ރާއްޖޭގެ ފުޓްބޯޅަ ލެޖެންޑު މުހައްމަދު އާރިފް (ބަކާ) ނިޔާވުމުން ސައުތު އޭޝިއަން ފުޓްބޯޅަ ފެޑަރޭޝަން (ސާފް) އިން ތައުޒިޔާ ކިޔައިފިއެވެ.

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު އެނބުރި ރާއްޖެ އައި ތަނުން ހާލު ބޮޑުވެގެން އޭޑިކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ނިޔާވި ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ) ނިޔާވުމާއި ގުޅިގެން ސާފް އިން ވަނީ ބަކާގެ އާއިލާ އަށް ތައުޒިޔާ ކިޔާފައެވެ.

މުހައްމަދު އާރިފް (ބަކާ) ޖަނާޒާ

ބަކާ ރާއްޖޭގެ ގައުމީ ޓީމަށް 12 އަހަރު ކުޅެފައިވާއިރު އޭނާ ވަނީ 7 ފަހަރު މަތިން ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ ޓީމަށް ކުޅެފައެވެ. އެންމެ ފުރަތަމަ ބަކާ ރާއްޖޭގެ ގައުމީ ޓީމާއި އެކު ސާފް ޗެމްޕިއަންޝިޕްގައި ކުޅެފައިވަނީ 2005 ވަނަ އަހަރު ޕާކިސްތާނުގައި ކުރިއަށްދިޔަ މުބާރާތުގައެވެ. އޭގެ ފަހުން 2008 ވަނަ އަހަރު ރާއްޖޭ އާއި ސްރީލަންކާގައި ކުރިއަށް ދިޔަ ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދި ޓީމުގައިވެސް ބަކާ ވަނީ ހިމެނިފައެވެ.

ރާޖޭގެ ގައުމީ ޓީމާއި އެކު ބަކާ ވަނީ 2009، 2011، 2013 ވަނަ އަހަރުގެ ސާފް ޗެ،މްޕިއަންޝިޕްގައި ކުޅެފައެވެ. އަދި 2018 ވަނަ އަހަރުވެސް ސާފް ޗެމްޕިއަންޝިޕްގެ ތަށި ހޯދި ޓީމުގައިވެސް ބަކާވަނީ ހިމެނިފައެވެ. ސާފް ޗެމްޕިއަންޝިޕް ރާއްޖެއިން ހޯދި ދެ ފަހަރުވެސް ބަކާ ވަނީ ރާއްޖޭގެ ގައުމީ ޓީމަށް ކުޅެފައެވެ.

މުހައްމަދު އާރިފް (ބަކާ) ޖަނާޒާ

އޭޑިކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވި ބަކާގެ ޖަނާޒާ ބާއްވާފައި ވަނީ ރޭ ފަތިސް ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ. ބަކާގެ ޖަނާޒާގައި ރާއްޖޭގެ ފުޓްބޯޅައިގެ ކުރީގެ ކުޅުންތެރިންނާއި މިހާރުގެ ކުޅުންތެރިންގެ އިތުރުން ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ. އަދި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބްދުﷲ ރާފިއުގެ އިތުރުން ސަރުކާރުގެ ބައެއް ވެރިންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ބަކާގެ ކަށުނަމާދު އިސްލާމީ މަރުކަޒުގައި ކުރިއަަށް ގެންގޮސްފައިވާއިރު، ބަކާ ވަޅުލާފައިވަނީ ގަލޮޅު ސަހަރާގައެވެ.

ކިޔުންތެރިންގެ ހިޔާލު