ކެރިއަރުގެ އެންމެ ފަހު ކުލަބަކަށް ވާނީ އޭނާ މިހާރު ކުޅެމުން އަންނަ އިންޓަ މިއާމީ ކަމުގައި އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ބުނެފިއެވެ.

އުމުރުން 36 އަހަރުގެ މެސީ އީއެސްޕީއެން އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ މިވަގުތުގެ ހާލަތަށް ބަލައި އަދި ކަންކަން ހުރި ގޮތުން އޭނާ ދެން އިތުރު ކުލަބަކުން ނުފެންނާނެ ކަމަށެވެ. އޭނާގެ ކެރިއަރު ނިންމާލަން ބޭނުންވަނީ އެމެރިކާގެ އިންޓަ މިއާމީގައި ކަމުގައި މެސީ ވަނީ ބުނެފައެވެ.

ލިއޮނަލް މެސީ

އެ އިންޓަވިއުގައި މެސީ ބުނީ އޭނާ ކެރިއާ ނިންމާލަން އަދި ނުވިސްނާ ކަމަށެވެ. މެސީ އެ އިންޓަވިއުގައި ބުނެފައިވާގިގޮތުން ފުޓްބޯޅަ އެއްކޮށް ދޫކޮށްލަން އަދި އޭނާ ތައްޔާރެއް ނޫނެވެ.

"މި ވަގުތު އަހަންނަށް ވިސްނޭ ގޮތުގައި މިއީ އަހަރެންގެ ފަހު ކްލަބް. އެކަމަކު، އަދި ފުޓްބޯޅަ އެއްކޮށް ދޫކޮށްލާކަށެއް އަހަރެން ތައްޔާރެއް ނޫން" އިންޓަވިއުގައި މެސީ ބުނެފައިވެއެވެ.

ސްޕެއިންގެ ބާސެލޯނާގައި މޮޅު ކުޅުމެއް ދެއްކި މެސީ ބާސެލޯނާ ދޫކޮށްލުމަށްފަހު ދެން ބަދަލުވީ ފުރާންސްގެ ޕީއެސްޖީ އަށެވެ. ޕީއެސްޖީ އަށް ކުޅުމަށްފަހު އެމެރިކާގެ އިންޓަ މިއާމީ އަށް މެސީ ބަދަލު ވެފައިވަނީ މިދިޔަ އަހަރުއެވެ.

ލިއޮނަލް މެސީ

ދެހާސް ބާވީސް ވަނަ އަހަރުގެ ވޯލްޑް ކަޕް އާޖެންޓީނާ އިން ކާމިޔާބު ކުރިއިރު އެ ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި މުހިންމު ދައުރެއް އަދާކުރި މެސީއަކީ އަށް ފަހަރު މަތިން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ކުޅުންތެރިއެކެވެ. މެސީ ބާސެލޯނާ އާއެކު ހަތަރު ފަހަރު ޗެމްޕިއަންސް ލީގު ހޯދާފައިވާއިރު، ދިހަ ފަހަރެއްގެ މަތިން ލަލީގާ މެސީ ވަނީ ބާސެލޯނާ އާއެކު ހޯދައިފައެވެ.

މިހާތަނަށް ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ އާޖެންޓީނާގެ ލިއޮނަލް މެސީ އިންޓަ މިއާމީ އަށް މި ސީޒަންގައި 12 މެޗެއް ކުޅެފައިވާއިރު، އެ ޓީމަށް 12 ގޯލު މެސީ ވަނީ ކާމިޔާބުކޮށްދީފައެވެ. އަދި 13 ގޯލު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައިވެއެވެ.