ކޮޕާ އެމެރިކާގެ ގުރޫޕު ސްޓޭޖުގެ ފަހު މެޗުތައް މިރޭ ފަށާއިރު ގުރޫޕު އޭގައި އާޖެންޓީނާ އާއި ޕެރޫ ބައްދަލު ކުރާ މެޗުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ނުކުޅޭނެ ކަން ހާމަވެއްޖެއެވެ.

މެސީ ނުކުޅެނީ އޭނާގެ ފަަަލަމަސްގަނޑަށް އަނިޔާވުމާ ގުޅިގެންނެވެ. މެސީގެ ފަލަމަސްގަނޑަށް އަނިޔާވީ ކޮޕާ އެމެރިކާގެ ގުރޫޕު ސްޓޭޖުގެ ދެވަނަ މެޗުގައި ޗިލީ އާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ މެޗުގައި އަނިޔާވި ނަމަވެސް މެސީ ވަނީ މެޗުގެ ފުރިހަމަ ވަގުތު ދަނޑުމަތީ ހޭދަކޮށްފައެވެ.

މެސީ އަށް އެހާ ބޮޑު އަނިޔާއެއް ލިބިފައިނުވާ އިރު، އޭނާ އަށް ރެސްޓެއް ދެނީ އާޖެންޓީނާ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައިވާތީއެވެ. އެހެންކަމުން މިރޭގެ މެޗު ނުކުޅެ މެސީއަށް ރެސްޓް ކުރަން ނުވަ ދުވަހުގެ މުއްދަތެއް ލިބޭނެއެވެ.

ޕެރޫ އާއި ދެކޮޅަށް ކުޅޭ މެޗުގައި މެސީ ނުފެންނާނެ

މެސީގެ އިތުރުން ޓީމުގެ ކޯޗުވެސް މިރޭ ބެންޗުން ފެނިގެން ނުދާނެއެވެ. ޗިލީ އާ ދެކޮޅަށް ކުޅުނު މެޗުގެ ވަގުތު ދުއްވާލުމުގެ އަމަލުތަކެއް ފެނިފައިވާތީ އޭނާ ވަނީ މި މެޗަށް ސަސްޕެންޑު ކޮށްފައެވެ.

އާޖެންޓީނާގެ ގިނަ ސަޕޯޓަރުން ބުނެފައިވަނީ މެސީ ނެތްކަމުގެ މާޔޫސްކަން ލިބުނު ނަމަވެސް މެސީ އާ ނުލާ ވެސް ޓީމުން ނަތީޖާ ނެރޭނެ ކަމަށެވެ. އޭގެ ސަބަބެއްގެ ގޮތުގައި ދައްކާފައި ވަނީ މުބާރާތުގެ ފުރަތަމަ މެޗެވެ. މި މެޗުގައި މެސީގެ ފަރާތުން މާ މޮޅު ކުޅުމެއް ފެނިގެން ނުދިޔަ ނަމަވެސް އާޖެންޓީނާ ވަނީ 2-0 އިން މެޗު ކާމިޔާބުކޮށްފައެވެ.

ގުރޫޕު ސްޓޭޖުގެ ފަހު މެޗަށް މިރޭ ޕެރޫ އާ ދެކޮޅަށް އާޖެންޓީނާ ނިކުންނަ އިރު އާޖެންޓީނާ އޮތީ ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް ގުރޫޕު އޭގެ އެއްވަނައިގައެވެ. ދެވަނައިގައި ކެނެޑާ އޮތް އިރު ޗިލީ އޮތީ ތިންވަނައިގައެވެ. ޕެރޫ އަށް ލިބެނީ ގުރޫޕުގެ ފުލެވެ.

އާޖެންޓީނާ އާއި ޕެރޫ ކުޅޭ ގުރޫޕު އޭގެ ފަހު މެޗު ކުޅޭނީ މިރޭ ފަތިހު 05:00 ގައެވެ. ހަމަ އެވަގުތު އެ ގުރޫޕުގައި ހިމެނޭ ކެނެޑާ އަދި ޗިލީވެސް ބައްދަލު ކުރާނެއެވެ.