ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ރޭގައި ނިމުނު އިރު، ގުރޫޕް އެފްގައި ތުރުކީއާއި ޗެކްރިޕަބްލިކް ބައްދަލު ކުރި މެޗުގައި ފެނިގެން ދިޔައީ ޔޫރޯގެ ތާރީހުގައިވެސް ތަފާތު މަންޒަރު ތަކެކެވެ.

މެޗަށް ނިކުތް އިރުވެސް ތުރުކީއަށް ގަދަ 16 ބުރު ޔަގީންވެފައިވީ ނަމަވެސް ޗެކްރިޕަބްލިކަށް އެއީ ކޮންމެހެން މޮޅުވުން މަޖުބޫރު މެޗެކެވެ. މެޗު ފަށައިގެން ދެޓީމުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔައިރު، ރޯމޭނިއާގެ ރެފްރީއަށް މެޗު ވެގެން ދިޔައީ ވަރަށްވެސް އުނދަގޫ މެޗަކަށެވެ. ގިނަ ފައުލު ތަކެއް ފެނިގެން ދިޔަ މި މެޗުގައި ދެއްކި 18 ރީނދޫ ކާޑުގެ ފުރަތަަމަ ކާޑު މެޗުގެ 11 ވަނަ މިނެޓުގައި ޗެކްރިޕަބްލިކުގެ އެންޓޮނިން ބަރަކްއަށް ވަނީ ދައްކާފައެވެ. އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން މެޗުގެ 20 ވަނަ މިނެޓުގައި ދެވަނަ ރީނދޫ ކާޑާއި އެކު އޭނާއަށް ވަނީ ރަތްކާޑު ދައްކާފައެވެ.

ކޮންމެހެން މޮޅުވުން މަޖުބޫރު މި މެޗުގެ މިހާ ކުރީކޮޅު 10 ކުޅުންތެރިންނަށް މަދުވުން ވެގެން ދިޔައީ ޗެކްރިޕަބްލިކަށް މެޗުގައި ކުރަން ޖެހުނު މަސައްކަތް ދެގުނައަށް އިތުރު ވުމެވެ. މިއީ ހަމަގައިމުވެސް މުޅި ޓީމު ޕްރެޝާއަށް ވެއްޓިގެން ދާނެ ފަދަ ހާލަތެކެވެ. މެޗުގައި ދެއްކި ތިން ވަނަ ރީނދޫ ކާޑު މެޗުގެ 31ވަނަ މިނެޓުގައި ތުރުކީގެ ކުޅުންތެރިއަކަށް ދެއްކި އިރު، 34 ވަނަ މިނެޓުގައި ދެއްކި ކާޑު ދެއްކީ ޗެކްރިޕަބްލިކުގެ ބެންޗުގައި އިން ކުޅުންތެރިއަކަށެވެ. ރެފްރީގެ ނިންމުންތަކަށް ފާޑު ކިޔުމުން ކާޑު ދެއްކި ޗެކްރިޕަބްލިކުގެ ޕެޓްރިކް ސްޗިކް އަކީ އަނިޔާގެ ސަބަބުން ރޭގެ މެޗުގައި ނުކުޅެވުނު ކުޅުންތެރިއެކެވެ. ފުރަތަމަ ހާފުގެ ފަހުގެ ކާޑު މެޗުގެ 37 ވަނަ މިނެޓުގައި ދައްކާފައި ވަނީ ތުރުކީގެ ކެނަން ޔިލްޑިޒްއަށެވެ.

ދެވަނަ ހާފު ފަށައިގެން 51 ވަނަ މިނެޓުގައި ތުރުކީއިން ވަނީ މެޗުގައި ލީޑު ނަގާފައެވެ. 51 ވަނަ މިނެޓުގައި ތުރުކީ ޓީމުގެ ކެޕްޓަން މިލަނޑު ކާމިޔާބުކޮށްދިން އިރު، ދެވަނަ ހާފުގައި ރީނދޫ ކާޑުގެ ސިލްސިލާ ފެށީ ތުރުކީއިންނެވެ. މެޗުގެ 49 ވަނަ މިނެޓުގައި މި ކާޑު ދެއްކީ ތުރުކީގެ އިސްމާއިލް ޔުކްސެކްއަށެވެ. ތުރުކީގެ މިގޯލާއި އެކު ޗެކްރިޕަބްލިކަށް އިތުރު އުނދަގުލަކާއި ކުރިމަތިވިއެވެ. ތުރުކީއިން ގޯލު ޖެހުމަށް ކުރަމުން ދިޔަ މަސައްކަތަށް ހުރަސް އެޅުމަށް އުޅުމުގެ ތެރޭގައި ޗެކްރިޕަބްލިކުގެ އެއް ނަންބަރ ކީޕަރގެ ކޮނޑު ހުޅަށް ލިބުނު އަނިޔާގެ ސަބަބުން ބަދަލު ކުރަން ޖެހުނެވެ.

