ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގަދަ 16 ގެ މެޗުތައް މިރޭ ފަށާއިރު ޖަރުމަނާއި ޑެންމާކު މިރޭ ނުކުންނާނެއެވެ.

މުބާރާތުގެ މިހާ ހިސާބަށް އައިއިރު، ޖަރުމަނު ވަނީ ކުޅުނު ދެ މެޗު ކާމިޔާބު ކޮށްފައެވެ. ގުރޫޕުގެ އެއްވަނައިގެ ގޮތުގައި ޖަރުމަނުން ދެވަނަ ބުރަށް އައިއިރު މިފަހަރުގެ މުބާރާތުގައި ޑެންމާކު ފެނިގެން ގޮސްފައިވަނީ ބަލި ކުރަން އުނދަގޫ ޓީމެއްގެ ގޮތުގައެވެ. އެ ޓީމުން ގަދަ 16 އަށް ދަތުރު ކުރީ ގުރޫޕު ސްޓޭޖުގެ ތިން މެޗުވެސް އެއްވަރުކޮށްގެންނެވެ.

ބެލެވޭ ގޮތުގައި ދެ ޓީމުގެ ފަރާތުން ނެރޭނެ ފުރަތަމަ 11 ކުޅުންތެރިން؛

ޖަރުމަނު: ނޮއުޔާ، ކިމިޗް، ރުޑިގާ، ސްކޮލޮޓާބެކް، މިޓެލްސްޓަޓް، އެންޑްރިޗް، ކްރޫސް، މޫސިއާލާ، ގުންޑަގަން، ވާޓްޒް، ހަވާޓްޒް

ޑެންމާކު: ޝްމައިކަލް، އެންޑަސަން، ވެސްޓާގާޑް، ކްރިސްޓެންސަން، ނޯގާޑް، އެރިކްސަން، ހޮބްޔާގް، ހޮޔްްލަންޑް، މެއީލް، ވިންޑް

މި މެޗުގެ ކުރިން ޖަރުމަނުގެ ކޯޗު ހޫލިއަން ނާގްލްސްމަން ބުނެފައިވަނީ ވަރަށް ރަނގަޅަށް އަތުރާލައިގެން ރޭވުންތެރިކަމާއެކު ޑެންމާކުން ކުޅެމުން އަންނަ ކަމަށާއި ހާއްސަކޮށް ޑިފެންޑް ކުރާއިރު އެ ޓީމު ވަރަށް ވަރުގަދަ ކަމަށެވެ. އަދި ތަޖުރިބާކާރު އެތައް ކުޅުންތެރިންނެއް ޓީމުގައި ތިބުމަކީ އެ ޓީމަށް އޮތް ފައިދާއެއް ކަމަށް ކޯޗު ވަނީ ބުނެފައެވެ. އޭނާ ބުނީ ސަޕޯޓަރުންގެ ފަރާތުން ޓީމަށް ވަރަށް ބޮޑު ސަޕޯޓެއް މި މެޗުގައި ބޭނުންވާ ކަމަށެވެ.

ލަނޑެއް ޖެހުމަށް ފަހު ޖަރުމަނު ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗާ ބެހޭ ގޮތުން ޑެންމާކުގެ ކޯޗު ބުނެފައިވަނީ މުބާރާތް ފެށުނީއްސުރެ މުބާރާތް ކާމިޔާބުކުރާނެ ކަމަށް އޭނާގެ އެންމެ ފޭވަރިޓްް ޓީމަކީ ޖަރުމަނު ކަމަށާއި ޖަރުމަނާއި ދެކޮޅަށް ކުޅެން ޖެހުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ. ޖަރުމަނުގެ ޓީމަކީ ހުނަރުން ފުރިގެންވާ ތަޖުރިބާ ހުރި ޓީމެއް ކަމަށާއި ޑެންމާކު ޓީމުގައި ވެސް އެ ފެންވަރު ހުރި ކަމަށް ކޯޗު ވަނީ ބުނެފައެވެ. އޭނާ ބުނީ މެޗަށް އަންނަ ސަޕޯޓަރުންގެ ކިބައިން އެންމެ ރަނގަޅު ސަޕޯޓެއް ޓީމަށް ދޭ މަންޒަރު ފެނިގެންދާނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ.

މި ދެ ޓީމު މީގެ ކުރިން 28 ފަހަރު މަތިން ބައްދަލު ކޮށްފައިވާ އިރު ޖަރުމަނުން ވަނީ މީގެ ތެރެއިން 15 މެޗު ކާމިޔާބު ކޮށްފައެވެ. ފަސް މެޗުން ދެ ޓީމު އެއްވަރުވެފައިވާ އިރު ބާކީ އަށް މެޗު ކާމިޔާބު ކޯށްފައިވަނީ ޑެންމާކެވެ.

ޖަރުމަނު އަދި ޑެންމާކު ކުޅޭ ގަދަ 16 ގެ މެޗު އޮންނާނީ މިރޭ 00:00 ގައެވެ. މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޑޯޓުމަންޑުގެ ދަނޑުގައެވެ.