ބްރެޒިލް އާއެކު، ކޮޕަ އެމެރިކާ، ފީފާ ވޯލްޑް ކަޕް އަދި ފީފާ ކޮންފަޑެރޭޝަން ކަޕް ކާމިޔާބުކޮށްފައިވާ ބްރެޒިލްގެ ލެޖެންޑް ރޮނާލްޑީނިއޯ މިފަހަރުގެ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތަށް އެކުލަވާލި ބްރެޒިލްގެ ގައުމީ ޓީމަށް ފާޑު ކިޔައިފިއެވެ.

އަންނަ ބުރާސްފަތި ދުވަހު އެމެރިކާގައި ފެށުމަށް ހަމަޖެހިފައިވާ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތަށް އެކުލަވާލާފައިވާ ބްރެޒިލްގެ ޓީމަށް ވަރަށް ބޮޑަށް ފާޑުކިޔާ ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑު ރޮނާލްޑީނިއޯ ސޯޝަލް މީޑިއާގައި ބުނެފައިވާގޮތުން މިފަހަރުގެ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ބްރެޒިލްގެ ގައުމީ ޓީމު ކުޅޭ މެޗުތައް ބަލަން އޭނާ ލަދުގަންނަ ކަމަށެވެ. އަދި މިފަހަރުގެ ކޮޕަ އެމެރިކާގައި ބްރެޒިލް އިން ކުޅޭ މެޗުތައް އޭނާ ނުބަލާނެ ކަމަށް ވެސް ބުންޏެވެ،

ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ރޮނާލްޑީނިއޯ

ރޮނާލްޑީނިއޯ ބުނީ ބްރެޒިލް ފުޓްބޯޅަ މިހާރު އޮތީ ހީނުކުރާހާ ދަށް ލެވަލަކަށް ވެއްޓިފައި ކަމަށާއި މީގެ ކުރީގައި އޮތް ވަރުގަދަ، ހުނަރުވެރި ބްރެޒިލް ޓީމެއް މިހާރު ނުފެންނަ ކަމަށެވެ. އަދި ބްރެޒިލްގެ ލެވަލް ކުޅުންތެރިން ގައުމީ ޓީމުގައި ވެސް މަދު ކަމަށާއި މިހާރު ބްރެޒިލްގެ ޓީމުގައި ހިމެނިފައިވަނީ އާދައިގެ ކުޅުންތެރިން ތަކެއް ކަމަށް ރޮނާލްޑީނިއޯ ވަނީ ބުނެފައެވެ.

މީގެ އިތުރުން ބްރެޒިލުން މިފަހަރުގެ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ހޯދާ އެއްވެސް ކާމިޔާބެއްގައި އޭނާ އުފާ ފާޅު ނުކުރާނެ ކަން ފާހަގަކޮށް ރޮނާލްޑީނިއޯ ބުނީ ބްރެޒިލް ފުޓްބޯޅަ މިހާރު އެ ވެއްޓެމުންދާ ހާލަތާ މެދު ކަންބޮޑުވެ، ލަދުގަންނަ ކަމަށެވެ.

ރޮނާލްޑީނިއޯގެ މި ވާހަކަތަކާއެކު ބްރެޒިލް ޓީމުގެ ބައެއް ކުޅުންތެރިންނާއި މީޑިއާ އިން ކުރި ސުވާލަކަށް ދިން ޖަވާބުގައި މިފަހަރުގެ ބްރެޒިލް ޓީމުގައި ހިމެނޭ ރަފީނިއާ ބުނީ، ރޮނާލްޑީނިއޯ އަކީ އަބަދުވެސް ޓީމަށް ހިތްވަރު ދެމުން އަންނަ ލެޖެންޑެއް ކަމަށާއި ބްރެޒިލްގެ ގިނަ ކުޅުންތެރިން ދެކެނީ އެއީ އައިޑަލްއެއްގެ ގޮތުގައި ކަމަށެވެ. އަދި އެ ފަދަ ލެޖެންޑެއްގެ ފަރާތުން ބްރެޒިލްގެ މިހާރުގެ ޓީމާ ބެހޭގޮތުން، އެ އިވުނު ވާހަކަތަކާ އެކު، ޓީމުގެ ކުޅުންތެރިންނަށް ޝޮކެއް ލިބިފައިވާ ކަމަށް ރަފީނިއާ ވަނީ ބުނެފައެވެ.

ބްރެޒިލްގެ މިހާރުގެ ޓީމުގައި ހިމެނޭ ރަފީނިއާ

ކުރިއަށް އޮތް ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ބްރެޒިލް އިން އެމެރިކާ އާއި އެކު ކުޅުނު ބައިނަލްއަގުވާމީ އެކުވެރި ކަމުގެ މެޗުގައިވެސް 1-1 ގެ ނަތީޖާއަކުން ވަނީ އެއްވަރު ވެފައެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ ގަދަ ބާރެއްގެ ގޮތުގައި މަޝްހޫރު ބްރެޒިލް އަށް ބޮޑު މުބާރާތެއްގެ ތަށި ހޯދިފައިވަނީ 2019 ވަނަ އަހަރުއެވެ. އެ އަހަރުގެ ކޮޕަ އެމެރިކާގެ ތައްޓަށްފަހު ބްރެޒިލްގެ ގައުމީ ޓީމަށް ބޮޑު މުބާރާތެއްގެ ތައްޓެއް ލިބިފައެއް ނުވެއެވެ.

ކޮޕަ އެމެރިކާގައި ބްރެޒިލް ކުޅޭ ފުރަތަމަ މެޗުގައި މި މަހު 25 ގައި ކުޅޭނީ ކޮސްޓަރިކާއާ ދެކޮޅަށެވެ. ގުރޫޕް ސްޓޭޖުގެ ދެ ވަނަ މެޗުގައި، މި މަހު 29 ގައި ޕެރަގުއޭއާ ދެކޮޅަށް ކުޅުމަށް ފަހު، ގްރޫޕް ފަހު މެޗުގައި، އަންނަ މަހުގެ ތިން ވަނަ ދުވަހު ބްރެޒިލް ނިކުންނާނީ ކޮލަމްބިއާއާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު