ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ އިޓަލީ އަދި އަލްބޭނިއާ ވާދަކުރި މެޗުގައި އަލްބާނިއާ އިން އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ ކޮޅަށް ޖެހި ގޯލަކީ ޔޫރޯގެ ތާރީހުގައި މިހާތަނަށް ފެނިގެންދިޔަ އެންމެ އަވަސް ގޯލެވެ.

މިހާރު ޖަރުމަނުގައި ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ އަލްބޭނިއާ އަދި އިޓަލީ ވާދަކުރި މެޗުގައި އަލްބޭނިއާ އިން އިޓަލީ ކޮޅަށް ގޯލު ޖަހާފައިވަނީ މެޗު ފަށައިގެން 23 ވަނަ ސިކުންތުގައެވެ. މި ގޯލާއި އެކު އަލްބޭނިއާ މިވަނީ 64 އަހަރުވީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ރެކޯޑެއް މުގުރާލާފައެވެ.

ޔޫރޯ 2024- އިޓަލީ އަދި އަލްބޭނިއާ ވާދަކުރި މެޗުގެ ތެރެއިން

ރޭގެ މެޗުން އިޓަލީ މޮޅުވިނަމަވެސް އަލްބޭނިއާ އަށް ލިބިގެން މި ދިޔައީ ވަރުގަދަ ރެކޯޑެކެވެ. މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އެންމެ ވަރުގަދަ ގުރޫޕުގައި ހިމެނުނު އަލްބޭނިއާ އިން އެންމެ ފަހުގެ ޗެމްޕިއަނުން ކޮޅަށް މިހާ އަވަހަށް ގޯލެއް ކާމިޔާބު ކޮށް ޔޫރޯގެ ރެކޯޑެއް މުގުރާލެވުމަކީ ހަމަ ގައިމުވެސް އަލްބޭނިއާ އަށް މިފަހަރުގެ މުބާރާތުން ލިބިގެން ދާނެ އުފާވެރި ކާމިޔާބެކެވެ.

މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ބީގައި ރޭ އިޓަލީ އަދި އަލްބޭނިއާ ވާދަކުރި މެޗު އިޓަލީ އިން ކާމިޔާބުކޮށްފައިވަނީ 1-2 ގެ ނަތީޖާ އަކުންނެވެ. މި މެޗުން އިޓަލީ ކުރި ހޯދި ނަމަވެސް މެޗު ފަށައިގެން 23 ވަނަ ސިކުންތުގައި އަލްބޭނިއާ އިން ވަނީ އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ ކޮޅަށް ގޯލެއް ކާމިޔާބުކޮށް އެ ޓީމު ޕްރެޝަރަށް ދުއްވާލާފައެވެ. މެޗު ފަށައިގެން އިޓަލީ އަށް ލިބުނު އެއްލުމެއްގައި އެ ޓީމުގެ ލެފްޓް ބެކް ފެޑެރިކޯ އިޓަލީގެ ޕެނަލްޓީ އޭރިއާ ތެރެއަށް ދިން ޕާހެއް ހޯދާ އިޓަލީގެ ގޯލު ތެރެއަށް ވައްދާލައިގެން މި ގޯލު އަލްބޭނިއާ އަށް ކާމިޔާބުކޮށްދީފައިވަނީ ނެޑިމް ބަޖްރަމީ އެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އެންމެ އަވަސް ގޯލު ޖެހުމުގެ ރެކޯޑު މީގެ ކުރިން އޮތީ ރަޝިޔާގެ އަތުގައެވެ. 2004 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރަޝިއާއިން މި ރެކޯޑު ހަދާފައިވަނީ ގްރީސް އާއި ދެކޮޅަށް ކުޅުނު މެޗުގައެވެ. މި މެޗުގައި ރަޝިއާގެ ޑިމިޓްރީ ކިރިޗެންކޯ ގޯލު ޖަހާފައިވަނީ މެޗު ފަށައިގެން 67 ވަނަ ސިކުންތުގައެވެ.