ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑްގެ ކޯޗުކަމުން ވަކިވުމަށް އެޑިން ޓާޒިޗް އެދުމުން އެކަން ބަލައިގަނެފައިވާކަން ޑޯޓްމަންޑުން އިއުލާންކޮށްފިއެވެ.

މިއަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުން ޑޯޓްމަންޑް ބަލި ވުމާއެކު އެ ޓީމުގެ ކޯޗުކަމުން ޓާޒިޗް ވަކިވުމަށް އޭނާ ބޭނުންވިއެވެ. އެހެންކަމުން ޓާޒިޗްގެ އެ ހުށައެޅުން ޑޯޓްމަންޑުން ގަބޫލުކޮށްފައިވާކަން މިއަދު އެ ކުލަބް އިން ވަނީ އިއުލާންކޮށްފައެވެ.

އެޑިން ޓެރްޒިކް

ޓާޒިޗް ޑޯޓްމަންޑްގެ ކޯޗުކަމާއި ހަވާލުވެފައިވަނީ 2022 ވަނަ އަހަރުއެވެ. އޭގެ ކުރިން ޓާޒިޗް ވަނީ ޑޯޓްމަންޑްގެ ކޯޗިން ސްޓާފުންގެ ތެރޭގައި ހަރަކާތްތެރިވެފައެވެ. އަދި ޑޯޓްމަންޑްގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ޑޯޓްމަންޑްގައި ހަރަކާތްތެރިވެފައިވާ ޓާޒިޗް ވަނީ ވަގުތީ ކޯޗެއްގެ ގޮތުގައި ހުރެ 2021 ވަނަ އަހަރުގެ ޖަރުމަނު ކަޕު ވެސް ޑޯޓްމަންޑް އަށް ކާމިޔާބުކޮށްދީފައެވެ.

ޑޯޓްމަންޑުން ނެރެފައިވާ ބަޔާނުގައި ބުނެފައިވާ ގޮތުން އެ ޓީމުގެ ހެޑްކޯޗު ކަމުގެ މަގާމުން އެޑިން ޓާޒިޗް ވަކިވުމަށް އޭނާގެ ކޮންޓްރެކްޓް އުވާލުމަށް އެދުމުން އެކަމަށް ގޮތެއް ނިންމުމަށް ދެފަރާތުން މަޝްވަރާ ކުރުމަށްފަހު އެޑިން ޓާޒިޗްގެ ކޮންޓްރެކްޓް ބާތިލް ކުރުމަށް ވަނީ ނިންމައިފައެވެ. އަދި ޑޯޓްމަންޑް އިން ވަނީ ޓާޒިޗްގެ އެ ނިންމުމަށް އިހުތިރާމު ކުރާކަމަށާއި ޓެރްޒިކް އެ ޓީމަށް ކޮށްދިން މަސައްކަތަށް ޝުކުރު އަދާކޮށްފައެވެ.

އެޑިން ޓެރްޒިކް

އެޑިން ޓާޒިޗް 2022 ވަނަ އަހަރު ޑޯޓްމަންޑްގެ ކޯޗުކަމާއި ހަވާލު ވުމުގެ ކުރިން އޭނާ ވަނީ އެ ޓީމުގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމުވެސް ފުރާފައެވެ. ޓާޒިޗް އޭނާގެ މުސްތަގްބަލާއި މެދު އަދި ވަކިގޮތެއް ނިންމާފައި ނުވާއިރު އޭނާގެ ބަޔާނުގައި އޭނާ ބުނެފައިވަނީ މީ އޭނާ އަށް ފަސޭހަ ނިންމުމެއް ނޫން ކަމަށާއި އޭނާ އަބަދުވެސް އެދެނީ ޑޯޓްމަންޑް އަށް ކުރިއެރުން ކަމުގައި ވަނީ ބުނެފައެވެ.

އުމުރުން 41 އަހަރުގެ ޓާޒިޗް ކޯޗުކަމުގައި ޖަރުމަނު ލީގުގެ ތަށި ހޯދުމަށް ކުރި މަސައްކަތްވެސް ފަހުވަގުތު ވަނީ ކާމިޔާބު ނުވެފައެވެ. އަދި މި ސީޒަން ޑޯޓްމަންޑް އިން ނިންމާލާފައިވަނީ ޖަރުމަނު ލީގުގެ ފަސް ވަނައިގައެވެ.

ކިޔުންތެރިންގެ ހިޔާލު