ކޮޕާ އެމެރިކާގެ ގުރޫޕު ސްޓޭޖުގައި ޖަމައިކާ އަދި އިކުއެޑޯ ބައްދަލު ކުރި މެޗު ކާމިޔާބުކޮށް މުބާރާތުގައި ކުރިއަށް ދިއުމުގެ އުއްމީދު އިކުއެޑޯ އިން އާ ކޮށްފިއެވެ.

ޖަމައިކާ އަދި އިކުއެޑޯ ބައްދަލު ކުރި މި މެޗު އިކުއެޑޯ ކާމިޔާބުކޮށްފައިވަނީ 3-1 އިންނެވެ.

މެޗުގެ ފުރަތަމަ ހާފު ފަށައިގެން އިކުއެޑޯ އަށް ވަނީ މެޗުގައި ނަތީޖާ ނެރުމަށް ރަނގަޅު ހުސް ފުރުސަތެއް ލިބިފައެވެ. ނަމަވެސް ކެންޑްރީ ޕައެޒް ފޮނުވާލި މި ބޯޅަ ގޮސްފައިވަނީ ގޯލުގެ މަތިން ބޭރަށެވެ.

މެޗުގެ 13 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުން އިކުއަޑޯ އިން ވަނީ މެޗުގައި ފުރަތަމަ ލަނޑެއް ކާމިޔާބުކޮށް ލީޑެއް ނަގައިފައެވެ. މިއީ އެ ޓީމުން ނެގި ކޯނަރު ކުޅުމުގެ ތެރެއަށް ގޮސް ދެން އުފެއްދި ހަމަލާ އިން ވަތް ލަނޑެކެެވެ. އިކުއެޑޯގެ ޕިއެރޯ ހިންކަޕީ ނަގައިދިން ހުރަހަކުން މި ލަނޑު ވަނީ ކެސީ ޕާމާގެ ފައިގައި ޖެހިފައި ގޮސް ބައިކޮޅަށެވެ.

މީގެ އިތުރުން މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް ޖަމައިކާގެ އޭރިޔާ ތެރެއިން ގްރެގް ލެއިހް ގެ އަތުގައި ޖެހުމުން އިކުއަޑޯ އަށް ވަނީ ޕެނަލްޓީ އެއް ލިބިފައެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް ކެންޑްރީ ޕައެޒް ވަނީ އިކުއަޑޯ އަށް މެޗުގައި ލީޑު ފުޅާ ކޮށްދީފައެވެ.

ކޮޕާ އެމެރިކާ 2024 ގައި ޖަމައިކާ އަދި އެކުއަޑޯ ބައްދަލު ކުރި މެޗުގެ ތެރެއިން

ދެވަނަ ހާފު ފަށައިގެން ގިނަ އިރުތަކެއް ނުވެ ޖަމައިކާ އިން ވަނީ ލިބުނު ކޯނަރަކުން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މިކައިލް އަންޓޯނިއޯއެވެ.

މި ލަނޑަށް ފަހު ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ފަހު ލަނޑު އިކުއަޑޯ އިން ކާމިޔާބު ކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގައެވެ. އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލަން މިންޑާއެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާ އެކީ އިކުއަޑޯ ވަނީ ގުރޫޕުގެ ދެވަނަ އަށް ޖެހިލައިފައެވެ. އަދި ޖަމައިކާ ދިޔައީ ގުރޫޕުގެ ފުލަށެވެ.

ގުރޫޕުގެ ފަހު މެޗުގައި އިކުއަޑޯ އަދި މެކްސިކޯ މި މަހުގެ 30 ގައި ވާދަކުރާ އިރު މި ގުރޫޕުން ކުއާޓާ ފައިނަލަށް ދަތުރުކުރާނެ ޓީމެއް ޔަގީން ވާނީ އެ މެޗުގެ ނަތީޖާ އަންނަ ގޮތަކުންނެވެ. މެޗު އެއްވަރު ކޮށްލައިގެން ވެސް އިކުއަޑޯ އަށް މުބާރާތުގައި ކުރިއަށް ދިޔުމުގެ ފުރުސަތު އެބައޮތެވެ.

ކިޔުންތެރިންގެ ހިޔާލު