ވަގުތު މަޅި ފުޓްސަލް ޗެލެންޖު 2024 ގެ ސެމީ ފައިނަލުގައި ބޮސްނިއާ އަދި އެމްޕޯރިއަމް ބައްދަލު ކުރި މެޗު އެމްޕޯރިއަމް އިން ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފިއެވެ.

މި މެޗު އެމްޕޯރިއަމް އިން ކާމިޔާބުކޮށްފައިވަނީ ޕެނަލްޓީ ޖަހައިގެން 5-3 އިންނެވެ.

މި މެޗު ފަށައިގެން މެޗުގެ ފުރަތަމަ ހާފުގެ ފަސް ވަރަކަށް މިނެޓު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ ބޮސްނިއާ އިންނެވެ. ނަމަވެސް އޭގެ ފަހުން އެމްޕޯރިއަމް އިން ވެސް ވަނީ ގޭމުގެ ތެރެއަށް ވަދެ ކުޅުން ރަނގަޅު ކޮށްފައެވެ.

ވާދަ ވެރި ކުޅުމެއް ފެނިގެން ދިޔަ ސެމީ ފައިނަލުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް އިދިކޮޅު ގޯލާއި އަމާޒުކޮށް މާ ގިނަ ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭ ގޮތް ނުވެ 0-0 ގައި ނަތީޖާ އޮވެގެންނެވެ.

ވަގުތު މަޅި ފުޓްސަލް ޗެލެންޖު 2024 ގެ ސެމީ ފައިނަލުގައި ބޮސްނިއާ އަދި އެމްޕޯރިއަމް ބައްދަލު ކުރި މެޗު -- ވަގުތު އިމޭޖަސް: އަބީދު

ފުރަތަމަ ހާފްއެކޭ އެއްފަދައިން ދެވަނަ ހާފުގައިވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ، ވާދަވެރި ކުޅުމެކެވެ. ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް އިދިކޮޅު ގޯލާއި އަމާޒުކޮށް އުފެއްދުނީ ދާދި އެއްވަރެއްގެ ހަމަލާތަކެކެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދިޔައިރުވެސް މެޗުގެ ނަތީޖާ އަކަށް ބަދަލެއް ނާދެއެވެ. އެހެންކަމުން މެޗުގެ ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.

ގުރުލައިގެން ފުރަތަމަ ޕެނަލްޓީ ޖަހަން ޖެހުނީ ބޮސްނިއާ އަށެވެ. ބޮސްނިއާގެ ފުރަތަމަ ޕެނަލްޓީ ފޮނުވާލީ އަހުމަދު އައިހަމެވެ. އޭނާ ވަނީ ފޮނުވާލި ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. އެމްޕޯރިއަމްގެ ފުރަތަމަ ޕެނަލްޓީ ފޮނުވާލީ އިބުރާހިމް މަހުދީއެވެ. އޭނާވެސް ވަނީ ޕެނަލްޓީ ކާމިޔާބުކޮށްފައެވެ.

ބޮސްނިއާގެ ދެވަނަ ޕެނަލްޓީ އަލީ ހައިޝަމް ފޮނުވާލި ޕެނަލްޓީ އޭނާ ކާމިޔާބުކުރި އިރު އެމްޕޯރިއަމްގެ އަހުމަދު ރިޒްވާނު ވެސް ވަނީ ފޮނުވާލި ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. ބޮސްނިއާގެ ތިންވަނަ ޕެނަލްޓީ ސައިފާން އަހުމަދު ކާމިޔާބު ކުރި އިރު އެމްޕޯރިއަމްގެ ތިންވަނަ ޕެނަލްޓީ އަލީ އިފާޒް ވަނީ ކާމިޔާބުކޮށްފައެވެ.

ވަގުތު މަޅި ފުޓްސަލް ޗެލެންޖު 2024 ގެ ސެމީ ފައިނަލުގައި ބޮސްނިއާ އަދި އެމްޕޯރިއަމް ބައްދަލު ކުރި މެޗު -- ވަގުތު އިމޭޖަސް: އަބީދު

ބޮސްނިއާގެ ހަތަރު ވަނަ ޕެނަލްޓީ ފޮނުވާލީ މުހައްމަދު ރިފާއުއެވެ. އޭޏާ ފޮނުވާލި ބޯޅަ އެމްޕޯރިއަމްގެ ކީޕަރު އަހުމަދު މާހިން ވަނީ ދިފާއު ކޮށްފައެވެ. އަދި އެމްޕޯރިއަމްގެ ހަތަރު ވަނަ ޕެނަލްޓީ ހުސައިން ސަވީލް ވަނީ ކާމިޔާބުކޮށްފައެވެ. ބޮސްނިއާގެ ހަތަރު ވަނަ ޕެނަލްޓީ ހަމްޒްތު ހަސަން ފޮނުވާލި އިރު އެ ޕެނަލްޓީވެސް މާހިން ވަނީ ދިފާއުކޮށްފައެވެ. އެމްޕޯރިއަމްގެ ފަހު ޕެނަލްޓީ ހުސައިން ސުހައިލް ފޮނުވާލިއިރު އޭނާ ވެސް ވަނީ އެ ޕެނަލްޓީ ކާމިޔާބުކޮށްފައެވެ.

މި ނަތީޖާ އާއި އެކު މެޗު ނިމިގެން ދިޔައީ 5-3 އިން އެމްޕޯރިއަމަށް ކުރި ލިބިގެންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްޕޯރިއަމްގެ ގޯލު ކީޕަރު އަހުމަދު މާހިން މުހައްމަދެވެ.

ވަގުތު މަޅި ފުޓްސަލް ޗެލެންޖު 2024 ގެ ސެމީ ފައިނަލުގައި ބޮސްނިއާ އަދި އެމްޕޯރިއަމް ބައްދަލު ކުރި މެޗު -- ވަގުތު އިމޭޖަސް: އަބީދު

މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރޭގައެވެ. މި މެޗުގައި އެމްޕޯރިއަމް ވާދަކުރަން ޖެހޭނީ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ޓީއެފްޓީ އަދި ބިގަލޯސް ބައްދަލު ކުރާ މެޗު ކާމިޔާބުކުރާ ޓީމަކާއެވެ.

ވަގުތު މަޅި ފުޓަސަލް ޗެލެންޖު 2024ގެ މީޑިއާ ޕާޓްނަރަކީ "ވަގުތު" އޮންލައިން އެވެ.

ކިޔުންތެރިންގެ ހިޔާލު