ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް އީގައި މިރޭ ޔޫކްރެއިން އާއި ރޮމޭނިއާ ބައްދަލު ކުރާއިރު މި ދެ ޓީމު މީގެ ކުރިން ބޮޑު މުބާރާތެއްގައި ވާދަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް އެކުވެރި ކަމުގެ 6 މެޗެއްގައި މީގެ ކުރިން މި ދެ ޓީމު ވާދަކޮށްފައިވާއިރު، ފުރަތަމަ ތިން ފަހަރު ރޮމޭނިއާ ޔޫކްރެއިންގެ މައްޗަށް ކުރި ހޯދާފައިވީނަމަވެސް ފަހު ތިން ފަހަރު ޔޫކްރެއިން ވަނީ ރޮމޭނިއާގެ މައްޗަށް ކުރި ހޯދާފައެވެ.

ޔޫކްރެއިން ފުޓްބޯޅަ ޓީމު

ޔޫކްރެއިން އިން އެ ޓީމުގެ ހަތަރުވަނަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗަށް ކުރިމަތި ލާއިރު މީގެ ކުރިން ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޔޫކްރެއިން އިން ކުޅުނު 11 މެޗުގެ ތެރެއިން 8 މެޗުން އެ ޓީމު ވަނީ ބަލިވެފައެވެ. ޔޫކްރެއިން އަށް މޮޅުވެވިފައިވަނީ އެންމެ ތިން މެޗުންނެވެ.

ރޮމޭނިއާ ޓީމުން އެ ޓީމުގެ ހަވަނަ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކުރިމަތިލާއިރު 2016 ވަނަ އަހަރުގެ ފަހުން މީ ރޮމޭނިއާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ. ރޮމޭނިއާ ޓީމުން ޔޫރޯ ފުޓްބޯޅަ މުބާރާތްތަކުގައި މިހާތަނަށް 16 މެޗެށް ކުޅެފައިވާއިރު އެ ޓީމަށް މޮޅު ވެވިފައިވަނީ އެންމެ މެޗަކުންނެވެ. 10 މެޗަކުން އެ ޓީމު ބަލިވެފައި ވާއިރު މިހާތަނަށް 5 މެޗެއްގައި އެ ޓީމު ވަނީ އެއްވަރު ވެފައެވެ.

ރޮމޭނިއާ ފުޓްބޯޅަ ޓީމު

ދެ ޓީމުގެ ކޯޗުންގެ ބަސް

އެޑްވާޑް އިއޯޑެނެސްކޫ، ރޮމޭނިއާ ކޯޗު: "އަހަރެން ރޮމޭނިއާ ޓީމުގެ ހުރިހާ ސަޕޯޓަރުންނަށްވެސް ދޭ ޔަގީން ކަމަކީ މި ޓީމުން މި މުބާރާތުގައި ރަނގަޅު ހިސާބަކަށް ދިއުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެކަން، އަހަރުމެންގެ އިދިކޮޅު ޓީމަށް އަހަރުމެން އަބަދުވެސް އިހުތިރާމު ކުރާނަށް، އެހެނެއްކަމަކު މި މެޗުން މޮޅުވުމަށް އަހަރެމެންނަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނަން."

ސެރްހިއީ ރެބްރޯވް، ޔޫކްރެއިން ކޯޗު: "އަހަރެމެންގެ ގައުމުގައި ކުރަމުންދާ ހަނގުރާމައާއިއެކު ޔޫކްރެއިންގެ މި ޓީމަށް ލިބިގެންދާ ހިތްވަރާއި އެކު މި ފަހަރުގެ މުބާރާތުގައި ކުރިއަށް ދެވޭނެކަމަށް އުންމީދު ކުރަން، ހަމަ ޔަގީނުންވެސް ޔޫކްރެއިންގެ ރައްޔިތުން މި ޓީމާއި މެދު ފަހުރުވެރިވާނެ، ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗާއި އެކު ޔޫކްރެއިން އިން ނިކުންނާނީ މި މުބާރާތުގައި ރަނގަޅު ހިސާބަކަށް ދިއުމަށް، ރޮމޭނިއާ ޓީމަކީ ވަރުގަދަ ޓީމެއް، އެ ޓީމަށް އިހުތިރާމްކުރަން، އެކަމަކު މި މެޗު ޔޫކްރެއިން ކޮޅަށް އަނބުރާލުމަކީ އަހަރެމެންގެ އުންމީދު."

މިރޭގެ މެޗުގައި ދެ ޓީމުގެ ފަރާތުން ފެނިގެން ދާނެކަމަށް ލަފާކުރެވޭ ފުރަތަމަ 11

ޔޫކްރެއިން: ލޫނިން؛ ކޮނޮޕްލިއާ، ޒަބަރނީ، މަޓްވިއެންކޯ، މައިކޮލެންކޯ؛ ސްޓެޕަނޭންކޯ، ސުޑަކޯވް، ޒިންޗެންކޯ؛ ސިގަންކޯވް، ޔަރެމްޗުކް، މުޑްރިކ

ރޮމޭނިއާ: މޯލްޑޯވަން، ރަޓިއު، ޑްރަގޫސިން، ބުރްކާ، ބަންކޫ؛ އެމް މެރިން، އާރް މެރިން، ސިކަލްޑައު؛ ސްޓެންކޫ، ޕުސްކާސް، މޭން

މިއަދުގެ މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖަރުމަނުގެ އެލިއެންޒް އެރީނާގައެވެ. މި މެޗު ކުޅެވޭނީ ރާއްޖެގަޑިން 18:00ގައެވެ.