ދިވެހިރާއްޖެގެ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ) ކުއްލި ގޮތަކަށް ނިޔާވުމާއި އެކު މުޅި ސޯސަލް މީޑިއާގައި އޭނާއަށް އޮތް ލޯބި ގިނަ ބަޔަކު ދިޔައީ ފާޅު ކުރަމުންނެވެ. މިގޮތުން ބަކާ ދަނޑު މަތީގާ ދެއްކި މޮޅު ކުޅުމުގެ ވާހަކަ އެއްބަޔަކު ދައްކަމުން ދިއައިރު އަނެއް ބަޔަކު ދިޔައީ އޭނާ ދީނީ ކަންކަމަށް ފަރުވާތެރިވި ވާހަކަ ދައްކަމުންނެވެ.

ހައްޖުގެ މަތިވެރި އަޅުކަން ނިންމާފަ ރާއްޖެ އެނބުރި އައިތަނުން ހާލު ބޮޑުވެ އޭޑިކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ބަކާ ނިޔާވެފައި ވާއިރު، ސޯސަލް މީޑިއާގައި އެކި މީހުން ފާޅު ކުރަމުން ދިޔަ ޝުއޫރުތަކުގެ ތެރޭގައި އެންމެ ފާހަގަ ކޮށްލެވޭ އެއް ކަމަކީ ދަނޑު މަތީގައި ބަކާ ދެއްކި ކުޅުމުގެ އިތުރަށް ދީނީ ކަންކަމަށް އޭނާ ބެހެއްޓި ފަރުވާތެރިކަމުގެ ވާހަކައެވެ.

މިގޮތުން ގިނަ ބަޔަކު ފާޙަގަ ކުރަމުން ދިޔަ ގޮތުގައި ބަކާ އަކީ އަބަދުވެސް ފަސްވަގުތު މިސްކިތުން ފެންނަ މީހެއް ކަމުގައި ގިނަ ބަޔަކު ދިޔައީ ފާހަގަ ކުރަމުންނެވެ. ހައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމަށް މައްކާގައި ހޭދަ ކުރި ދުވަސް ތަކުގައި ބަކާގެ ފަރާތުން ފެނިގެންދިޔަ ކަންކަމުގެ ވާހަކަ ވެސް ގިނަ ބަޔަކު ވަނީ ހިއްސާކޮށްފައެވެ.

މިހާތަނަށް ރައްޖޭގައި އުފެދުނު އެންމެ މޮޅު އެއް މިޑްފިލްޑަރ ބަކާ ރާއްޖޭގެ ގިނަ ބައެއްގެ ލޯބި ހޯދާފައިވަނީ ހަމައެކަނި ދަނޑު މަތީގާ ދެއްކި މޮޅު ކުޅުމަކުން ނޫނެވެ. އޭނާގެ ދިރިއުޅުމުގައި ދީނީ ކަންކަމަށް އިސްކަން ދީފައިވާ ވަރު އެތައް ބަޔަކަށް ވަނީ ފާހަގަކުރެވިފައެވެ. ކުޅިވަރުގެ ތެރެއިން ދީނީ ކަންކަމަށް އިސްކަންދިން ނަމޫނާ ލީޑަރެއްގެ ގޮތުގައި ގިނަ ބަޔަކު ބަކާ ސިފަކުރެއެވެ.

ބަކާގެ ކުއްލި ވަކިވުމާއި އެކު މުޅި ގައުމަށް ސިހުން ގެނުވާފައިވާއިރު، މި ހަބަރާއިއެކު އެތައް ބައެއްގެ ލޮލުން ކަރުނަ ހިލިގެން ދިޔައެވެ. ގިނަ ބަޔަކު ބަކާގެ މި ވަކިވުމުން އިބުރަތް ހާސިލްކޮށް ތައުބާވެ ދީނީ ކަންކަމަށް ފަރުވާތެރި ވުމަށްވެސް ވަނީ ނަސޭހަތް ތެރި ވެފައެވެ. ކުޅިވަރާއި މަޝްހޫރުކަން ލިބި ހުރި ބަކާގެ ފަރާތުން ދީނީ ކަންކަމަށް ބެހެއްޓި ފަރުވާތެރި ކަމަކީ މިއަދުގެ ޖީލަށް ލިބިގެން ދާނެ އަގުބޮޑު ފިލާވަޅެކެވެ. މިކަމުން އިބްރަތް ހާސިލް ކުރުމަށް އެތަށް ބަޔަކު ސޯސަލް މީޑިއާގައި އަންނަނީ ގޮވާލަމުންނެވެ.

މުހައްމަދު އާރިފް (ބަކާ) އަކީ ރާއްޖޭގެ ބޮޑެތި ހުރިހާ ކުލަބަކަށް ކުޅެފައިވާ މޮޅު މިޑްފިލްޑަރެކެވެ. ގައުމީ ޓީމާއި އެކު ދެ ރަން މެޑަލް ހޯދާފައިވާ ބަކާ އަކީ ދަނޑު މަތީގައިވެސް އެހެން ކުޅުންތެރިންނަށް ނަމޫނާ ދައްކާ ވަރުގަދަ ޝަހުސިއްޔަތެކެވެ. ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައިވާ ބަކާ ވަނީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އެއްގެ ގޮތުގައިވެސް ކުޅެފައެވެ. ބަކާ ދިވެހި ރާްޖޭގެ ގައުމީ ޓީމަށް 12 އަހަރު ކުޅެފައިވެއެވެ.

ބަކާގެ ހަޔާތުގައި އޭނާ ދައްކުވައިދިނީ ކުޅިވަރާއި މަޝްހޫރުކަމާއިއެކު ދީނީ ކަންކަން ވެސް ކުރެވޭނެ ކަމުގެ ލާމަސީލު މިސާލެކެވެ. ބަކާ މި ދުނިޔެއާއި ވަކިވެގެން ދިއުމުން އެތައް ބަޔަކަށް މާޔޫސްކަން ލިބިގެން ދިޔަ ނަމަވެސް ބަކާގެ ހަޔާތުން އެތަށް ބަޔަކަށް އަގުހުރި ފިލާވަޅުތަކެއްވެސް ވަނީ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސެއިން ޝާމް

    ޖަންނަތުލް ފިރުދައުސަށް އުދުއްސައިގަތް ދިވެހި ލޭހިގާ ދިވެހި ދަރިއެއް.ފަތުވާ ކޮމެޓީން ޒުވަނުންނަށް މިކަމާ ބެހޭ މަޢުލޫމާތު ދޭންވާނެ.ޒުވާނުން އެބޭފުޅުންނާ ސުވާލު ކުރަތި.

  2. މަންނު

    ލާމަސީލު ނަމޫނާ އެއް. ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވާށި.