ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގުރޫޕު އޭގެ ފަހު މެޗުގައި ކެނެޑާ އާއި ޗިލީ ބައްދަލުކުރި މެޗު އެއްވަރުވުމާއެކު ކެނަޑާ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

ރޭ ފަތިހު ކުޅުނު މި މެޗު އެއްވަރުވެފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔައިރު ފުރަތަމަ ހާފްގައި ދެ ޓީމުންވެސް ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް އިދިކޮޅު ގޯލަށް އަމާޒުކޮށް ފޮނުވާފައެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޗިލީގެ ގެބަރިއެލް ސުއާޒޯ އަށް ވަނިީ ދެ ރީނދޫ ކާޑު ހަމަވުމާއި ގުޅިގެން ރަތް ކާޑެއް ދައްކާފައެވެ.

ފުރަތަމަ ހާފުގައި ކެނެޑާ އިން ފެނިގެން ދިޔައީ ދެ ފަޅި އަރިމަތިން ގިނަ ހުރަސް ތަކެއް ނެގި މަންޒަރެވެ. ނަމަވެސް އޭގެ އެންމެ އެދެވޭ ބޭނުމެއް ހިފުނު މަންޒަރެއް ފެނިފައި ނުވެއެވެ.

ޗިލީ އާއި ދެކޮޅަށް ކުޅުނު މެޗު އެއްވަރު ކޮށްލައިގެން ކެނެޑާ ކުއާޓާ އަށް

ދެވަނަ ހާފު ފަށައިގެން ވެސް ފުރަތަމަ ހާފެކޭ އެއްގޮތަށް ދެ ޓީމުންވެސް ލަނޑެއް ކާމިޔާބު ކުރެވޭތޯ މަސައްކަތް ކުރި ތަން ވަނީ ފެނިގެން ގޮސްފައެވެ. ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދިޔައިރުވެސް އެއްވެސް ޓީމަކަށް ވަނީ ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.

މި މެޗު އެއްވަރުވުމާ އެކީ ކެނެޑާ އަށް ވަނީ ހަތަރު ޕޮއިންޓު ލިބިފައެވެ. އެއީ ޕެރޫ އާ ދެކޮޅަށް ކުޅުނު މެޗުން ލިބުނު ތިން ޕޮއިންޓާ އެކުގައެވެ. ޗިލީ އަށް ލިބެނީ ދެ ޕޮއިންޓެވެ. އެހެން ކަމުން ޗިލީ އަށް މުބާރާތް ނިމުނުއިރު ގުރޫޕު އޭ ގެ ތިން މެޗުވެސް ކާމިޔާބު ކުރި އާޖެންޓީނާ އާއި އެކީ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފައިވަނީ ކެނެޑާއެވެ.

މި މުބާރާތުގެ ކުއާޓާ ފައިނަލުގެ މެޗުތައް ކުޅެވޭނީ މި ފެށޭ ޖުލައި މަހުގެ ހަތަރު ވަނަ ދުވަހުއެވެ.