ރެއާލް މެޑްރިޑްގެ ކުރީގެ ކުޅުންތެރިޔާ ސާޖިއޯ އަރިބަސް ރާއްޖޭގެ ރިސޯޓެއްގައި ގެނބެމުންދިޔަ ދެމަފިރިޔަކު ސަލާމަތްކޮށްފިއެވެ.

އުމުރުން 22 އަހަރުގެ އަރިބަސް މިވަގުތު ހުރީ އޭނާގެ ލޯބިވެރިޔާއެކީ ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖޭގެ ރިސޯޓެއްގައެވެ. އޭނާ ހުރީ ކޮން ރިސޯޓެއްގައިކަން އަދި ސާފެއް ނުވެއެވެ. އެހެން ނަމަވެސް އޭނާގެ އިންސްޓަގްރާމް އެކައުންޓްގެ ސްޓޯރީގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ މަންޒަރު ފެންނަ ޕޯސްޓެއް ކޮށްފައި ވެއެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ލޯބިވެރިޔާ އާއި ދެމީހުން ކޮޓަރީގެ ޕޫލުގައި ތިއްބާ އެ ހިސާބުން ސްނޯކްލް ކުރަމުން ދިޔަ ދެ ފަތުރުވެރިން އެހީތެރިކަމަށް އެދި ގޮވަމުންދާ މަންޒަރު ފެނިގެން އަރިބަސް ވަނީ ވަގުތުން މޫދަށް ފުންމާލައި އެ ދެމަފިރިން ސަލާމަތްކޮށްފައެވެ.

އަރިބަސް އެ މީހުން ސަލާމަތްކުރާ މަންޒަރު ފެންނަ ވީޑީއޯއެއް ދައުރުވަމުންދާއިރު، ބައިނަލްއަގުވާމީ މީޑިއާތަކުގެ ސަމާލުކަންވެސް ވަނީ އެކަމަށް ލިބިފައެވެ.

މިހާރު ސްޕެއިންގެ އަލްމޭރިއާއަށް ކުޅެމުން އަންނަ އަރިބަސް ރެއާލްގައި ހޭދަކުރި ދުވަސްތަކުގައި އޭނާވަނީ އެ ކްލަބާއެކު 2022-2023ގެ ކޮޕަ ޑެލް ރޭ އާއި 2022 ވަނަ އަހަރު ބޭއްވި ފީފާ ކްލަބް ވޯލްޑް ކަޕްވެސް ކާމިޔާބުކޮށްފައެވެ.

ރާއްޖޭގެ ރިސޯޓްތަކުގައި ފަތުރުވެރިން ގެނބިގެން ނިޔާވާ ހާދިސާތައް ދޭތެރެ ދޭތެރެއިން ހިނގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނުރަބެ

    ރިސޯޓުތަށް ވަރަށް ފަރުވާކުޑަ ލައިފުގާޑުން ވަޒީފާތަކަށް ނުނެގެންވީ ސަބަބެއްނެތް ......... ގެސްޓުން ގެންނަން ބޭނުންވާނަމަ މިކަހަލަ ހާދިސާތަކަށް ވިސްނަންޖެހޭ މިއީ މާމުހިއްމުކަމެއް އޯނަރުންވެސް މިކަމަށް ވިސްނަންވެއްޖެ.

    8
    1
  2. ސާ

    މިހާރުދެން ގެސްޓުން ސަލާމަތް ކުރަން ޖެހެނީވެސް އެހެން ގެސްޓުން. ރާއްޖޭގެ ރިސޯޓުތަކުގެ ސޭފްޓީ ކަންކަން ފެންވަރު ދެރަކަން މިފާހަނގަވަނީ. ގެނބުމުގެ ހާދިސާތަށް ރާއްޖޭގެ ރިސޯޓުތަކުގައި މިހާރު އާންމުވާ ދަރަޖައަށް ހިނގައްޖެ