ވިޒިޓް މޯލްޑިވްސް ޕްރޯ ބޮޑީބޯޑިން ވޯލްޑް ޓުއާ ރާއްޖޭގައި ބޭއްވިގެން ދިއުމަކީ ރާއްޖެއަށް ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމުގައި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ރާފިއު މިގޮތަށް ވިދާޅުވެފައިވަނީ ވިޒިޓް މޯލްޑިވްސް ޕްރޯ 2024 ބޯޑީބޯޑިން ވޯލްޑް ޓުއާ ލޯންޗު ކުރުމަށް މިއަދު އެކަމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވިޒިޓް މޯލްޑިވްސް ޕްރޯ ލޯންޗް ކުރުމަށް ބޭއްވުނު އިވެންޓްގެ ތެރެއިން- ފޮޓޯ: ކުޅިވަރު މިނިސްޓްރީ

ވިޒިޓް މޯލްޑިވްސް ޕްރޯ 2024 ބޮޑީބޯޑިން ވޯލްޑް ޓުއާ މިއަދު ރަސްމީކޮށް ލޯންޗުކޮށްފައިވާއިރު، ވިޒިޓް މޯލްޑިވްސް ޕްރޯ 2024 ލޯންޗް ކޮށްދެއްވާފައިވަނީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބްދުﷲ ރާފިއުއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި ދުނިޔޭގެ ހަ ގައުމެއްގައި ކުރިއަށްދާ އިވެންޓަކަށްވާއިރު، މި ހަ ގައުމުގެ ތެރޭގައި ރާއްޖެ ހިމެނިގެން ދިއުމަކީ މުޅި ރާއްޖެއަށް ވެސް ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމުގައި މިނިސްޓަރ ރާފިއު ވަނީ ފާހަގަކުރައްވާފައެވެ. އަދި މީގެ އިތުރުން ވޭތުވެ ދިޔަ ދެ އަހަރު ރާއްޖޭގައި ބޭއްވިގެން ދިޔަ ވިޒިޓް މޯލްޑިވްސް ޕްރޯގެ އިވެންޓްގައި ރާއްޖޭގެ އެތުލީޓުން ހާސިލްކޮށްފައިވާ ކާމިޔާބުތަކަށް އަލިއަޅުވާލަމުން މިންސްޓަރ ފާހަގަ ކުރެއްވިގޮތުގައި ދުނިޔޭގެ ރޭންކިންގައި ރާއްޖޭގެ އެތުލީޓުން ހޯދާފައިވާ ކާމިޔާބީތަކަކީ ފާހަގަ ކުރަންޖެހޭވަރުގެ ކާމިޔާބީތަކެކެވެ.

ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ރާފިއު މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި ފަހަރުގެ ވިޒިޓް މޯލްޑިވްސް ޕްރޯ އެކި ގޮތް ގޮތުން ވަރަށް ބޮޑަށް ހާއްސަވެގެން ދެއެވެ. މި ގޮތުން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ މި ފަހަރުގެ މުބާރާތުގައި އެހެން އަހަރު ތަކަށްވުރެ ގިނަ ގައުމުތަކުން ބައިވެރިވެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މި ހަރަކާތަށް މިނިސްޓްރީގެ ފަރާތުން ހުރިހާ އެއްބާރުލުމެއް ވެސް ލިބޭނެކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ވިޒިޓް މޯލްޑިވްސް ޕްރޯ ލޯންޗް ކުރުމަށް ބޭއްވުނު އިވެންޓްގެ ތެރެއިން- ފޮޓޯ: ކުޅިވަރު މިނިސްޓްރީ

މި ރަސްމިއްޔާތުގައި ބޮޑީބޯޑިން އެސޯސިއޭޝަންގެ ރައީސް ނިޒާމް ވަނީ މި އިވެންޓް ކުރިއަށް ގެންދިއުމަށް ސަރުކާރުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި މީގެ އިތުރުން ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބްދުﷲ ރާފިއުގެ ފަރާތުން ލިބެމުން ދާ އެއްބާރުލުން ވަކިން ހާއްސަކޮށް ފާހަގަ ކުރައްވާފައެވެ. އަދި މި އިވެންޓް ކުރިއަށް ގެންދިއުމަށް އެއްބާރުލުން ދެއްވާ ހުރިހާ ފަރާތްތަކަށް ވެސް ނިޒާމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ވިޒިޓް މޯލްޑިވްސް ޕްރޯ 2024 ބޯޑީބޯޑިން ވޯލްޑް ޓުއާ ކުރިއަށްދާނީ އޮގަސްޓް މަހުގެ 1 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް މާލެ ވަރުނުލާ ރާޅުގަނޑުގައެވެ. މިފަހަރުގެ ވިޒިޓް މޯލްޑިވްސް ޕްރޯގައި ރާއްޖޭގެ 15 އެތުލީޓަކަށް ވަނީ ފުރުސަތު ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު