ޔޫރޯ ފުޓްބޯޅަ މުބާރާތުގައި 0-2 ގެ ނަތީޖާއަކުން އިޓަލީ ބަލިކޮށް ސްވިޒަލެންޑުން މުބާރާތުގެ ކުއާޓާ ފައިނަލަށް މިރޭ ދަތުރުކޮށްފިއެވެ.

ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގެ މެޗުތައް މިރޭ ފެށި އިރު، އިޓަލީއަކީ އެންމެ ފަހުން ބޭއްވި މުބާރާތުގެ ޗެމްޕިއަން ޓީމެވެ. އެކަމަކު، މިރޭގެ މެޗުގައި އިޓަލީއަށް ޗެމްޕިއަން ޓީމެއްގެ ގޮތުގައި ކުޅެވިފައެއް ނުވެއެވެ.

މުޅި މެޗުގައި ވެސް ސްވިޒަލޭންޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންގޮސްފައިވާއިރު، ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ގިނަ ހަމަލާވެސް އުފައްދާފައިވަނީ ސްވިޒަލޭންޑް އިންނެވެ. މެޗުގެ ދެވަނަ ހާފުގައި ވެސް އިޓަލީ އަށް މާ ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

ޔޫރޯ 2024- ގަދަ ސޯޅަ ޓީމުގެ ބުރުގައި އިޓަލީ އަދި ސްވިޒަލޭންޑް ވާދަކުރި މެޗުގެ ތެރެއިން, ސްވިޒަލޭންޑްގެ ވާގަސް މެޗުގެ ދެވަނަ ގޯލު ކާމިޔާބުކުރުމަށް ފަހު

ޖަރުމަނުގެ އޮލިމްޕިއާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އިޓަލީގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މި ހާފުގައި ސްވިޒަލޭންޑުން ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނަގައިފައެވެ. މެޗުގެ 37 ވަނަ މިނެޓުގައި ސްވިޒަލޭންޑްގެ ރުބެން ވާގަސް އިޓަލީގެ ޕެނަލްޓީ އޭރިއާގެ ތެރެއަށް ފޮނުވާލި ބޯޅަ ކޮންޓްރޯލްކޮށްލުމަށްފަހު އެއް ފަހަރުން ގޯލުގެ ތެރެއަށް ވައްދާލައިގެން މި ގޯލު ސްވިޒަލޭންޑް އަށް ކާމިޔާބުކޮށްދިނީ ރެމޯ ފްރޫލާއެވެ.

މެޗުގެ ފުރަތަމަ ހާފުގައި އިޓަލީގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މި ހާފުގައި އެ ޓީމަށް އުފެއްދިފައިވަނީ އެންމެ ހަމަލާއެކެވެ. އެ ހަމަލާ ވެސް ދިޔައީ ސްވިޒަލޭންޑްގެ ގޯލާ އަމާޒު ނުވެއެވެ. މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައީ 0-1 ގެ ނަތީޖާ އަކުން ސްވިޒަލޭންޑް ކުރީގައި އޮވެގެންނެވެ.

ޔޫރޯ 2024- ގަދަ ސޯޅަ ޓީމުގެ ބުރުގައި އިޓަލީ އަދި ސްވިޒަލޭންޑް ވާދަކުރި މެޗުގެ ތެރެއިން, ސްވިޒަލޭންޑް އިން މެޗުގެ ދެވަނަ ގޯލު ކާމިޔާބު ކުރުމާއި އެކު އިޓަލީގެ ކުޅުންތެރިން މާޔޫސް ކަމުގައި

މެޗުގެ ދެވަނަ ހާފު ފެށިގޮތަށް ސްވިޒަލޭންޑް އިން ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ފުޅާކޮށްފައެވެ. މެޗުގެ ފުރަތަމަ މިނެޓުގެ ތެރޭގައި ސްވިޒަލޭންގެ މައިކަލް އަބެޝާރ ތަނަވަސްކޮށްދިން ފުރުސަތަކުން، މި ގޯލު ސްވިޒަލޭންޑް އަށް ކާމިޔާބުކޮށްދީފައިވަނީ ރުބެން ވާގަސްއެވެ.

މެޗުގެ ދެވަނަ ހާފުގައި އިޓަލީ އިން ވަނީ ކުޅުން ރަނގަޅުކޮށް ހަމަލާތަކެއް އުފެއްދޭތޯ މަސައްކަތް ކޮށްފައެވެ. ނަމަވެސް ސްވިޒަލޭންޑުން ވަނީ ރޭވުންތެރިކަމާއެކު އިޓަލީގެ ހަމަލާތައް ހުއްޓުވާފައެވެ. މި މެޗުގެ ކުޅުން ނިމިގެން ދިއައީ 0-2 ގެ ނަތީޖާ އަކުން ސްވިޒަލޭންޑް މޮޅުވެގެންނެވެ.