މިހާރު އެމެރިކާގައި ކުރިއަށްދާ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި އުރުގުއޭ އަދި ބޮލީވިއާ ވާދަކުރި މެޗު ބޮޑު ތަފާތަކުން އުރުގުއޭ ކާމިޔާބުކޮށްފިއެވެ.

އެމެރިކާގެ މެޓްލައިފް ސްޓޭޑިއަމްގައި ކުރިއަށްދިޔަ މި މެޗު އުރުގުއޭއިން ކާމިޔާބުކޮށްފައިވަނީ 0-5 ގެ ނަތީޖާ އަކުންނެވެ. މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބު ކޮށް މެޗުގެ ލީޑު އުރުގުއޭ އިން ނަގާފައިވަނީ މެޗުގެ އަށް ވަނަ މިނެޓުގައެވެ. ރޮނާލްޑް އަރައުހޯ ތަނަވަސްކޮށްދިން ފުރުސަތަކުން މި ގޯލު އުރުގުއޭ އަށް ކާމިޔާބުކޮށްދީފައިވަނީ ފަކުންޑޯ ޕެލިސްޓްރީއެވެ.

ކޮޕަ އެމެރިކާ 2024- އުރުގުއޭ އަދި ބޮލިވިއާ ވާދަކުރި މެޗުގެ ތެރެއިން

ފަނަރަ ފަހަަރު ކޮޕަ އެމެރިކާ ކާމިޔާބުކޮށްފައިވާ އުރުގުއޭ އިން މި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ވަނީ ފުޅާކޮށްފައެވެ. މެޗުގެ އެކާވީސް ވަނަ މިނެޓުގައި މެކްސްސިމިލިއާނޯ އަރައުހޯ ތަނަވަސްކޮށްދިން ފުރުސަތަކުން މި ގޯލު އުރުގުއޭ އަށް ކާމިޔާބުކޮށް ދީފައިވަނީ ޑާވިން ނުނޭޒްއެވެ. މި އާއި އެކު މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދިޔައީ 0-2 ގެ ނަތީޖާ އަކުން އުރުގުއޭ ކުރީގައި އޮވެގެންނެވެ.

އުރުގުއޭގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ދެވަނަ ހާފުގައި އުރުގުއޭ އިން ވަނީ އިތުރު ތިން ގޯލު ކާމިޔާބުކޮށްފައެވެ. މެޗުގެ 77 ވަނަ މިނެޓުގައި ނިކޮލަސް ޑެ ލާ ކުރޫޒް ތަނަވަސްކޮށްދިން ފުރުސަތަކުން އުރުގުއޭގެ ތިން ވަނަ ގޯލު ކާމިޔާބުކޮށްދީފައިވަނީ މެކްސްސިމިލިއާނޯ އަރައުހޯއެވެ.

ކޮޕަ އެމެރިކާ 2024- އުރުގުއޭ އަދި ބޮލިވިއާ ވާދަކުރި މެޗުގެ ތެރެއިން

މެޗުގެ 81 ވަނަ މިނެޓުގައި އުރުގުއޭއިން ވަނީ އެ ޓީމުގެ ހަތަރު ވަނަ ގޯލު ކާމިޔާބުކޮށްފައެވެ. ފަކުންޑޯ ތަނަވަސްކޮށްދިން ފުރުސަތަކުން މި ގޯލު އުރުގުއޭއަށް ކާމިޔާބުކޮށްދީފައިވަނީ ފެޑެރިކޯ ވަލްވާޑޭއެވެ. އަދި މެޗުގެ 89 ވަނަ މިނެޓުގައި ޖިއޯޖިއަން ޑެ އަރަސްކައެޓާ ތަނަވަސްކޮށްދިން ފުރުސަތަކުން ރޮޑްރިގޯ ބަންޓަންކުއާ ވަނީ އުރުގުއޭގެ ފަސް ވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. މިއާއި އެކު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދިޔައީ 0-5 ގެ ނަތީޖާ އަކުން އުރުގުއޭ ކުރި ހޯދައިގެންނެވެ.

މިހާރު އެމެރިކާގައި ކުރިއަށްދާ ކޮޕް އެމެރިކާ ފުޓްބޯޅަ މުބާރާތުގައި މިރޭވެސް ދެ މެޗެށް ކުޅުމަށްވަނީ ހަމަޖެހިފައެވެ. މިރޭގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ކޮލޮމްބިއާ އާއި ކޮސްޓޮރިކާއެވެ. މި މެޗު ފަށާނީ ރާއްޖެގަޑިން މިރޭ ދަންވަރު 3:00ގައެވެ. އަދި ދެވަނަ މެޗުގައި ވާދަކުރާނީ ޕެރެގުއޭ އާއި ބްރެޒިލްއެވެ. މި މެޗު ފަށާނީ ފަތިހު 6:00ގައެވެ.

ކިޔުންތެރިންގެ ހިޔާލު