ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް އީގައި ޔޫކްރެއިން އަދި ރޮމޭނިއާ ވާދަކުރި މެޗު 0-3 ގެ ނަތީޖާ އަކުން ރޮމޭނިއާ ކާމިޔާބުކޮށްފިއެވެ.

މެޗުގެ ފުރަތަމަ ހާފު ފަށައިގެން ދެ ޓީމުގެ ފަރާތުންވެސް ހަމަ ހަމަ ކުޅުމެއް ފެނިގެންގޮސްގައިވާއިރު، ރޮމޭނިއާ އިން ވަނީ މެޗުގެ 29 ވަނަ މިނެޓުގައި ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނަގާފައެވެ. ޑެނިސް މަން ހުރަސްކޮށްދިން ބޯޅަ ޔޫކްރެއިންގެ ޕެނަލްޓީ އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލައިގެން މި ގޯލު ރޮމޭނިއާ އަށް ކާމިޔާބުކޮށްދީފައިވަނީ އެ ޓީމުގެ ޖ.21 ނިކޮލައި ސްޓަންސިއު އެވެ.

ޔޫރޯ 2024-ޔޫކްރެއިން އަދި ރޮމޭނިއާ ވާދަކުރި މެޗުގެ ތެރެއިން

ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ރޮމޭނިއާ ޓީމަށް ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެން ގޮސްފައިވެއެވެ. ރޮމޭނިއާ އިން ގޯލު ކާމިޔާބު ކުރި ފަހުންވެސް އެ ޓީމަށް ލިބުނު ކޯނަރެއްގައި ރޮމޭނިއާގެ ކުޅުންތެރިއެއް ފޮނުވާލި ބޯޅަ ދިޔައީ ޔޫކްރެއިންގެ ގޯލުގެ މަތީ ދަނޑީގައި ޖެހިފައެވެ. މި ހާފުގައި ރޮމޭނިއާ ޓީމުގެ ޑިފެންސް ލައިން ފެނިގެންދިޔައީ ވަރަށް ރޭވުންތެރިކަމާއި އެކު ކުޅެމުންދިޔަ ވަރުގަދަ ޑިފެންސް ލައިންއެއްގެ ގޮތުގައެވެ.

ޔޫކްރެއިން ވެސް މި މެޗުގެ ފުރަތަމަ ހާފުގައި ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރި ނަމަވެސް މާ ރަނގަޅު ހަމަލާތަކެއް އުފެއްދޭ ގޮތެއް ނުވިއެވެ. ޔޫކްރެއިން އިން ހަމަލާއެއް އުފެއްދޭތޯ ކުރި މަސައްކަތް ރޮމޭނިއާގެ ޑިފެންޑަރުން ވަނީ ހުއްޓުވާފައެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައީ 0-1 ގެ ނަތީޖާ އަކުން ރޮމޭނިއާ ކުރީގައި އޮވެގެންނެވެ.

މި މެޗުގެ ދެވަނަ ހާފުގައި ރޮމޭނިއާ އިން ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ފުޅާކޮށްފައެވެ. މެޗުގެ 53 ވަނަ މިނެޓުގައި ޔޫކްރެއިންގެ ޕެނަލްޓީ އޭރިއާގެ ބޭރުން ފޮނުވާލި ބާރު ބޯޅަ ގޯލު ތެރެއަށް ވައްދާލައިގެން މި ގޯލު ރޮމޭނިއާއަށް ކާމިޔާބުކޮށްދީފައިވަނީ އެ ޓީމުގެ ޖ.18 ރަޒްވަން މަރިން އެވެ.

ޔޫރޯ 2024-ޔޫކްރެއިން އަދި ރޮމޭނިއާ ވާދަކުރި މެޗުގެ ތެރެއިން

ރޮމޭނިއާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި ހާފުގެ 57 ވަނަ މިނެޓުގައި ރޮމޭނިއާ އިން ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް މެޗުގެ ފަރަގު އިތުރަށް ބޮޑު ކޮށްފައެވެ. ރޮމޭނިއާގެ ޑެނިސް މެން ޔޫކްރެއިންގެ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅަ ގޯލު ތެރެއަށް ވައްދާލައިގެން މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޑެނިސް ޑްރެގަސް އެވެ.

ރޮމޭނިއާގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ޔޫކްރެއިން އަށް މާ ރަނގަޅު ކުޅުމެއް ދެއްކޭ ގޮތެއް ނުވިއެވެ. އެހެން ނަމަވެސް ޔޫކްރެއިންއަށް ލިބުނު މަދު ފުރުސަތު ތަކުގައި އެ ޓީމުން ވަނީ ރޮމޭނިއާގެ ގޯލަށް ނުރައްކާކޮށްފައެވެ. އެހެން ނަމަވެސް މި މެޗުގައި ޔޫކްރެއިންއަށް ގޯލެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. މި މެޗުގެ ކުޅުން ނިމިގެން ދިޔައީ 0-3 ގެ ނަތީޖާއަކުން ރޮމޭނިއާ ކުރި ހޯދައިގެންނެވެ.