ކޮޕާ އެމެރިކާގެ ގުރޫޕު ސްޓޭޖުގެ ފަހު މެޗުގައި ޢާޖެންޓީނާ އަދި ޕެރޫ ބައްދަލު ކުރި މެޗު ކާމިޔާބުކޮށް ކުޅުނު ތިން މެޗުން ސައްތައިން ސައްތަ މޮޅުވުމުގެ ރިކޯޑަކާއި އެކު އާޖެންޓީނާ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

އާޖެންޓީނާގެ ކެޕްޓަން އަދި ކޯޗާއި ނުލާ މިއަދު ފަތިހު ކުޅުނު މި މެޗު އާޖެންޓީނާ ކާމިޔަބުކުރީ 2-0 އިންނެވެ.

މެޗު ފަށައިގެން ދެ ޓީމުން ވެސް ފުރަތަމަ ކުޅެފައިވަނީ ލަސް ގޭމެކެވެ. ހަމަޖެހިގެން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ގެންގުޅެފައިވަނީ އާޖެންޓީނާ އިންނެވެ. މި ހާފުގައި ގޯލާއި އަމާޒުކޮށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ވެސް އުފައްދާފައިވަނީ އާޖެންޓީނާ އިންނެވެ. ނަމަވެސް ފުރަތަމަ ހާފު ނިމިގެން ދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.

ދެވަނަ ހާފު ފަށައިގެން އާޖެންޓީނާ އިން އަނެއްކާވެސް ގިނަ ހަމަލާތަކެއް ވަނީ އުފައްދަން ފަށާފައެވެ. އެގޮތުން ހާފު ފަށައިގެން ދެވަނަ މިނެޓުގައި ޑި މާރިއާ ތަނަވަސް ކޮށްދިން ފުރުސަތަކުން އާޖެންޓީނާގެ ލައުޓާރޯ ވަނީ ރީތި ލަނޑެއް ކާމިޔާބުކޮށްފައެވެ. ކީޕަރުގެ ބޯ މަތިން 'ޗިޕް' ހިއްލާލައިގެން ކާމިޔާބުކުރި މި ލަނޑާއި އެކީ ލައުޓާރޯ ވަނީ އާޖެންޓީނާ އަށް މެޗުގެ ލީޑު ނަގައިދީފައެވެ.

ދެވަނަ ހާފުގައި ޕެރޫގެ އޭރިޔާ ތެރެއިން ކުޅުންތެރިއެއްގެ އަތުގައި ބޯޅައިން ޖެހުމުން ރެފްރީ ވަނީ އާޖެންޓީނާ އަށް ޕެނަލްޓީ އެއް ދީފައެވެ. އާޖެންޓީނާގެ އެންމެ ތަޖުރިބާ ހުރި އެއް ކުޅުންތެރިއެއް ކަމަށްވާ ލިއާންޑްރޯ ޕަރެޑޭސް މި ޕެނަލްޓީ ކުރިއަށް ފޮނުވާލި ނަމަވެސް ޕެނަލްޓީ ގޯލުގެ ތެރެއަށް ވައްދާލެވޭ ގޮތެއް ނުވިއެވެ. މި ޕެނަލްޓީ ޖެހުނީ ގޯލުގެ އަރިމަތީ ދަނޑީގައެވެ.

ގުރޫޕު ސްޓޭޖުގެ ތިން މެޗު ކާމިޔާބު ކޮށް ކުއާޓާ އަށް ދިޔަ ފުރަތަމަ ޓީމަކަށް އާޖެންޓީނާ

މީގެ އިތުރުން މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޯށް ޕެރޫގެ ފަހަތުން އަލްޑޯ ކޯޒޯ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ލައުޓާރޯ ވަނީ މެޗުގައި ދެވަނަ ލަނޑެއް ކާމިޔާބުކޮށްފައެވެ.

މިއާއި އެކު 2-0 އިން އާޖެންޓީނާ މެޗު ކާމިޔާބުކުރި އިރު މި ގުރޫޕު ފަހު މެޗުގައި ކެނެޑާ އަދި ޗިލީ ބައްދަލު ކުރި މެޗު ނިމިގެން ދިޔައީ 0-0 އިން ދެ ޓީމު އެއްވަރުވެގެންނެވެ. އެހެން ކަމުން އާޖެންޓީނާ އާއި އެކީ މި ގުރޫޕުން މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގަ ލިބެނީ ކެނެޑާ އަށެވެ. އެއީ ކުޅުނު ތިން މެޗުން އެ ޓީމަށް ހަތަރު ޕޮއިންޓު ލިބޭތީއެވެ. ޗިލީ އަށް ލިބެނީ ކުޅުނު ތިން މެޗުން ދެ ޕޮއިންޓެވެ.

މި މުބާރާތުގެ ކުއާޓާ ފައިނަލުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މި ފެށޭ ޖުލައި މަހުގެ ހަތަރު ވަނަ ދުވަހުއެވެ.