ތުރުކީގެ ފުރަތަމަ ގޯލު ކާމިޔާބު ކުރުމަށް ފަހު އުފާ ފާޅު ކުރުން

10 ކުޅުންތެރިންނާއި އެކު ކުޅެމުންދިޔަ ޗެކްރިޕަބްލިކު ޓީމަށް ކުރިމަތި ވަމުން ދިޔަ ގޮންޖެހުން ތަކާއި އެކުވެސް ލަނޑެއް ކާމިޔާބު ކުރުމަށް ގިނަ މަސައްކަތްތަކެއް ދިޔައީ ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 66ވަަނަ މިނެޓުގައި ތޯމަސް ސޮއުކެކް ކާމިޔާބުކޮށްދިން ގޯލާއި އެކު މެޗުގެ ނަތީޖާ ހަމަހަމަވެގެން ދިޔައެވެ. މިއީ 10 ކުޅުންތެރިންނާއި އެއް ނަންބަރ ކީޕަރ ނުލާ ކުޅެމުންދިޔަ ޗެކަށް ލިބުނު ހިތްވަރަކަށް ވެގެން ދިޔައެވެ.

ކާޑޫގެ ތޫފާނެއް އެރި މި މެޗުގައި ދެއްކުނު ހަތް ވަނަ ރީނދޫ ކާޑު މެޗުގެ 64 ވަނަ މިނެޓުގައިވެސް ދައްކާފައި ވަނީ ތުރުކީގެ ކުޅުންތެރިއަކަށެވެ. މާޓް ގުނޮކްއަށް ދެއްކި މި ރީނދޫ ކާޑާއި އެކު ތުރުކީއަށް ދެއްކި ކާޑުގެ އަދަދު ވަނީ ހަތަރަކަށް އަރާފައެވެ. އޭގެ ދެ މިނެޓު ފަހުން މެޗުގެ 66 ވަނަ މިނެޓުގައި ތުރުކީއަށް މެޗުގައި ދެއްކި ފަސްވަނަ ރީނދޫ ކާޑު ވަނީ ދައްކާފައެވެ. ހަކަންއަށް މިކާޑު ދެއްކި އިރު، ތުރުކީ ބެންޗުގައި އިން ކުޅުންތެރިއަކަށް ވެސް ވަނީ ކާޑު ދައްކާފައެވެ. 68 ވަނަ މިނެޓުގައި ރީނދޫ ކާޑު ދެއްކީ ބެންޗުގައި އިން އުގޯކަން ކަކިރްއަށެވެ. މިއީ ރެފްރީގެ ނިންމުމާއި ހިތް ހަމަ ނުޖެހި އެސިސްޓެންޓް ރެފްރީއާއި ދިމާލަށް އެއްޗެހި ކިޔުމުން ދެއްކި ކާޑެކެވެ.

