިންނެވެ. އޯޕަން ބައިގައި ވާދަކުރީ 65 ކުޅުންތެރިންނެވެ.