ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ޑީ ގައި މިރޭ ފްރާންސް އަދި އޮސްޓްރިއާ ވާދަކުރާއިރު، މިރޭގެ މެޗަށް ނިކުންނައިރު ފްރާންސް ޓީމާއި ދޭތެރޭ ޖެހިލުން ނުވާކަމަށް އޮސްޓްރިއާގެ ކޯޗު ރަލްފް ރެގްނިކް ބުނެފިއެވެ.

މިރޭގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރަން ތައްޔާރުވެފައިވާ ފްރާންސް އަދި އޮސްޓްރިއާގެ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ރެގްނިކް ބުނެފައިވަނީ އޮސްޓްރިއާ ޓީމުން އަބަދުވެސް ފްރާންސް ޓީމަށް އިހުތިރާމް ކުރާނެކަމަށާއި އެހެން ނަމަވެސް އެއްވެސް ވަރަކަށް ފްރާންސް ޓީމާ ދޭތެރޭ ޖެހިލުން ނުވާކަމަށް އޮސްޓްރިއާގެ ކޯޗު ރެގްނިކް ވަނީ ނޫސްވެރިންގެ ބައްދަލު ވުމުގައި ބުނެފައެވެ.

އޮސްޓްރިއާ ފުޓްބޯޅަ ޓީމު

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތަށި ދެފަހަރުގެ މަތިން ހޯދާ 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ތަށި ހޯދާފައިވާ ފްރާންސް ޓީމާއި ދެކޮޅަށް މުބާރާތުގެ ފުރަތަމަ މެޗުގައި ކުޅެން ލިބުމަކީ އޮސްޓްރިއާ ޓީމެއް ލިބުނު ފައިދާއެއްގެ ގޮތުގައި ފާހަގަކުރަމުން ރަގްނިކް ބުނެފައިވަނީ އޭނާގެ ޓީމުން މި މުބާރާތަށް ވަރަށް ބޮޑަށް ވަނީ ތައްޔާރުވަފައިކަމަށާއި، އެ ޓީމުގެ އެންމެ ފަހުގެ ޓްރެއިނިން ތަކާމެދު އޭނާ ވަރަށް ހިތްހަމަ ޖެހޭ ކަމުގައި ރަގްނިކް ވަނީ ފާހަގަކޮށްފައެވެ.

ފްރާންސް އަދި އޮސްޓްރިއާ އެންމެ ފަހުން ވާދަކުރި 10 މެޗުގެ ތެރެއިން އޮސްޓްރިއާ އަށް ކާމިޔާބު ކުރެވިފައިވަނީ އެންމެ މެޗަކުންނެވެ. އެހެން ނަމަވެސް މިރޭގެ މެޗާއި ދޭތެރޭ އޮސްޓްރިއާގެ ކޯޗުގެ އުންމީ ވަރަށް ބޮޑެވެ. އޮސްޓްރިއާގެ ކޯޗު އިތުރަށް ފާހަގަކުރި ގޮތުގައި މި މުބާރާތަށް އޮސްޓްރިއާ ޓީމުން ތައްޔާރުވާމުންދާތާ މިހާރު ދެ އަހަރު ވެފައިވާކަމަށައި މި ފަހަރުގެ މުބާރާތުގެ ނޮކްއައުޓް ސްޓޭޖަށް ދަތުރު ކުރުމަކީ މިހާރު އޭނާގެ ޓީމުގެ އަމާޒު ކަމުގައެވެ.

ފްރާންސް ފުޓްބޯޅަ ޓީމު

މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރާނެކަމަށް އެންމެ ގިނަބަޔަކު އިއްތިފާގުވާ ފްރާންސް ޓީމާއި ދެކޮޅަށް އޮސްޓްރިއާ ޓީމުން ނިކުންނައިރު އޮސްޓްރިއާ ޓީމުން މި ވަނީ މި މެޗަށް ވަރަށް ބޮޑައް ތައްޔާރުވެފައެވެ. އޮސްޓްރިއާގެ ކޯޗުގެ އިތުރުން އެ ޓީމުގެ ސަޕޯޓަރުންވެސް މި މެޗާއި މެދު ވަރަށްބޮޑު އުންމީދެއް ކުރެއެވެ. އޮސްޓްރިއާގެ ސަޕޯޓަރުން އުންމީދުކުރާ ގޮތުގައި މިރޭގެ މެޗުން އެ ޓީމަށް ރަނގަޅު ނަތީޖާއެއް ލިބޭނެއެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ފްރާންސް އަދި އޮސްޓްރިއާ ވާދަ ކުރާމެޗު ކުޅޭނީ ރާއްޖެގަޑިން މިރޭ ދަންވަރު 12 ޖަހާއިރު އެވެ. މި މެޗަށް ފްރާންސް ޓީމުންވެސް ވަރަށް ބޮޑަށް ތައްޔާރުވެފައިވާކަން އެ ޓީމުންވެސް ވަނީ ފާހަގަކޮށްފައެވެ.