ހޫނު ގަދަ ވަގުތެއްގައި ކުޅެމުން ދިޔަ މިމެޗުގެ ހޫނުކަން މާ ބޮޑެވެ. ފުލު ފުލުގައި ދައްކަމުން ދިޔަ ކާޑުތަކާއި އެކު މެޗުގެ އޮއިވަރު ދިޔައީ ބަދަލު ވަމުންނެވެ. ޗެކްރިޕަބްލިކުގެ ކުޅުންތެރިންގެ ނުތަނަވަސްކަން ދިޔައީ އިތުރު ވަމުންނެވެ. މެޗު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށް ފެނިގެން ދިޔައީ ކާޑުގެ ތޫފާނެކެވެ. އެރި ވައި ރޯޅިއެއްހެން ފުލު ފުލުގައި ކާޑުތަށް ދައްކަމުންދިޔައެވެ. ކުރާ ކޮންމެ ފައުލަކަށްހެން ކާޑު ދައްކަމުން ދިޔައެވެ. މެޗުގެ 80 ވަނަ މިނެޓުގައި ތުރުކީގެ މާޓް މުލްޑުރްއަށް ރީނދޫ ކާޑު ދެއްކި އިރު، 84 ވަނަ މިނެޓުގައި ޗެކުގެ ވިޓްޒްލަވް ޖަރޮސްއަށް އަދި 85 ވަނަ މިނެޓުގައި ހަމަ އެޓީމުގެ ލޫކަސް ކާވް އަށް ވަނީ ކާޑު ދައްކާފައެވެ. މި ދެކުޅުންތެރިންނަކީ ވެސް ބެންޗުގައި ތިބި ދެ ކުޅުންތެރިންނެވެ. މީގެ އިތުރުން 85 ވަނަ މިނެޓުގައި ވަނީ ތުރުކީގެ ސަމެޓް އަކައެޑިންއަށް ވެސް ރީނދޫ ކާޑު ދައްކާފައެވެ.

މެޗުގައި ހިނގި ހަމަ ނުޖެހުން

މެޗުގެ ނުވަދިހަ މިނެޓު ހަމަވެ އިތުރު ވަގުތުގެ ކުޅުން ފެށުނު ތަނުން ތުރުކީއިން ވަނީ ގޯލު ޖަހާ މެޗުގައި ލީޑު ނަގާފައެވެ. މިވަރުން ހުއްޓައެއް ނުލެވުނެވެ. އިތުރު ވަގުތުގެ ތެރޭގައި ތުރުކީގެ ތިން ކުޅުންތެރިއަކަށް ވަނީ ރީނދޫ ކާޑު ދައްކާފައެވެ. ކާން އައިހަން އާއި އޯކުން ކޮކްޗުއަށް އެއް ގަޑި އަކު ރީނދޫކާޑު ދެއްކި އިރު އޭގެ ކުޑަ އިރުކޮޅެއް ފަހުން ތިން ވަނަ ރީނދޫ ކާޑު ދެއްކީ ރިއަލް މެޑްރިޑަށް ދާދި ފަހުން ބަދަލުވި އުމުރުން 19 އަހަރުގެ އާޑާ ގުލާއަށެވެ. އޭނާއަށް ކާޑު ދެއްކީ ބެންޗުގައި އިނދެ ނުރުހުން ފާޅު ކުރުމުންނެވެ. މެޗުގެ 75 މިނެޓު ކުޅުމަށް ފަހު ބަދަލު ކުރި މި ކުޅުންތެރިޔާ ވަނީ ތުރުކީ ޓީމަށް މޮޅު ކުޅުމެއް ކުޅެދީފައެވެ. މެޗުގައި ފެނިގެން ދިޔަ ދެވަނަ ރަތް ކާޑު ވެސް ފެނިގެން ދިޔައީ މެޗުގެ އެންމެ ފަހު މިނެޓުގައެވެ.

ކުޅިވަރުގެ ރޫހާ ހިލާފު ވުމުން ދެވަނަ ރަތްކާޑު ދެއްކީ 10 ކުޅުންތެރިންނާއި އެކު ކުޅެމުން ދިޔަ ޗެކްރިޕަބްލިކުގެ ތޯމަސް ސޮއުކެކްއަށެވެ. މިއީ ޔޫރޯގެ ތާރީހުގައިވެސް އެންމެ ގިނަ ކާޑު ދެއްކި އެއް މެޗެެވެ. އަދި މި އަހަރުގެ ޔޫރޯގައި އެންމެ ގިނަ ކާޑު ފެނިގެން ދިޔަ މެޗެވެ. ހޫނު ގަދަ ވެގެން ދިޔަ މި މެޗުން ޗެކްރިޕަބްލިކު ބަލިވުމާއި އެކު އެގައުމު ވަނީ މުބާރާތުން ވަކިވެފައެވެ. ގުރޫޕް އެފްއިން ގަދަ 16އަށް ގޮސްފައި ވަނީ ޕޯޗުގަލް، ތުރުކީގެ އިތުރުން ޖޯޖިއާއެވެ.