ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ އިންގްލެންޑް ފުޓްބޯޅަ ޓީމުގެ ފޯވާޑު ފިލް ފޯޑެން އަށް ދަރިއަކު ލިބުމުން އޭނާ އަށް ކުރު ޗުއްޓީއެއް ދީފިއެވެ.

އުމުރުން 24 އަހަރުގެ ފިލް ފޯޑެން އަށް ދަރިޔަކު ލިބުމާ ގުޅިގެން އިންގްލެންޑުން އޭނާ އަށް ކުރު ޗުއްޓީއެއް ދިނުމުން އޭނާ މިހާރު ވަނީ އިންގްލޭންޑަށް ގޮސްފައެވެ. ނަމަވެސް އަންނަ އާދިއްތަ ދުވަހު އިންގްލެންޑް އިން އެ ޓީމުގެ ގަދަ 16 ޓީމުގެ ބުރުގައި ވާދަކުރާ މެޗުގެ ކުރިން ފޯޑެން އެނބުރި ސްކޮޑާ ގުޅޭނެ ކަމަށް އިންގްލެންޑް ޓީމުން ބުނެއެވެ.

އިންގްލެންޑް ފޯވާޑު ފިލް ފޯޑެން

އިންގްލެންޑް ގައުމީ ޓީމުގެ ފޯވާޑު ފިލް ފޯޑެން އަދި އޭނާގެ ލޯބިވެރިޔާ ރެބެކާ ކުކް އަށް މީގެ ކުރިން ދެ ކުދިން ލިބިފައިވާއިރު، މި ފަހަރު މި ލިބުނީ އެ ދެ މީހުންގެ ތިން ވަނަ ދަރިފުޅެވެ. މީގެ ކުރިން އެ މީހުންނަށް ލިބިފައިވަނީ ފަސް އަހަރުގެ ފިރިހެން ދަރިފުޅު ރޮނީ އާއި ދެ އަހަރުގެ އަންހެން ދަރިފުޅު ޓްރޫއެވެ.

މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗެއްގައިވެސް ފޯޑެން ވަނީ ކުޅެފައެވެ. ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ކުޅުން ނިމިފައިވާއިރު، އިންގްލެންޑް ވަނީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ފަސް ޕޮއިންޓް ހޯދާ އެ ގުރޫޕުގެ އެއްވަނައިގައި ގަދަ ސޯޅަ ޓީމުގެ ބުރުން ޖާގަ ހޯދާފައެވެ.

އަންނަ ހޮނިހިރު ދުވަހު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގަދަ ސޯޅަ ޓީމުގެ ބުރު ފެށޭއިރު، އިންގްލެންޑް ވާދަކުރާ މެޗު އޮންނާނީ އަންނަ އާދިއްތަ ދުވަހުއެވެ. ގަދަ ސޯޅަ ޓީމުގެ ބުރުގައި އިންގްލެންޑް ވާދަކުރާނީ ސްލޮވޭކިއާ އާ ދެކޮޅަށެވެ. ޖަރުމަނުގެ އޮފްޝަލްކޭ އެރީނާގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗު ފަށާނީ އާދިއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 9:00 ގައެވެ.