މިހާރު އެމެރިކާ ގައި ކުރިއަށްދާ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ބީގެ ފަހު މެޗުގައި އެކުއެޑޯ އަދި މެކްސިކޯ ވާދަކުރި މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ.

ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފަހު މެޗުގައި އެކުއެޑޯ އަދި މެކްސިކޯ ވާދަކުރި މެޗު ނިމިގެން ގޮސްފައިވަނީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވިއެވެ. މި މެޗުގެ ފުރަތަމަ ހާފުގައިވެސް ދެ ޓީމަށްވެސް ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ބޭކާރު ވެފައެވެ.

ކޮޕަ އެމެރިކާ 2024- އެކުއެޑޯ އަދި މެކްސިކޯ ވާދަކުރި މެޗުގެ ތެރެއިން

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ދެވަނަ ހާފުގައި ވެސް ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މި ހާފުގައި ވެސް ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށްވެސް ގޯލެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. ފޯރި ގަދަ މި މެޗުގެ ފަހު ވަގުތާ ހަމައަށްވެސް މެކްސިކޯއިން ގޯލެއް ޖެހުމަށް ކުރި މަސައްކަތުގައި ލިބުނު ފުރުސަތުގެ ބޭނުން އެ ޓީމަށް ހިފޭ ގޮތެއް ނުވިއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދިއައީ 0-0 ގެ ނަތީޖާ އަކުން ދެ ޓީމު އެއްވަރުގައި އޮވެގެންނެވެ.

ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ބީ ގެ ކުޅުން ނިމިފައިވާއިރު، މި ގުރޫޕުގެ އެއްވަނަ ލިބެނީ ކުޅުނު ތިން މެޗު ކާމިޔާބުކޮށް ލިބުނު ނުވަ ޕޮައިންޓާއި އެކު ވެނެޒުއޭލާ އަށެވެ. އަދި ކުޅުނު ތިން މެޗުން އެކުއެޑޯ އާއި މެކްސިކޯ އަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ގޯލުގެ ތަފާތުން އެކުއެޑޯއަށް ގުރޫޕުގެ ދެވަނަ ލިބޭއިރު މެކްސިކޯ އަށް ލިބެނީ މި ގުރޫޕުގެ ތިން ވަނައެވެ. އަދި ކުޅުނު ތިންމެޗުންވެސް ބަލިވެ އެއްވެސް ޕޮއިންޓެއް ނުލިބި، ޖަމެއިކާ އޮތީ މި ގުރޫޕުގެ އެންމެ ފުލުގައެވެ. މި ނަތީޖާ އާއި އެކު މި ގުރޫޕުން ވެނެޒުއޭލާ އަދި އެކުއެޑޯ މުބާރާތުގެ ކުއާޓާ ފައިނަލަށް ގޮސްފައިވާއިރު، މެކްސިކޯ އަދި ޖެމެއިކާ ވަނީ މުބާރާތުން ކަޓާފައެވެ.

ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ދެ މެޗެއް މިރޭވެސް ކުޅުމަށް ހަމަ ޖެހިފައިވާއިރު، މިރޭ ކުޅުމަށް ހަމަ ޖެހިފައިވަނީ ގުރޫޕް ސީގެ ފަހު މެޗުތަކެވެ. ގުރޫޕް ސީ ގައި މިރޭ ޕެނަމާއިން ނިކުންނާނީ ބޮލީވިއާ އާއި ދެކޮޅަށެވެ. އަދި އެމެރިކާ ނިކުންނާނީ އުރުގުއޭ އާއި ދެކޮޅަށެވެ. މި ދެމެޗުވެސް ކުޅޭނީ ފަތިހު 6:00 ގައެވެ.