ޔޫރޯ 2024 ގެ ގުރޫޕް ސްޓޭޖުގެ މެޗުތައް ރޭ ނިމިފައިވާ އިރު މި އަހަރުގެ މުބާރާތުގައި މިހާތަނަށް އެކި ޓީމުތަކުން އަމިއްލަ ގޯލަށް ބައިކޮޅަށް ޖެހި ގޯލުގެ އަދަދު ހަތަކަށް ވަނީ އަރާފައެވެ.

މިހާތަނަށް މި މުބާރާތުގެ ރަން ބޫޓަށް ވާދަކުރާ ކުޅުންތެރިން ޖަހާފައިވަނީ ދެ ގޯލެވެ. އެގޮތުން ނެދަލޭންޑުގެ ކޯޑީ ގަކްޕޯ، ޖޯޖިއާގެ ޖިއޯޖް މިކައުޓަޑްޒޭ، ސްލޮވޭނިއާގެ އިޥާން ޝްރަންޒް، އަދި ޖަރުމަނުގެ ޖަމާލް މޫސިއާލާ އާއި ނިކޮލަސް ފުލްކުރޫގް މިހާތަނަށް ވަނީ މި މުބާރާތުގައި ދެ ލަނޑު ކާމިޔާބުކޮށްފައެވެ. ނަމަވެސް ރަން ބޫޓަށް ވާދަކުރާ އަދަދަށް ވުރެ ބައިކޮޅަށް ވަދެފައިވާ ގޯލުގެ އަދަދު މިވަނީ ގުރޫޕު ސްޓޭޖު ނިމުނުއިރު މާ މަތީގައެވެ.

ބައިކޮޅަށް ވަދެފައިވާ ލަނޑުތައް؛

އެންޓޯނިއޯ ރުޑިގާ (ޖަރުމަނު) : ޖަރުމަނު އަދި ސްކޮޓްލޭންޑް ބައްދަލު ކުރި މެޗު

މެކްސިމީލިއަން ވެބާ (އޮސްޓްރިއާ) : އޮސްޓްރިއާ އަދި ފްރާންސް ބައްދަލު ކުރި މެޗު

ރޮބިން ރަނަޗް (ޗެކް ރިޕަބްލިކް) : ޗެކް ރިޕަބްލިކް އަދި ޕޯޗުގަލް ބައްދަލު ކުރި މެޗު

ކްލައުސް ޖަސޫލާ (އަލްބޭނިއާ) : އަލްބޭނިއާ އަދި ކްރޮއޭޝިއާ ބައްދަލު ކުރި މެޗު

ރިކާޑޯ ކަލަފިއޮރީ (އިޓަލީ) : އިޓަލީ އަދި ސްޕެއިން ބައްދަލު ކުރި މެޗު

ސަމަކް އަކޭޑިން (ތުރުކީ) : ތުރުކީ އަދި ޕޯޗުގަލް ބައްދަލު ކުރި މެޗު

ޑޮނިއެލް މަލެން (ނެދަލޭންޑް) : ނެދަލޭންޑް އަދި އޮސްތްރިއާ ބައްދަލު ކުރި މެޗު

ބައިކޮޅަށް ވަތް ލަނޑުގެ އަދަދު އެންމެ ގިނަ ޔޫރޯ އަށް މިފަހަރުގެ މުބާރާތް ވެދާނެ!

މީގެ ތެރެއިން ޑޮނިއެލް މަލެން އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑަކީ މުޅި ޔޫރޯގެ ތާރީހުގައި ވެސް ބައިކޮޅަށް އެންމެ އަވަހަށް ވަދެފައިވާ ލަނޑެވެ. އެއީ މެޗު ފަށައިގެން މެޗުގެ ހަވަނަ މިނެޓުގައި ވަތް ލަނޑެކެވެ.

ޔޫރޯގެ ތާރީހުގައި ބައިކޮޅަށް ވަދެފައިވާ ލަނޑުގެ އަދަދު 27 އަށް އަރައެވެ. އަދި އެންމެ ގިނަ ލަނޑު ބައިކޮޅަށް ވަދެފައިވަނީ އެންމެ ފަހުން ކުޅެވުނު ޔޫރޯ މުބާރާތުގައެވެ. އެ މުބާރާތުގައި އެކި ޓީމުތަކުން ބައިކޮޅަށް 11 ލަނޑު ކާމިޔާބުކޮށްފައިވެއެވެ.

މިދިޔަ ޔޫރޯ މުބާރާތުގެ ގުރޫޕު ސްޓޭޖު ނިމުނު އިރު ބައިކޮޅަށް ވަދެފައިވާ ލަނޑަށް ވުރެ މިފަހަރުގެ ޔޫރޯ މުބާރާތުގެ ގުރޫޕު ސްޓޭޖު ނިމުނު އިރު ބައިކޮޅަށް ވަދެފައިވާ ލަނޑުގެ އަދަދު ގިނައެވެ. މިދިޔަ ޔޫރޯގެ ގުރޫޕު ސްޓޭޖު ނިމުނު އިރު ބައިކޮޅަށް ވަދެފައިވަނީ ހަ ލަނޑެވެ. ނަމަވެސް މިފަހަރު ހަތް ލަނޑު ވަދެފައި އެބަވެއެވެ. އެހެން ކަމުން މިފަހަރުގެ މުބާރާތަކީ އެންމެ ގިނައިން ބައިކޮޅަށް ލަނޑު ވަތް ޔޫރޯ މުބާރާތަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު