ވަގުތު މަޅި ފުޓްސަލް ޗެލެންޖުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ބިގަލޯސް އަދި ރަނަރަޕް ޓީއެފްޓީ ބައްދަލު ކުރި މެޗު ކާމިޔާބުކޮށް އެންމެ ފަހުގެ ޗެމްޕިއަން ބިގަލޯސް މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

މި މެޗު ބިގަލޯސް އިން ކާމިޔާބު ކޮށްފައިވަނީ 2-1 އިންނެވެ.

މެޗު ފަށައިގެން ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުްނވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔައިރު، މި ހާފުގައި ދެ ޓީމުންވެސް ވަނީ އިދިކޮޅު ގޯލާއި އަމާޒުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައިރު އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބެއް ނުކުރެވުނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ކޮއްޓި ގޮތަށް ބިގަލޯސް އިން ވަނީ މެޗުގައި ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. ދެވަނަ ޙާފުގެ ފުރަތަމަ މިނެޓުގެ ތެރޭ މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޖުމައިލް ޖަމީލެވެ.

ދެވަނަ ހާފު ފަށައިގެން ގިނަ އިރުތަކެއް ނުވެ ބިގަލޯސް އިން ލަނޑު ކާމިޔާބު ކުރިތާ ތިން މިނެޓު ފަހުން ޓީއެފްޓީން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ކާމިޔާބު ކުރީ އެ ޓީމުގެ އިސްމާއިލް ވަޖީހެވެ.

ދެ ޓީމުގެ ފަރާތުން ލަނޑު ޖެހި ނަމަވެސް ދެން އަނެއްކާވެސް ފެނިގެން ދިޔައީ ހަމަހަމަ ކުޅުމެކެވެ. ދެ ޓީމުންވެސް ވަނީ ގޯލާއި އަމާޒުކޮށް ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ސިކުންތުކޮޅެއް އޮއްވާ ބިގަލޯސް އިން ވަނީ ލަނޑެއް ކާމިޔާބު ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޝާނާން ރަޝާދެވެ.

އެންމެ ފަހުގެ މަޅި ފުޓްސަލް މުބާރާތުގެ ފައިނަލެކޭ އެއްފަދައިން ބިގަލޯސް އިން މި މެޗުވެސް ކާމިޔާބުކޮށްފައި މި ވަނީ 2-1 އިންނެވެ.

މިއާއި އެކު ޖެހިޖެހިގެން ދެވަނަ ފަހަރު މުބާރާތް ކާމިޔާބު ކުރުމުގެ އަޒުމާއި އެކު ބިގަލޯސް އިން އަންނަ އަންގާރަ ދުވަހުގެ ރޭ ނިކުންނާނީ އެމްޕޯރިއަމް އާއި ދެކޮޅަށެވެ.

ސެމީ ފައިނަލުގެ މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ބިގަލޯސްގެ ފަހު ލަނޑު ކާމިޔާބު ކުރި ޝަނާނެވެ.

ވަގުތު މަޅި ފުޓަސަލް ޗެލެންޖު 2024ގެ މީޑިއާ ޕާޓްނަރަކީ "ވަގުތު" އޮންލައިން އެވެ.

ކިޔުންތެރިންގެ ހިޔާލު