ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ރައުންޑް އޮފް 16 ގައި އިންގްލެންޑް އަދި ސްލޮވާކިއާ ވާދަ ކުރި މެޗު 1-2 ގެ ނަތީޖާ އަކުން ކާމިޔާބުކޮށް އިންގްލެންޑް އިން ކުއާޓާ ފައިނަލްގެ ޖާގަ ކަށަވަރުކޮށްފިއެވެ.

ޖަރުމަނުގެ އޮފްޝަލްކޭ އެރީނާގައި ކުރިއަށް ދިޔަ މި މެޗުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މެޗުގެ ފުރަތަމަ ހާފުގައި ސްލޮވާކިއާ އިން ވަނީ ގޯލެއް ކާމިޔާބުކޮށްފައެވެ. ސްލޮވާކިއާ އިން މެޗުގެ ކުރީ ކޮޅު ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނަގާފައި ވީ ނަމަވެސް މެޗުގެ ދެވަނަ ހާފުގައި އިންގްލެންޑް އިން ވަނީ ކުޅުން ރަނގަޅުކޮށް މެޗުގެ ފަހު ވަގުތު ބެލިންގްހަމް ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަ ހަމަ ކޮށްފައެވެ. މެޗުގެ ނަތީޖާ ނެރުމަށް އެކްސްޓްރާ ދެ ހާފު ކުޅެފައިވާއިރު އެކްސްޓްރާގެ ފުރަތަމަ ހާފުގައި އިންގްލެންޑް އިން ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނަގާފައެވެ.

ޔޫރޯ 2024- އިންގްލެންޑް އަދި ސްލޮވާކިއާ ވާދަކުރި މެޗުގެ ތެރެއިން, ސްލޮވާކިއާގެ ލޮބޮޓްކާ ބޯޅަ އާއި އެކު ކުރިއަށް ދަނީ

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަ ހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މެޗުގެ 25 ވަނަ މިނެޓުގައި ވަނީ ސްލޮވާކިއާ އިން ގޯލެއް ކާމިޔާބުކޮށް މެޗު ލީޑު ނަގާފައެވެ. ޑޭވިޑް ސްޓްރެލެކް ތަނަވަސް ކޮށްދިން ފުރުސަތަކުން މި ގޯލު ސްލޮވާކިއާ އަށް ކާމިޔާބު ކޮށްދީފައިވަނީ އިވާން ސްކްރަންޒްއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ސްލޮވާކިއާ އިން ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނެގި ފަހުންވެސް ދެ ޓީމަށްވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތު ތަކެއް ވަނީ ލިބިގެން ގޮސްފައެވެ. މިގޮތުން އިންގްލެންޑް ގެ ފިލް ފޯޑެން އަށް ވެސް މެޗުގެ ނަތީޖާ ހަމަ ހަމަ ކުރުމަށް ރަނގަޅު ފުރުސަތެއް ވަނީ ލިބިގެން ގޮސްފައެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން އިންގްލެންޑް އިން ގޯލެއް ކާމިޔާބު ކުރި ނަމަވެސް އޮފްސައިޑް ވުމުގެ ސަބަބުން އެ ގޯލު ބަލައިގަނެފައެއް ނުވެއެވެ. ކިއެރެން ޓްރިޕިއާ ސްލޮވާކިއާގެ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅަ ފިލް ފޯޑަން އޮފްސައިޑް މަގާމެއްގައި ހުރުމުގެ ސަބަބުން ވީއޭއާރު ބެލުމަށްފަހު ރެފްރީ ވަނީ އޮފްސައިޑް އަކަށް ނިންމާފައެވެ.

ޔޫރޯ 2024- އިންގްލެންޑް އަދި ސްލޮވާކިއާ ވާދަކުރި މެޗުގެ ތެރެއިން އިންގްލެންޑްގެ ކޮބީ މައިނޫ ބޯޅަ އާއިއެކު ކުރިއަށް ދަނީ

މެޗުގެ ދެވަނަ ހާފުގައި އިންގްލެންޑް އިން ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް ވަނީ އުފައްދާފައެވެ. މިގޮތުން އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން އަށްވެސް ރަނގަޅު ފުރުސަތެއް ލިބިފައިވެއެވެ. ކޭން ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ސްލޮވާކިއާގެ ގޯލާ އަމާޒު ނުވެ ބޭރަށެވެ. އަދި މީގެ އިތުރުން އިންގްލެންޑް ގެ ޑެކްލަން ރައިސް ސްލޮވާކިއާގެ ޕެނަލްޓީ އޭރިއާގެ ބޭރުން ފޮނުވާލި ހަމަލާވެސް އަމާޒު ވެގެން ދިއައީ ސްލޮވާކިއާ ގޯލު ދަނޑިއަށެވެ.

ދެވަނަ ހާފުގެ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ގިނަ ހަމަލާތަކެއް އުފައްދާފައިވަނީ ވެސް އިންގްލެންޑުންނެވެ. ނަތީޖާ އެއްގެ ގޮތުން އިންގެލެންޑް އަށް ލިބުނު ކޯނަރަކުން މެޗުގެ 90 މިނެޓު ހަމަވެގެން ކުޅުނު އިތުރު ވަގުތު އިންގްލެންޑް އިން ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަ ހަމަ ކޮށްފައެވެ. އޯވަހެޑް ކިކްއަކުން އިންގްލެންޑް އަށް މި ގޯލު ކާމިޔާބުކޮށްދީފައިވަނީ ޖޫޑް ބެލިންގްހަމްއެވެ.

މެޗުގެ ފަހު ވަގުތު އިންގްލެންޑް އިން ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރު ކުރުމާއި އެކު މެޗުގެ ނަތީޖާ ނެރުމަށް އެކްސްޓްރާ ދެ ހާފު ވަނީ ކުޅެފައެވެ. އެކްސްޓްރާގެ ފުރަތަމަ ހާފުގައި އިންގްލެންޑުން ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނަގާފައެވެ. އިންގްލެންޑްގެ އިވާން ޓޯނޭ ބޮލުން ސްލޮވާކިއާ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅަ، ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެން އިންގްލެންޑް އަށް މި ގޯލު ކާމިޔާބުކޮށްދީފައިވަނީ ހެރީ ކޭންއެވެ.