ޔޫރޯ 2024ގެ ފުރަތަމަ މެޗުގައި ޖަރުމަނު އަދި ސްކޮޓްލޭންޑް ވާދަކުރި މެޗު ފަސޭހަ ކަމާއި އެކު ޖަރުމަނުން ކާމިޔާބުކޮށްފިއެވެ.

ޔޫރޯ 2024ގެ މެޗުތައް ރޭ ފެށިފައިވާއިރު، މިފަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުގައި މުބާރާތް ބާއްވާ ގައުމު ޖަރުމަނާއި ސްކޮޓްލޭންޑް ވާދަކުރި މެޗު ޖަރުމަނުން ކާމިޔާބުކޮށްފައިވަނީ 1-5 ގެ ނަތީޖާ އަކުންނެވެ.

ޔޫރޯ 2024-ޖާމަނީ އަދި ސްކޮޓްލޭންޑް ވާދަކުރި މެޗުގެ ތެރެއިން

ޖަރުމަނު އެ ޓީމުގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ފަށައިގެން 10 ވަނަ މިނެޓުގައި ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނަގާފައެވެ. ޖޮޝުއާ ކިމިޗް ތަނަވަސް ކޮށްދިން ފުރުސަތަކުން މި ގޯލު ޖަރުމަނު ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ފްލޮރިއަން ވިޓްޒްއެވެ. އަދި މެޗުގެ 19 ވަނަ މިނެޓުގައި ކައި ހަވާޓްޒް ތަނަވަސް ކޮށްދިން ފުރުސަތަކުން ޖަރުމަނު ޓީމުގެ ޒުވާން ފޯވާޑު ޖަމާލް މުސިއާލާ ވަނީ އެ ޓީމަށް އިތުރު ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ފުޅާކޮށްދީފައެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފު ނިމެން ކުޑަ ވަގުތު ކޮޅަކަށްވެފައިވަނިކޮށް ސްކޮޓްލޭންޑްގެ ޕެނަލްޓީ އޭރިއާގެ ތެރެއިން ޖަރުމަނު ޓީމުގެ ކުޅުންތެރިއަކަށް ކުރި ފައުލް އަކާއި ގުޅިގެން ޖަރުމަނަށް ވަނީ ޕެނަލްޓީއެއްވެސް ލިބިފައެވެ. އަދި މި ފައުލާއި ގުޅިގެން ސްކޮޓްލޭންޑްގެ ޑިފެންޑަރ ރަޔަން ޕޯޓިއަސް އަށް ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. ޖަރުމަނު ޓީމަށް ލިބުނު މި ޕެނަލްޓީ ކާމިޔާބުކޮށް މެޗުގެ ލީޑު އެ ޓީމަށް އިތުރަށް ފުޅާކޮށްދީފައިވަނީ ކައި ހަވާޓްޒްއެވެ. މިއާއި އެކު މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައީ 0-3 ގެ ނަތީޖާ އަކުން ޖަރުމަނު ކުރީގައި އޮވެގެންނެވެ.

މުޅި މެޗުގައިވެސް މޮޅު ކުޅުމެއް ދައްކަމުންދިޔަ ޖަރުމަނު ޓީމުން ވަނީ ދެވަނަ ހާފުގައި އިތުރު ގޯލެއް ކާމިޔާބުކޮށްފައެވެ. މެޗުގެ 68 ވަނަ މިނެޓުގައި މި ގޯލު ޖަރުމަނަށް ކާމިޔާބުކޮށްދީފައިވަނީ ނިކްލަސް ފުލާގްއެވެ. އަދި މެޗުގެ 76 ވަނަ މިނެޓުގައިވެސް ފުލާގް ވަނީ ޖަރުމަނު ޓީމަށް އިތުރު ގޯލެއް ކާމިޔާބުކޮށްދީފައެވެ. އެހެން ނަމަވެސް އޮފްސައިޑް ވުމުގެ ސަބަބުން މި ގޯލު ވަނީ ބަލައިނުގަނެފައެވެ.

ޔޫރޯ 2024-ޖާމަނީ އަދި ސްކޮޓްލޭންޑް ވާދަކުރި މެޗުގެ ތެރެއިން

ދިހަ ކުޅުންތެރިންނާއި އެކު ދެވަނަ ހާފު އެއްކޮށް ކުޅެމުންދިޔަ ސްކޮޓްލޭންޑް އިން އެ ޓީމުގެ ހަމަ އެކަނި ގޯލު ކާމިޔާބުކޮށްފައިވަނީ މެޗުގެ 87 ވަނަ މިނެޓުގައެވެ. މި ގޯލަކީ ސްކޮޓްލޭންޑް އިން ފޮނުވާލި ހިލޭ ޖެހުމެއް ޖަރުމަނުގެ ޕެނަލްޓީ އޭރިއާގެ ތެރޭ ފެނުޖެހިގެން އައިބޯޅަ ސްކޮޓްލޭންޑްގެ ކުޅުންތެރިއަކު ގޯލަށް ފޮނުވާލަން އުޅުމުގެ ތެރޭގައި ޖަރުމަނުގެ ޑިފެންޑަރ އެންތޯނިއޯ ރުޑިގާ ބޮލުގައި ޖެހިފައި ބައިކޮޅަށް ވަތް ގޯލެކެވެ. ޖަރުމަނުން އެ ޓީމުގެ ފަހު ގޯލު ކާމިޔާބުކޮށްފައިވަނީ މެޗުގެ 90 މިނެޓުގެ ކުޅުން ހަމަވެގެން ކުޅެވުނު އިތުރު ވަގުތުގައެވެ. މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އެމްރެ ކޭން އެވެ. މިއާއި އެކު މެޗުގެ ކުޅުން ނިމިގެން ދިޔައީ 1-5 ގެ ނަތީޖާ އަކުން ޖަރުމަނު ކުރި ހޯދައިގެންނެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ތިން މެޗެއް ކުޅެން ހަމަ ޖެހިފައިވާއިރު، މިރޭގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ހަންގޭރީ އާއި ސްވިޒަލޭންޑް އެވެ. މި މެޗު ފެށުމަށް ހަމަ ޖެހިފައިވަނީ ރާއްޖެ ގަޑިން 18:00 ގައެވެ. އަދި މިރޭގެ ދެވަނަ މެޗުގައި ވާދަކުރާނީ ސްޕެއިން އާއި ކްރޮއޭޝިއާ އެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން މިރޭ 21:00 ގައެވެ. އަދި މިރޭގެ ފަހުމެޗުގައި ރާއްޖެ ގަޑިން ދަންވަރު 12:00 ޖަހާއިރު ވާދަކުރާނީ އިޓަލީ އާއި އަލްބޭނިއާ އެވެ.

ކިޔުންތެރިންގެ ހިޔާލު