މިދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާާތުގައި ދިމާވި ހިތާމަވެރި ހާދިސާއިން ސަލާމަތްވެ މިފަހަރުގެ ޔޫރޯ ކްރިސްޓިއަން އެރިކްސަން ފެށީ މާ ވަރުގަދަކޮންނެވެ.

2021 ވަނަ އަހަރު ކުރިއަށް ދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޑެންމާކުގެ މިޑްފިލްޑަރ ކްރިސްޓިއަން އެރިކްސަން އަށް ދިމާވި ހިތާވެރި ހާދިސާ އަށްފަހު ގިނަ ބަޔަކު ހީކޮށްގެން ތިބީ އެރިކްސަން ދެން ފުޓްބޯޅަ ދަނޑުން ނުފެންނާނެ ކަމަށެވެ. އެހެން ނަމަވެސް އެރިކްސަން އަށް ދިމާވި ހިތާމަވެރި ހާދިސާއިން އަރައިގަނެ މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޑެންމާކަށް ފުރަތަމަ ގޯލު ވެސް ޖަހާދީފައިވަނީ އެރިކްސަންއެވެ.

2021 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތެރެއިން- އެރިކްސަން ދަނޑުމައްޗަށް ވެއްޓިފައި

މިދިޔަ ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މެޗުގައި ކުޅެން ހުއްޓާ ހިތް ހުއްޓި ދަނޑުމައްޗަށް ވެއްޓުނު އެރިކްސަން މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޑެންމާކު ޓީމުގައި ހިމެނިގެން ދިއުމާއި އެކުވެސް ދުނިޔޭގެ މީޑިއާ ތަކުގެ ސަމާލުކަމަށް ވަނީ އެކަން އައިސްފައެވެ. އެ ނުރައްކާތެރި ހާދިސާއަށް 1100 ވީ ދުވަހު ސްލޮވޭނިއާ އާއި ދެކޮޅަށް ޑެންމާކުން ނިކުތްއިރު ހުރިހާ މީޑިއާ އެއްގެ ސަމާލުކަން ހުޓިފައިހުރީ އެރިކްސަނަށެވެ.

ކްރިސްޓިއަން އެރިކްސަންގެ ހަޔާތުގައި ފާހަގަކޮށްލެވޭ މި ދުވަހު އެރިކްސަން ޑެންމާކު ޓީމާއި އެކު ނިކުމެ ކުޅުނު މެޗުގެ 17 ވަނަ މިނެޓުގައި އެރިކްސަން ވަނީ ޑެންމާކު ޓީމަށް ގޯލެއް ކާމިޔާބުކޮށްދީ މުޅި ޑެންމާކު ޓީމަށް އުފާވެރިކަން ގެނެސްދީފައެވެ. މި ގޯލަކީ އެރިކްސަންގެ އިތުރުން މުޅި ޑެންމާކަށްވެސް ފާހަގަކޮށްލެވޭނެ ގޯލެކެވެ. އެންމެ ފަހުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޑެންމާކު ޓީމަށް ލިބުނު ހިތާމަވެރި ހަނދާންތަކަށް ލިބިގެންދިޔަ އުފާވެރި ވަގުތު ކޮޅެކެވެ.

2021 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މެޗުތެރެއިން އެރިކްސަންއަށް ދިމާވި މި ހާދިސާއަށްފަހު، އެރިކްސަން އަށް ކުރިމަތިލާން ޖެހުނީ ފަސޭހަ ދަތުރަކާއެއް ނޫނެވެ. އެރިކްސަން މިކަމުން އަރައިގަތުމަށް ހޮޅިކޮޅެއް ވަނީ އޭނާގެ ހަށިގަނޑަށްލައްވާފައެވެ. މިކަމުގެ ސަބަބުން އޭނާ އަށް އިޓަލީ ލީގުގައި ކުޅުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ. އެހެންކަމުން އޭނާ އަލުން އެނބުރި ކުޅުމުގެ ތެރެއަށް ނިކުތުމަށް 2022 ވަނަ އަހަރުގެ ޖެނުއަރީ މަހު އެޔެކްސް އާއި އެކު ފަރިތަކުރުންތަށް ފެށިއެވެ. އަދި ހަމަ އެ އަހަރުގެ ބްރެންޑްފޯޑް އާއިއެކު 6 މަސްދުވަހުގެ ލޯނު އެއްބަސްވުމެއްގައި އެޓީމަށް އެރިކްސަންވަނީ ބަދަލުވެފައެވެ.

ޔޫރޯ 2024- ޑެންމާކު ފުޓްބޯޅަ ޓީމު

2022 ވަނަ އަހަރުގެ މާޗު މަހު އެރިކްސަންވަނީ އަލުން އެނބުރި ޑެންމާކު ގައުމީ ޓީމާއި ގުޅިފައެވެ. އަލުން އެނބުރި ގައުމީ ޓީމަށްއައިސް ކުޅުނު ފުރަތަމަ މެޗުގެ ދެވަަނަ މިނެޓުގައި އެރިކްސަން ވަނީ ގޯލެއް ކާމިޔާބުކޮށްފައެވެ. އަދި ހަމަ އެ އަހަރު އެރިކްސަންވަނީ އިނގިރޭސި ވިލާތުގެ މެންޗެސްޓަރ ޔުނައިޓެޑްއާއި އެކު ތިން އަހަރުގެ ކޮންޓްރެކްސްޓެއްގެ ދަށުން އެ ކުލަބާއި ގުޅިފައެވެ.

ކްރިސްޓިއަން އެރިކްސަން 2022 ވަނަ އަހަރު މެންޗެސްޓަރ ޔުނައިޓެޑްއާއި ގުޅުނުފަހުން 2023 ވަނަ އަހަރުގެ ކަރަބާއޯ ކަޕް މެންޗެސްޓަރ ޔުނައިޓެޑްއާއި އެކު ހޯދާފައިވާއިރު މިއަހަރުގެ އެފްއޭކަޕް ވެސް އެރިކްސަންވަނީ މެންޗެސްޓަރ ޔުނައިޓެޑްއާއި އެކު ހޯދާފައެވެ. އަދި މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޑެންމާކުގެ ފަރާތުން މިހާތަނަށް ފެނުނު ހަމަ އެކަނި ގޯލުވެސް ކާމިޔާބުކޮށްދީފައިވަނީ އެރިކްސަންއެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސީގައި ރޭ ސްލޮވޭނިއާ އާއި ދެކޮޅަށް ޑެންމާކުން ކުޅުނު މެޗު ނިމިގެން ދިޔައީ 1-1 ގެ ނަތީޖާ އަކުން ދެ ޓީމު އެއްވަރު ވެގެންނެވެ. ޑެންމާކުގެ މިޑްފިލްޑާ ކްރިސްޓިއަން އެރިކްސަންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ މޮޅު ކުޅުންތެރިޔަކަށްވެސް ހޮވިފައިވަނީ އޭނާއެވެ.