ކޮޕާ އެމެރިކާ 2024 ގެ ގުރޫޕު ޑީ ގައި ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް ކޮލަމްބިއާ އިން މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

މިއަދު ފަތިހު ގުރޫޕު ޑީ ގައި ކޮލަމްބިއާ އަދި ކޮސްޓަ ރިކާ ބައްދަލު ކުރި މެޗު ކޮލަމްބިއާ ކާމިޔާބުކޮށް ފައި ވަނީ 3-0 އިންނެވެ.

މި މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުންވެސް ނުރައްކާތެރި ހަމަލާތަކެއް އައީ އުފައްދަމުންނެވެ. ހާއްސަކޮށް ލިބޭ ކޯނަރުތަކުގައި ދެ ޓީމުންވެސް މި ހާފުގައި ވަނީ ގޯލަށް ނުރައްކާ ކޮށްފައެވެ.

މި މެޗުގައި ކޮލަމްބިއާގެ ފުރަތަމަ ލަނޑަކީ ލިބުނު ޕެނަލްޓީ އަކުން ލުއިސް ޑިއާޒް ކާމިޔާބު ކުރި ލަނޑެކެވެ. ކޮސްޓަރިކާގެ ގޯލު އޭރިޔާ ތެރެއިން ޓީމުގެ ކީޕަރު ކުރި ފައުލަކާއި ގުޅިގެން ލިބުނު މި ޕެނަލްޓީ ކާމިޔާބުކޮށް ޑިއާޒް ވަނީ ފުރަތަމަ ފަހަރަށް މެޗުގައި ކޮލަމްބިިއާ އަށް ލީޑު ނަގައިދީފައެވެ.

މެޗުގެ ފުރަތަމަ ހާފުުގައި ކޮލަމްބިއާ އިން ކާމިިޔާބު ކުރި ޕެނަލްޓީ އަށް ފަހުވެސް އެ ޓީމަށް ވަނީ ލަނޑު ޖަހާނެ އެތައް ފުރުސަތު ތަކެއް ލިބިފައެވެ. ނަމަވެސް ފުރަތަމަ ހާާފު ނިމިގެން ދިޔައީ ނަތީޖާ އަށް ބަދަލެއް ނައިސް 1-0 ގެ ލީޑެއްގައި ކޮލަމްބިއާ ކުރީގައި އޮވެގެންނެވެ.

ކޮޕާ އެމެރިކާގައި ކޮލަމްބިއާ އަދި ކޮސްޓަރިކާ ބައްދަލު ކުރި މެޗު

މެޗުގެ ދެވަނަ ހާފު ފަށައިގެން ގިނަ އިރުތަކެއް ނުވެ ލިބުނު ކޯނަރަކުން ކޮލަމްބިއާ އިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޑެވިންސަން ސަންޗޭޒެވެ. އޭގެ ތިން މިނެޓު ފަހުން ޖޯން ކޯޑޮބާ ވަނީ ކޮލަމްބިއާ އަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީ މެޗުގެ ލީޑު އިތުރަށް ފުޅާ ކޮށްދީފައެވެ.

ގިނަ ހަމަލާތަކެއް ދެ ޓީމުގެ ފަރާތުންވެސް ފެނިގެން ދިޔަ މި މެޗު ނިމިގެން ދިޔައީ 3-0 އިން ކޮލަމްބިއާ މެޗު ކާމިިޔާބުކޮށްގެންނެވެ.

މި އާއި އެކު ދެ މެޗުން ހަ ޕޮއިންޓު ހޯދައިގެން ގުރޫޕުގެ އެއް ވަނައިގައި ކޮލަމްބިއާ އޮތް އިރު ދެވަނައިގައި ބްރެޒިލް އޮތީ ހަތަރު ޕޮއިންޓާއި އެކު ކުޅުނު ދެ މެޗުން އެއް މެޗު ކާމިިޔާބުކޮށް އަނެއް މެޗުން އެއްވަރު ވެގެންނެވެ. ކޮސްޓަރިކާ އަށް އެއް ޕޮއިންޓު ލިބި ގުރޫޕުގެ ތިން ވަނައިގައި އޮތް އިރު ޕެރެގުއޭ ގުރޫޕުގެ ފުލުގައި އޮތީ އެއްވެސް ޕޮއިންޓެއް ނުލިބިއެވެ.

މިހާރު ކޮލަމްބިއާ އަށް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ކަށަވަރުވެފައިވާ އިރު މި ގުރޫޕުން ކުއާޓާގެ ފުރުސަތު ލިބޭ ދެވަނަ ޓީމެއް އިނގޭނީ ގުރޫޕު ސްޓޭޖުގައި ކުޅެވޭ ފަހު މެޗުތަކަށް ފަހުއެވެ. މި މެޗުތައް ކުޅެވޭނީ އަންނަ ޖުލައި މަހުގެ 3 ވަނަ ދުވަހުއެވެ. ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ކޮލަމްބިއާ އަދި ބްރެޒިލެވެ. ދެވަނަ މެޗުގައި ނިކުންނާނީ ޕެރެގުއޭ އަދި ކޮސްޓަރިކާއެވެ.

 

ކިޔުންތެރިންގެ ހިޔާލު