ޔޫރޯ 2024 ގައި މިރޭ ބެލްޖިއަމް އަދި ސްލޮވޭކިއާ ބައްދަލު ކުރާއިރު މީ ބޮޑު މުބާރާތެއްގައި މި ދެ ޓީމު ވާދަކުރާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ތިން ފަހަރެއްގެ މަތިން އެކުވެރި ކަމުގެ މެޗުގައި މި ދެ ޓީމު ވަނީ ވާދަކޮށްފައެވެ. އެކުވެރި ކަމުގެ މެޗެއްގައި އެންމެ ފުރަތަމަ މި ދެ ޓީމު ވާދަކޮށްފައިވަނީ 2001 ވަނަ އަހަރުގައެވެ. އެ މެޗު 1-1 ގެ ނަތީޖާ އަކުން ދެ ޓީމު އެއްވަރު ވެގެން ނިމިފައިވާއިރު، 2006 ގައިވެސް މި ދެ ޓީމު ވަނީ އެކުވެރި ކަމުގެ މެޗެއްގައި ވާދަކޮށްފައެވެ.

ބެލްޖިއަމް ފުޓްބޯޅަ ޓީމު

2006 ވަނަ އަހަރު މި ދެ ޓީމު ވާދަކުރި އެކުވެރިކަމުގެ މެޗުގެ ނިމިގެން ގޮސްފައިވަނީ 1-1 ގެ ނަތީޖާ އަކުން ދެ ޓީމު އެއްވަރު ވެގެންނެވެ. މި ދެ ޓީމު އެންމެ ފަހުން ވާދަކޮށްފައިވަނީ 2013 ވަނަ އަހަރުއެވެ. އެކުވެރިކަމުގެ މި މެޗުގައި ބެލްޖިއަމް އިން ވަނީ ސްލޮވޭކިއާގެ މައްޗަށް ކުރި ހޮދާފައެވެ. އެ މެޗުގައި ބެލްޖިއަމް ކުރި ހޯދާފައިވަނީ 1-2 ގެ ނަތީޖާ އަކުންނެވެ.

ބެލްޖިއަމް އަށް ޔޫރޯގެ ތާރީހުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބަކީ 1980 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ކުޅުމެވެ. އެފަހަރުގެ ފައިނަލް އިން ބެލްޖިއަމް ބަލި ވެފައިވަނީ ވެސްޓް ޖާމަނީ އަތުންނެވެ. މީގެ ފަހުން ބެލްޖިއަމް އަށް ޔޫރޯ ފުޓްބޯޅަ މުބާރާތެއްގެ ސެމީ ފައިނަލް އާއި ހަމައަށްވެސް އާދެވިފައިނުވާއިރު އެ ޓީމަށް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ދެވިފައިވަނީ ކުއާޓަރ ފައިނަލާއި ހަމައަށެވެ.

ސްލޮވޭކިއާ ފުޓްބޯޅަ ޓީމު

ސްލޮވޭކިއާ އިން ޗެކޮސްލޮވޭކިއާ އާއި ވަކިވެ މިނިވަން ގައުމެއްގެ ގޮތުގައި ބޮޑު މުބާރާތެއްގައި ވާދަކުރާ މީ ހަތަރު ވަނަ ފަހަރެވެ. މީގެކުރިން ފީފާ ވޯލްޑް ކަޕުގައި އެއް ފަހަރު ވާދަކޮށްފައި ވާއިރު ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ދެ ފަހަރެއްގެ މަތިން ސްލޮވޭކިއާ ވަނީ ވާދަކޮށްފައެވެ. 2016 ވަނަ އަހަރުގެ ގަދަ 16 ޓީމުގެ ބުރާ ހިސާބުން މުބާރާތް ނިންމާލާފައިވާއިރު އެންމެ ފަހުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ސްލޮވޭކިއާ ޓީމަށް ނިމިގެން ދިޔައީ ގުރޫޕް ސްޓޭޖުންނެވެ.

މިރޭގެ މެޗަށް ދެ ޓީމުންވެސް ނެރޭނެކަމަށް ބެލެވޭ ފުރަތަމަ 11

ބެލްޖިއަމް: ކެސްޓީލްސް؛ ފޭސް، ވިޓްސެލް، ޑި ކުއިޕަރ؛ ކަސްޓަގްނޭ، އޮނާނާ، މަންގަލާ، ޑޯކޫ؛ ޑި ބްރޫއިން، ޓްރޮސާޑް؛ ލުކާކޫ

ސްލޮވޭކިއާ: ދުބްރަވްކާ؛ ޕެކާރިކް، ޑަވްރޯ، ސްކްރިނިއާ، ހަންކޯ؛ ލޮބޮޓްކާ، ކުކާ، ޑޫޑާ؛ ސުސްލޯވް، ބޮޒެނިކް، ހަރަސްލިން

ދެ ޓީމުގެ ކޯޗުންގެ ބަސް

ޑޮމެނިކޯ ޓެޑެސްކޯ، ބެލްޖިއަމްގެ ކޯޗު: "އަހަރެމެން މިތިބީ މި މުބާރާތަށް ވަރަށް ބޮޑަށް ތައްޔާރުވެގެ، ޓީމުގެ އެންމެ ފަހު ޓްރެއިނިން ތަކާއި މެދު އަހަރެން ވަރަށް ހިތް ހަމަޖެހޭ، ބޭނުން ވަނީ ބެލްޖިއަމްގެ އަސްލު ފެންވަރު މި މުބާރާތުގައި ދައްކަން، މިރޭގެ މެޗު ފަސޭހައެއް ނުވާނެ، މޮޅުވާން ކުރެވެން ހުރި ހުރިހާ މަސައްތަކެއް ކުރާނަން."

ފްރާންސެސްކޯ ކަލްޒޯނާ، ސްލޮވާކިއާގެ ކޯޗު: "ބެލްޖިއަމް އަކީ ވަރުގަދަ ޓީމެއް، މިރޭ މި ނިކުންނަނީ އެކަން ވިސްނައިގެން، ޑި ބުރޫއިން އާއި ލުކާކޫ ފަދަ ކުޅުންތެރިން ހިފަ ހައްޓަން އުނދަގޫވާނެ، އެކަމަކު މިރޭ ޓީމުގެ އެންމެ ބޮޑު އަމާޒަކީ އެ ކުޅުންތެރިން ހިފަހައްޓާ، ގޯލު ޖަހާނެ ފުރުސަތުތަކެއް ހޯދުމާއިއެކު، ލިބޭ ހުރިހާ ފުރުސަތެއްގެ ބޭނުން ހިފަން."

މިރޭގެ މެޗު ކުޅުމަށް ހަމަ ޖެހިފައިވަނީ ޖަރުމަނުގެ ފްރެންކްފޯޓް އެރީނާގައެވެ. މި މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 9:00ގައެވެ.