ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި ކްރޮއޭޝިއާ 3-0 އިން ބަލިކޮށް، ސްޕެއިން އިން ފެށުން ރަނގަޅުކޮށްފިއެވެ. މި މެޗުގައި ސްޕެއިންގެ ކުޅުންތެރިންގެ ތެރެއިން ތަފާތު ފެނުނީ އުމުރުން 16 އަހަރުގެ ލަމީން ޔަމާލްގެ ފަރާތުންނެވެ. ސްޕެއިންގެ ބާސެލޯނާ އަށް ކުޅެމުން އަންނަ ޔަމާލް މި މެޗުގައި އެއް އެސިސްޓް ހެދިއެވެ. އަދި ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ވެސް ލިބުނެވެ. ސްޕެއިންގެ ކަނާތް ފަރާތު އަރިމަތިން އެންމެ ނުރައްކާ ކުރި ކުޅުންތެރިއަކީ ވެސް ޔަމާލެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ބީގައި ސްޕެއިން އަދި ކްރޮއޭޝިއާ ބައްދަލު ކުރި މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. ނަމަވެސް ލިބޭ ފުރުސަތު ތަކުގައި ދެ ޓީމުންވެސް ދިޔައީ ދެ ޓީމުގެ ގޯލަށް ނުރާއްކާ ކުރަމުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ފުރަތަމަ ގޯލު ޖަހާ މެޗުގެ ލީޑު ނެގީ ސްޕެއިނުންނެވެ.

ޔޫރޯ 2024- ސްޕެއިން އަދި ކްރޮއޭޝިއާ ވާދަކުރި މެޗުގެ ތެރެއިން

މި މެޗުގެ 29 ވަނަ މިނެޓުގައި ފަބިއަން ރުއިސް ތަނަވަސްކޮށްދިން ފުރުސަތަކުން މި ގޯލު ސްޕެއިނަށް ކާމިޔާބުކޮށްދީފައިވަނީ އެ ޓީމުގެ ކެޕްޓަން އަލްވަރޯ މޮރާޓާއެވެ. މި ގޯލު ސްޕެއިން އިން ކާމިޔާބުކޮށް މާގިނަ އިރުތަކެއް ނުވަނީސް އެ ޓީމުން ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް މެޗުގެ ފަރަގު ބޮޑުކޮށްފައެވެ. މެޗުގެ 32 ވަނަ މިނެޓުގައި ޕެޑްރީ ތަނަވަސްކޮށްދިން ފުރުސަތަކުން މި ގޯލު ސްޕެއިންއަށް ކާމިޔާބުކޮށްދީފައިވަނީ ފަބިއަން ރުއިސްއެވެ.

ސްޕެއިންގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފު ނިމެން ކުޑަ ވަގުތު ކޮޅަކަށް ވެފައިވަނިކޮށް ސްޕެއިންގެ ޒުވާން ތަރި ޔަމާލް ތަނަވަސްކޮށްދިން ފުރުސަތަކުން ޑެނީ ކަރްވަހާލް ވަނީ ސްޕެއިންއަށް އިތުރު ގޯލެއް ކާމިޔާބުކޮށްދީ މެޗުގެ ފަރަގު ބޮޑުކޮށްފައެވެ. މި އާއި އެކު މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިއައީ 0-3 ގެ ނަތީޖާ އަކުން ސްޕެއިން ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެންވެސް ދެ ޓީމަށްވެސް ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައިވެއެވެ. މިގޮތުން ސްޕެއިންގެ ޒުވާން ތަރި ޔަމާލް އަށް ކްރޮއޭޝިއާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ވަނީ ވަރަށް ހުސް ފުރުސަތެއް ލިބިފައެވެ. ކްރޮއޭޝިއާގެ ގޯލު އަރިމަތިން ޔަމާލް ހުސްކޮށްހުރެ ފޮނުވާލި ބޯޅަ ކްރޮއޭޝިއާގެ ކީޕަރު ޑޮމިނިކް ލޮވޯކޮވިޗް ވަނީ ދިފާއުކޮށްފައެވެ.

މޮރާޓާ ގޯލްގެ ތެރެއަށް ބޯޅަ ވައްދާލަނީ.

ތިން ގޯލުގެ ތަފާތަކުން ކްރޮއޭޝިއާ ފަހަތުގަ އޮތުމާއިއެކު އެ ޓީމުން ދިޔައީ ގޯލެއް ޖެހޭތޯ ވަރަށް މަސައްކަތް ކުރަމުންނެވެ. ކްރޮއޭޝިއާ ޓީމުން ގޯލެއް ކާމިޔާބު ކުރެވޭތޯ ކުރަމުން ދިޔަ މަސައްކަތުން މެޗުގެ 80 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ޕެނަލްޓީ އެއް ހޯދާފައެވެ. ކްރޮއޭޝިއާ ޓީމުން ފޮނުވާލި ޕެނަލްޓީ ސްޕެއިންގެ ކީޕަރު އުނާއި ސިމޯން ވަނީ ދިފާއުކޮށްފައެވެ. އުނާއީ ސިމޯން ޕެނަލްޓީ ދިފާއު ކުރަން ޖައްސާލި ބޯޅަ ދެވަނަ ފަހަރަށް ކްރޮއޭޝިއާ ކުޅުންތެރިން ގޯލަށް ވައްދާލި ނަމަވެސް އޮފްސައިޑް ވުމުގެ ސަބަބުން އެ ގޯލު ބަލައެއް ނުގަނެއެވެ.

އޭގެ ފަހުން ވެސް ކްރޮއޭޝިއާ ޓީމަށް ގޯލު ޖަހާނެ ފުރުސަތުތަށް ލިބިގެން ދިޔަނަމަވެސް ގޯލެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދިޔައީ 0-3 ގެ ނަތީޖާ އަކުން ސްޕެއިން ކުރީގައި އޮވެގެންނެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ރާއްޖެ ގަޑިން ދަންވަރު 12 ޖަހާއިރު ކުޅޭ މި މެޗުގައި ވާދަކުރާނީ އިޓަލީ އާއި އަލްބޭނިއާ އެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނނނ

    މަމެން އުފާވޭ ޔޭ ޔަމާލު މުސްލިމަކަށް ވީމަަ
    ކާމިޔާބަށް އެދެން

    7
    1