ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ރައުންޑް އޮފް 16 ގައި މިރޭ ފްރާންސް އާއި ބެލްޖިއަމް ވާދަކުރާ މެޗުގައި ފްރާންސް އިން ގޯލު ޖެހުން މުހިންމު ކަމުގައި ފްރާންސްގެ ކޯޗު ޑިޑިއާ ޑިޝޭމްޕްސް ބުނެފިއެވެ.

ފްރާންސްގެ ކޯޗު ޑިޑިއާ ޑިޝޭމްޕްސް މިހެން ބުނެފައިވަނީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ރައުންޑް އޮފް 16 ގައި ބެލްޖިއަމް އާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ. ޑިޝޭޕްސް މިހެން ބުނެފައިމިވަނީ ފްރާންސް އިން މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގައި އެ ޓީމުގެ ކުޅުންތެރިންގެ ފަރާތުން ގޯލު ނުޖެހުމުގެ ވާހަކައާއި ގުޅިގެންނެވެ.

ޔޫރޯ 2024- ފްރާންސް އަދި ނެދަލެންޑްސް ވާދަކުރި މެޗުގެ ތެރެއިން, ފްރާންސްގެ ގްރީޒްމަން ބޯޅައާއި އެކު, މި މެޗު ނިމިގެން ދިއައީ އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވިއެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ފްރާންސް އިން ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅު ވެފައިވާއިރު، އަނެއް ދެ މެޗުން ވަނީ އެއް ވަރު ވެފައެވެ. ގުރޫޕް ސްޓޭޖުގައި ފްރާންސް އިން ކުޅުނު ތިން މެޗުގައިވެސް ފްރާންސްގެ ކުޅުންތެރިއަކަށް ގޯލެއް ކާމިޔާބު ކުރެވިފައިވަނީ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޕޮލެންޑް އާއި ދެކޮޅަށް ކުޅުނު މެޗުގައި ފްރާންސް އަށް ލިބުނު ޕެނަލްޓީ އަކުން އެ ޓީމުގެ ކީލިއަން އެމްބާއްޕޭއެވެ. މި މެޗު ނިމިގެން ދިޔައީ 1-1 ގެ ނަތީޖާ އަކުން އެއްވަރު ވެގެންނެވެ.

މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ފްރާންސް އިން ކުޅުނު ފުރަތަމަ މެޗުގައި އޮސްޓްރިއާ އަތުން މޮޅުވި މެޗުގައި ފްރާންސް އިން ކާމިޔާބު ކުރި ހަމަ އެކަނި ގޯލަކީ އޮސްޓްރިއާގެ ކުޅުންތެރިއެއްގެ އަތުން ބައި ކޮޅަށް ވަތް ގޯލެކެވެ. އަދި ދެވަނަ މެޗުގައި ނެދަލެންޑްސް އާއި ވާދަކުރި މެޗު ނިމިގެން ދިޔައީ 0-0ގެ ނަތީޖާ އަކުން އެއްވަރު ވެގެންނެވެ.

އެހެން ކަމުން މިރޭގެ މެޗަށް ފްރާންސް އިން ނިކުންނައިރު، އެ ޓީމުން ގޯލު ޖެހުމަކީ މުހިންމު ކަމެއްގެ ގޮތުގައި ފްރާންސްގެ ކޯޗު ޑިޝޭމްޕްސް ބުނެފައިވާއިރު، މިރޭގެ މެޗަކީ ފްރާންސް އަށް ފަސޭހަ މެޗަކަށް ނުވާނެއެވެ. ތަރިންގެ ޓީމެއްގެ ގޮތުގައި އޮތް ފްރާންސް ޓީމުން މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ދައްކަމުން އަންނަ އާދައިގެ ކުޅުމާއި އެކު ގިނަ ބަޔަކު އަންނަނީ ފްރާންސް ޓީމަށް ފާޑު ކިޔަމުންނެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ރައުންޑް އޮފް 16 ގައި ފްރާންސް އިން ބެލްޖިއަމް އާއި ދެކޮޅަށް ކުޅޭ މެޗު ކުޅުމަށް ހަމަ ޖެހިފައިވަނީ ޖަރުމަނުގެ ޑުސެލްޑޯފް އެރީނާގައެވެ. މި މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 9:00ގައެވެ.