ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިންގްލެންޑް އަދި ސްލޮވޭނިއާ ވާދަކުރާއިރު، މި މުބާރާތުގެ ގުރޫޕް ސްޓޭޖުގައި އިންގްލެންޑުން ދެ މެޗު ކުޅެފައި ވެއެވެ. މި ދެ މެޗުގެ ތެރެއިން އެއް މެޗުން އިންގްލެންޑް މޮޅުވެފައިވާއިރު އަނެއް މެޗުން ނިމިގެން ދިއައީ އެއްވަރު ވެގެންނެވެ. އަދި ސްލޮވޭނިއާ މި މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ދެ މެޗު ކުޅެފައިވާއިރު މި ދެ މެޗުންވެސް އެ ޓީމު ވަނީ އެއްވަރު ވެފައެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިންގްލެންޑް އަދި ސްލޮވޭނިއާ ކުރިމަތިލާއިރު މީގެ ކުރިން ހަ ފަހަރެއްގެ މަތިން މި ދެ ޓީމު ވާނީ ވާދަކޮށްފައެވެ. މި ހަ ފަހަރުގެ ތެރެއިން ފަސް ފަހަރު އިންގްލެންޑުން ވަނީ ސްލޮވޭނިއާގެ މައްޗަށް ކުރި ހޯދާފައެވެ. އަދި އެއް މެޗު ނިމިގެން ގޮސްފައިވަނީ ދެ ޓީމު އެއްވަރު ވެގެންނެވެ. ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މި ދެ ޓީމު މީގެ ކުރިން ދެ ފަހަރެއްގެ މަތިން ކުރިމަތިލާފައިވާއިރު، މި ދެ ފަހަރުވެސް އިންގްލެންޑުން ވަނީ ސްލޮވޭނިއާގެ މައްޗަށް ކުރި ހޯދާފައެވެ.

ޔޫރޯ 2024- އިންގްލެންޑްގެ ޒުވާން ތަރި, ޖޫޑް ބެލިންހަމް

އިންގްލެންޑުން ގުރޫޕް ސްޓޭޖުގެ ފަހު މެޗަށް ކުރިމަތިލާއިރު، މި މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ސާބިއާ އާއި ވާދަކޮށްފައިވާއިރު މި މެޗު އިންގްލެންޑުން ވަނީ 0-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ. އަދި ދެވަނަ މެޗުގައި ޑެންމާކާއި ވާދަކޮށްފައިވާއިރު މި މެޗު ނިމިގެން ދިއައީ 1-1 ގެ ނަތީޖާ އަކުން ދެ ޓީމު އެއްވަރު ވެގެންނެވެ.

ސްލޮވޭނިއާ އިން ގުރޫޕް ސްޓޭޖުގެ ފުރަތަމަ ވާދަކޮށްފައިވަނީ ޑެންމާކާއެވެ. މި މެޗު 1-1 ގެ ނަތީޖާ އަކުން އެއްވަރު ވެފައިވާއިރު، ދެވަނަ މެޗުގައި ސާބިއާ އާއި ދެކޮޅަށް ކުޅުނު މެޗުވެސް ނިމިގެން ގޮސްފައިވަނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރު ވެގެންނެވެ.

ޔޫރޯ 2024- ސްލޮވޭނިއާ އަދި ސާބިއާ ވާދަކުރި މެޗުގެ ތެރެއިން

މިރޭގެ މެޗަށް ދެ ޓީމުންވެސް ނިކުންނާނެ ކަމަށް ބެލެވޭ ފުރަތަމަ 11

އިންގްލެންޑް: ޕިކްފޯޑް؛ ވޯކަރ، ސްޓޯންސް، ގުއެހީ، ޓްރިޕިއާ؛ ގަލަގަރ، ރައިސް؛ ސަކާ، ބެލިންހަމް، ފޯޑެން؛ ކޭން

ސްލޮވޭނިއާ: އޮބްލަކް؛ ކާނިކްނިކް، ބްރެކަލޯ، ބިޖޯލް، ޖަންޒާ؛ އެމްލަކާރ، އެލްސްނިކް، ސެރިން، ސްޓޮޖަނޮވިޗް؛ ސްޕޯރާރ، ސެސްކޯ

މި ދެ ޓީމުން ގުރޫޕް ސީ ގައި މިރޭ ވާދަކުރާއިރު، މި ގުރޫޕުގައި ކުޅުނު ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާއި އެކު އިންގްލެންޑް އޮތީ ގުރޫޕުގެ އެއް ވަނައިގައެވެ. އަދި ޑެންމާކް އާއި ސްލޮވޭނިއާ ޕޮއިންޓްގެ ގޮތުން އެއްވަރު ވެފައިވާއިރު، ގޯލުގެ ތަފާތުން ޑެންމާކަށް ގުރޫޕުގެ ދެވަނަ ލިބޭއިރު، ސްލޮވޭނިއާ އޮތީ ގުރޫޕުގެ ތިން ވަނައިގައެވެ. އަދި ދެ މެޗު ކުޅެ ލިބުނު އެއް ޕޮއިންޓާއިއެކު ސާބިއާ އޮތީ ގުރޫޕުގެ އެންމެ ފުލުގައެވެ.