ޔޫރޯ 2024 ގެ ގުރޫޕު ސްޓޭޖުގެ ފަހު މެޗުގައި ޖޯޖިއާ އަދި ޕޯޗުގަލް ބައްދަލު ކުރި މެޗު ޖޯޖިއާ އިން ކާމިޔާބުކޮށްފިއެވެ.

މި މެޗު ޖޯޖިއާ ކާމިޔާބުކޮށްފައިވަނީ 2-0 އިންނެވެ. ވަރުގަދަ ޕޯޗުގަލްގެ މައްޗަށް ކުރި ހޯދައިގެން ޖޯޖިއާއިން މިމެޗު ކާމިޔާބު ކޮށްފައިވާއިރު، ފާހަގަ ކޮށްލެވޭ ކަމަކީ ޖޯޖިއާއަކީ ޔޫރާގައި އަލަށް ބައިވެރި ޓީމެއް ކަމެވެ. އެހެން ކަމުން އެ ޓީމަށް ޕޯޗުގަލް ބަލިކޮށް، މުބާރާތުގެ ދެވަނަ ބުރަށް ދަތުރު ކުރެވުމަކީ ޓީމަށް ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބަކާއި ހިތްވަރެކެވެ.

މެޗުގެ ފުރަތަމަ ހާފު ފަށައިގެން ޕޯޗުގަލް އަށް ރަނގަޅަށް މެޗުގެ ތެރެއަށް ނުވަދެވި އުޅެނިކޮށް ޖޯޖިއާ އިން ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. މެޗުގެ ދެވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ކްވަރަޓް ޝީލިއާއެވެ. މިހާފުގައި ޕޯޗުގަލް އިން ގިނަ ވަގުތު ބޯޅަ ގެނަގުޅުނު ނަމަވެސް ހާފު ނިމިގެން ދިޔަައީ ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.

ދެވަނަ ހާފު ފަށައިގެންް ޕޯޗުގަލް އިން އައީ ވަރަށް އަވަސް ކުޅުމެއް ކުޅެމުންނެވެ. ގިނަ ހަމަލާތަކެއް ޖޯޖިއާގެ ގޯލާއި އަމާޒުކޮށް އުފެއްދި ނަމަވެސް ގިނަ ހަމަލާތަށް ޖޯޖިއާގެ ކީލަރު ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ 57 ވަނަ މިނެޓުގައި ޖޯޖިއާ އަށް ވަނީ ޕެނަލްޓީ އެއް ލިބިފައެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް މިކައުޓަޑްޒޭ ވަނީ ޖޯޖިއާ އަށް މެޗުގައި ލީޑު ނަގައިދީފައެވެ.

ޔޫރޯ 2024 ގައި ޕޯޗުގަލް އަދި ޖޯޖިއާ ބައްދަލު ކުރި މެޗު

މި ގޯލަށް ފަހުވެސް ޖޯޖިއާގެ ގޯލާއި އަމާޒުކޮށް ގިނަ ހަމަލާތަކެއް ޕޯޗުގަލް އިން އުފެއްދި ނަމަވެސް ޖޯޖިއާގެ ކީޕަރު ވަނީ ގިނަ ހަމަލާތައް ދިފާއުކޮށްފައެވެ.

މި މެޗާއި އެކު ޕޯޗުގަލް ވަނީ ގުރޫޕުގެ އެއްވަނަައިގައި ގަދަ 16 އަށް ދަތުރު ކުރި އިރު ޖޯޖިއާ ވެސް ވަނީ ގުރޫޕުގެ ތިން ވަނައިގަައި ގަދަ 16 އަށް ދަތުރުކޮށްފައެވެ.

މި ގުރޫޕުން ދެން ގަދަ 16 އަށް ދަތުރުކޮށްފައިވަނީ ތުރުކީއެވެ. ތުރުކީ އަށް ލިބެނީ ގުރޫޕުގެ ދެވަނައެވެ.