މިފަހަރުގެ އީދު ބަންދާ ދިމާކޮށް ތ. ތިމަރަފުށީގައި ފުޓްސަލް މުބާރާތެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

އެފްއޭއާރު ފުޓްސަލް ޗެލެންޖުގެ ނަމުގައި ތިމަރަފުށި ފަޅުމަސް ސްޕޯޓްސް ކުލަބް އިސްނަގައިގެން އަދި ތިމަރަފުށި އެކުވެރިންގެ އާ ރޫހު ޖަމުއިއްޔާ އާ ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ ފުޓްސަލް މުބާރާތް ފަށާނީ އަންނަ އާދިއްތަ ދުވަހުއެވެ.

ތިމަރަފުށީގައި ފުޓްސަލް މުބާރާތެއް ނުބާއްވާ ގިނަ ދުވަސްތަކެއް ގޮސްފައިވާއިރު މިފަހަރުގެ އީދާ ދިމާކޮށް ކުރިއަށް ގެންދަން ނިންމާފައިވާ އެފްއޭއާރު ފުޓްސަލް ޗެލެންޖުގައި ޖުމްލަ އަށް ޓީމެއް ބައިވެރިވެއެވެ. އަދި މި މުބާރާތުގައި ރާއްޖޭގެ ފުޓްސަލްގެ ގިނަ ތަރިންތަކެއް ފެނިގެން ދާނެއެވެ.

ތިމަރަފުށި ފުޓްސަލް ޓީމު

ފުޓްސަލްގައި ނަން މަޝްހޫރު ތިމަރަފުށީގައި ފުޓްސަލް މުބާރާތެއް ކުރިއަށް ނުގެންގޮސް 10 އަހަރު ވެފައިވާއިރު މިފަހަރު އެފްއޭއާރު ފުޓްސަލް ޗެލެންޖު ވެގެންދާނީ ތިމަރަފުށީގައި މިހާތަނަށް ބޭއްވިގެންދާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތަށެވެ. މިފަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަކަށް 25،000 ރުފިޔާގެ އިނާމެއް ކަނޑައަޅާފައިވާއިރު ރަނަރަޕް ޓީމަށް 10000 ރުފިޔާގެ އިނާމެއް ވަނީ ހުށަހަޅައިފައެވެ.

ތިމަރަފުއްޓަށް އުފަން ފުޓްސަލްގައި ނަން މަޝްހޫރު ކުޅުންތެރިން 7 ޓީމަކުން ފެނިގެންދާއިރު 8 ވަނަ ޓީމަކަށް މި މުބާރާތުގައި ވާދަކުރާނީ ތިމަރަފުށީގައި އުފެދިފައިވާ ފުޓްބޯޅަ އެކަޑަމީގެ 16 އަހަރުން ދަށުގެ ޓީމެކެވެވެ. މިފަހަރުގެ އެފްއޭއާރު ފުޓްސަލް ޗެލެންޖުގައި ރާއްޖޭގެ ފުޓްސަލްގެ މަޝްހޫރު ގިނަ މޫނުތަކެއް ފެމިގެންދާނެކަން މުބާރާތް އިންތިޒާމު ކުރާފަރާތުން މައުލޫމާތުދެއެވެ.

10 އަހަރު ވަންދެން ތިމަރަފުށި ޒުވާނުން ފުޓްސަލް މުބާރާތެއްގެ އިންތިޒާރުގައި ތިއްބާ އެކަމަށް ނިމުމެއް ގެނައުމަށް ތިމަރަފުށި ފަޅިމަސް ސްޕޯޓްސް ކުލަބް އިން އިސްނަގައިގެން ތިމަރަފުށި އެކުވެރިންގެ އާ ރޫހު ޖަމުއިއްޔާ އާއި ގުޅިގެން މިފަހަރު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އެފްއޭއާރު ފުޓްސަލް ޗެލެންޖުގެ އެންމެ ބޮޑު އެއް ބޭނުމަކީ ވާދަވެރި ސުލްހަވެރިކޮށް ވާދަވެރި މާހައުލެއްގައި ތިމަރަފުށި ޒުވާނުންނަށް ފުޓްސަލް މުބާރާތެއްގައި ކުޅުމުގެ ފުރުސަތު ހުޅުވާލުމާއި ފުޓްސަލްގައި ތިމަރަފުށިގެ ނަން ދެމެހެއްޓުމަށް ކަމުގައި މި މުބާރާތް އިންތިޒާމް ކުރާފަރާތުން މައުލޫމާތު ދެއެވެ.

އެފްއޭއާރު ފުޓްސަލް ޗެލެންޖު އީދު ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު މި މުބާރާތުގެ ގުރުއަތުލުން މި މަހުގެ 14 ވަނަ ދުވަހު ކުރިއަށް ގެންދިމަށް ހަމަޖެހިފައިވެއެވެ.

އެފްއޭއާރު ފުޓްސަލް ޗެލެންޖު 2024ގެ މީޑިއާ ޕާޓްނަރަކީ "ވަގުތު" އޮންލައިންއެވެ.