ޔޫރޯ 2024 ގެ ގަދަ 16 ބުރުގައި ފްްރާންސް އަދި ބެލްޖިއަމް ބައްދަލު ކުރި މެޗު ކާމިޔާބުކޮށް ފްރާންސް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

މި މެޗު ފްރާންސް ކާމިޔާބުކޮށްފައިވަނީ 1-0 އިންނެވެ.

މެޗުގެ ފުރަތަމަ ހާފު ފަށައިގެން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުން އައީ ފްރާންސުންނެވެ. ފްރާންސުން ބެލްޖިއަމްގެ ގޯލަށް އަމާޒުކޮށް ހަމަލާތަކެއް އުފެއްދި އިރު ބެލްޖިއަމުންވެސް ވަނީ ލިބުނު ކައުންޓާ އެޓޭކު ތަކުގައި ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައިރު ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

ޔޫރޯ 2024 ގައި ފްރާންސް އަދި ބެލްޖިއަމް ބައްދަލު ކުރި މެޗު

ދެވަނަ ހާފު ފަށައިގެން ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ކުޅެމުން އައި ނަމަވެސް މި ހާފުވެސް ޑޮމިނޭޓްކޮށް ގިނަ ވަގުތު ބޯޅަ ގެންގުޅެފައިވަނީ ފްރާންސުންނެވެ.

މެޗު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް ފްރާންސުން ވަނީ މެޗުގައި ލަނޑެއް ޖަހާ ކުއާޓާގެ އުއްމީދު ހޯދާފައެވެ. މި ލަނޑު ވަދެފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ކޯލޯ މުއާނީ އުފެއްދި ހަމަލާ އަކުން ބެލްޖިއަމްގެ ވާޓޮންގެންގެ އަތުން ބައިކޮޅަށެވެ.

މި އާއި އެކު މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ގޮސްފައިވަނީ 1-0 ގެ ލީޑެއްގައި ފްރާންސް ކުރީގައި އޮވެގެންނެވެ.

ފްރާންސަށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ލިބުނު އިރު ބެލްޖިއަމަށް ޖެހުނީ ދަބަސް ކޮނޑު އަޅައިގެން ގެއަށްދާށެވެ.