ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގުރޫޕު ސްޓޭޖުގައި މެކްސިކޯ ބަލިކޮށް ވެނެޒުއޭލާ އިން މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

މި މެޗު ވެނެޒުއޭލާ ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ފެނިގެން ދިޔައީ ވަރަށް އާދައިގެ ކުޅުމެކެވެ. މި ހާފުގައި މެކްސިކޯ އިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވީ ނަމަވެސް މި ހާފުގައި ނުރައްކާތެރި ގިނަ ހަމަލާތަކެއް ގޯލާ އަމާޒުކޮށް އުފައްދާފައިވަނީ ވެނެޒުއޭލާ އިންނެވެ. ނަމަވެސް ހާފު ނިމިގެން ދިޔައީ ތިން ދަނޑީގެ އެތެރެއަށް ބޯޅައެއް ވައްދާ ނުލެވި 0-0 ގައި ދެ ޓީމު އެއްވަރުކޮށް އޮވެގެންނެވެ.

ދެވަނަ ހާފު ފަށައިގެން ދެ ޓީމުންވެސް ކުޅުން ރަނގަޅުކޮށް ގޯލެއް ޖެހޭތޯ ވަނީ މަސައްކަތް ކޮށްފައެވެ.

މެޗުގެ 57 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން މެޗުގައި ފުރަތަމަ ލަނޑެއް ކާމިޔާބު ކުރީ ވެނެޒުއޭލާ އިންނެވެ. މިއީ ވެނެޒުއޭލާގެ ޖޮން އަރަމްބުރޫ އޭރިޔާ ތެރެއިން ބޯޅަ ހިފައިގެން ދަނިކޯށް، މެކްސިކޯގެ ޖޫލިއަން ކުއިނޯންސް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ދިން ޕެނަލްޓީއެކެވެ. ވެނެޒުއޭލާ އަށް މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ޓީމުގެ ކެޕްޓަން ސަލޮމޮން ރޮންޑޮންއެވެ.

ކޮޕާ އެމެރިކާ 2024 ގައި ވެނެޒުއޭލާ އަދި މެކްސިކޯ ބައްދަލު ކުރި މެޗު

ވެނެޒުއޭލާގެ ޕެނަލްޓީ އަށް ފަހު ވެސް ގިނަ ހަމަލާތަކެއް ފެނިގެން ދިޔަ މި މެޗުގައި، މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް މެކްސިކޯއަށް ވަނީ ޕެނަލްޓީ އެއް ލިބިފައެވެ. މެޗުގެ ނަތީޖާ ހަމަހަމަ ކުރަން އޯބެލިން ޕިނޭޑާ އަށް ލިބުނު މި ފުރުސަތައް ހުރަސް އެލީ ވެނެޒުއޭލާގެ ގޯލު ބަލަހައްޓަން ހުރި ރަފައެލް ރޯމޯއެވެ. ރޯމޯ ވަނީ އޯބެލިން ފޮނުވާލި ޕެނަލްޓީ ދިފާއުކޮށްފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދިޔައީ ނަތީޯޖާ އަށް ބަދަލެއް ނައިސް 1-0 އިން ވެނެޒުއޭލާ ކުރީގައި އޮވެގެންނެވެ.

މެޗުން ލިބުނު ތިން ޕޮއިންޓާ އެކީ ގުރޫޕުގެ އެއް ވަނައިގައި ވެނެޒުއޭލާ އޮތް އިރު އެ ޓީމަށް މުޅިއަކު ހަ ޕޮއިންޓް ލިބިފައިވެއެވެ. މި މެޗުން ބަލިވި މެކްސިކޯ އޮތީ ތާވަލުގެ ތިން ވަނައިގައެވެ. އެއީ މި ގުރޫޕުގެ ދެވަނަ މެޗުގައި ޖަމައިކާގެ މައްޗަށް ކުރި ހޯދި އެކުއެޑޯ އާއި ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް އެ ޓީމަށް ވުރެ ޖެހި ގޯލުގެ އަދަދު ގިނަވާތީއެވެ.

މި ގުރޫޕުން ކުއާޓާ ފައިނަލުގެ ޖާގަ ލިބޭ ދެވަނަ ޓީމެއް އެނގޭނީ މި މަހުގެ 30 ވަނަ ދުވަހު ކުޅެވޭ ގުރޫޕު ސްޓޭޖުގެ ފަހު މެޗުތަކަށް ފަހުއެވެ. މެކްސިކޯ އަދި އެކުއަޑޯ ބައްދަލު ކުރާ މެޗު ކާމިޔާބުކުރާ ޓީމަކާއި ވެނެޒުއޭލާ ކުއާޓާ ފައިނަލަށް ދާއިރު، އެ މެޗު އެއްވަރުވެއްޖެ ނަމަ ކުއާޓާ އަށް ވެނެޒުއޭލާ އާއި އެކު މި ގުރޫޕުން ދާނީ އެކުއަޑޯއެވެ. އެހެންކަމުން މެކްސިކޯ އަށް މޮޅުވުން ނޫން ގޮތެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު