މިހާރު ޖަރުމަނުގައި ކުރިއަށްދާ ޔުއެފާ ޔޫރޯ 2024 މިރޭ ގުރޫޕް ސީ ގައި ޑެންމާކު އަދި ސްލޮވޭނިއާ ވާދަކުރާ މެޗަކީ މި ދެ ޓީމަށްވެސް މުހިންމު މެޗެކެވެ. ގުރޫޕް ސްޓޭޖު ފަހަނަ އަޅާ ކުރިއަށް ދިއުމަށް މި ދެ ޓީމަށް ވެސް މި މެޗުން މޮޅުވުން މުހިންމުވާނެއެވެ. މި ގުރޫޕުގައި މި ދެ ޓީމު އާއި ނުލާ ދެން އޮތީ އިންގްލެންޑް އާއި ސާބިއާ އެވެ.

ސްލޮވޭނިއާ އަދި ޑެންމާކު މީގެ ކުރިން 6 ފަހަރެއްގެ މަތިން ވާދަކޮށްފައިވާއިރު ސްލޮވޭނިއާ އަށް ޑެންމާކުގެ މައްޗަށް ކުރި ހޯދިފައެއް ނުވެއެވެ. މި ދެ ޓީމު ވާދަ ކުރި 6 މެޗުގެތެރެއިން 5 މެޗުން ޑެންމާކު މޮޅު ވެފައިވާއިރު އެއް މެޗުން ވަނީ މި ދެ ޓީމު އެއްވަރު ވެފައެވެ. މިފަހަރުގެ ޔޫރޯ ކޮލިފައިންގައިވެސް މި ދެ ޓީމު ހިމެނިގެން ދިޔައީ އެއް ގުރޫޕެއްގައެވެ. ކޮލިފައިންގައި މި ދެ ޓީމު ވާދަކުރި ފުރަތަމަ މެޗު 1-1 ގެ ނަތީޖާ އަކުން އެއްވަރު ވެފައިވާއިރު ދެވަަނަ މެޗު ޑެންމާކުން ކާމިޔާބުކޮށްފައިވަނީ 1-2 ގެ ނަތީޖާ އަކުންނެވެ.

ސްލޮވޭނިއާ ފުޓްބޯޅަ ޓީމް

ސްލޮވޭނިއާ އިން އެ ޓީމުގެ ދެ ވަނަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗަށް ކުރިމަތިލާއިރު އެ ޓީމު އެންމެ ފަހުން ޔޫރޯ ފުޓްބޯޅަ މުބާރާތެއްގައި ކުޅެފައިވަނީ 2000 ވަނަ އަހަރުއެވެ. އޭގެ ފަހުން ޔޫރޯ ފުޓްބޯޅަ މުބާރާތަކަށް ސްލޮވޭނިއާ ކޮލިފައިވެފައި ނުވާއިރު އެފަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތް ސްލޮވޭނިއާ އިން ނިންމާލަން ޖެހުނީ ކުޅުނު އެއްވެސް މެޗަކުން މޮޅު ނުވެއެވެ.

ޑެންމާކު އިން އެ ޓީމުގެ 10 ވަނަ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކުރިމަތިލާއިރު، ޑެންމާކް އަކީ 1992 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފައިވާ ޓީމެވެ. ޑެންމާކުން އެންމެ ފަހުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި ވެސް ވަނީ ވާދަކޮށްފައެވެ. އެހެން ކަމުން މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މި ޓީމުން މި ނިކުންނަނީ މިދިޔަ ފަހަރަށްވުރެ ރަނގަޅުކޮށް މުބާރާތުގެ ތަށި ހޯދުމަށެވެ.

ޑެންމާކު ފުޓްބޯޅަ ޓީމު

ކޯޗުންގެ ބަސް:

ސްލޮވޭނިއާ ކޯޗު މަޓްޖާޒް ކެކް: "ޑެންމާކު އަކީ ގުރޫޕުގެ ފެވަރިޓުން، ޑެންމާކު އަކީ މުބާރާތް ކާމިޔާބު ކުރެވޭވަރުގެ ފެންވަރު ހުރި ކުޅުންތެރިން ހިމެނޭ ޓީމެއް، އަހަރެން އަބަދުވެސް ޑެންމާކު އަށް އިހުތިރާމު ކުރަން، އެކަމަކު ބައެއްފަހަރު ފެވަރިޓުންގެ މައްޗަށް އާދައިގެ ޓީމު ކުރި ހޯދާފަ އެބަހުރި، އަހަރެން އުންމީދު ކުރަނީ މިރޭގެ މެޗުން އަހަރުމެންނަށް ޑެންމާކުގެ މައްޗަށް ކުރި ހޯދޭނެ ކަމަށް."

ޑެންމާކު ކޯޗު ކެސްޕާ ހްޖުލްމަންޑް: މުބާރާތުގެ ފުރަތަމަ މެޗު އަބަދުވެސް އުނދަގޫވާނެ، އެކަމަކު އަހަމެން މިި ތިބީ މި މެޗު ކާމިޔާބުކުރުމަށް ތައްޔާރަށް، އަހަރުމެންނަކީ މި މެޗުގެ ފެވަރިޓުން، އެކަމަކު ސްލޮވޭނިއާ ޓީމަކީ ވެސް އާދައިގެ ޓީމެއް ނޫން، އުންމީދު ކުރަނީ މިރޭގެ މެޗުން އަހަރެމެންނަށް ރަނގަޅު ކާމިޔާބެއް ލިބިގެން ދާނެކަމަށް."

މިރޭގެ މެޗުގައި ދެ ޓީމުގެ ފަރާތުން ނިކުންނާނެ ކަމަށް ލަފާކުރެވޭ ފުރަތަމަ 11 ކުޅުންތެރިން

ޑެންމާކު: ކަސްޕަރ ޝްމައިޗެލް، ޖޯކިމް އެންޑަސަން، އެންޑްރިއަސް ކްރިސްޓެންސަން، ޖަނިކް ވެސްޓަރގާޑް، ޖޯއަކިމް މައެހްލޭ، ޕިއެރޭ- އެމިލް ހޮޖްބްޖެރގް، މޯޓެން ހްޖުލްމަންޑް، ވިކްޓަރ ކްރިސްޓިއަންސަން، ކްރިސްޓިއަން އެރިކްސަން، ރަސްމަސް ހޮޖްލަންޑް، މިކެލް ޑަމްސްގާޑް

ސްލޮވޭނިއާ: ޖާން އޮބްލަކް، ޒާން ކާނިކްނިކް، ޑޭވިޑް ބްރެކަލޯ، ޖާކާ ބިޖޯލް، އެރިކް ޖަންޒާ، ޓޮމީ ހޯރްވަޓް، ޓިމީ މެކްސް އެލްސްނިކް، އޭޑަމް ގްނެޒްޑާ ސެރިން، ޖާން މްލާކާ، އަންޑްރާޒް ސްޕޯރާ، ބެންޖަމިން ސެސްކޯ

މި މެޗު ޖަރުމަނުގެ ސްޓަޓްގާޓް އެރީނާ ގައި ކުޅެވޭއިރު، މި މެޗު ފެށުމަށް ހަމަ ޖެހިފައިވަނީ މިރޭ ރާއްޖެ ގަޑިން 9:00 ގައެވެ.