ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ނެދަލެންޑްސް އާއި ރޮމޭނިއާ ބައްދަލު ކުރި މެޗު 0-3 ގެ ނަތީޖާއަކުން ނެދަލެންޑްސް ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލްގެ ޖާގައެއް މިރޭ ކަށަވަރުކޮށްފިއެވެ.

ޖަރުމަނުގެ މިއުނިކް ސްޓޭޑިއަމްގައި ކުރިއަށް ދިޔަ މި މެޗުގައި ނެދަލެންޑްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މުޅި މެޗުގައިވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ ނެދަލެންޑްސް އިންނެވެ. ނެދަލެންޑްސް އިން ލީޑު ނަގާފައިވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ. އަދި ދެވަނަ ހާފުގައި އިތުރު ދެ ގޯލު ކާމިޔާބުކޮށް ލީޑު ފުޅާކުރިއެވެ. މެޗުގައި ރޮމޭނިއާގެ ކުޅުންތެރިން "ހަމަ ނޭވާ"ލުމުގެ ފުރުސަތު ވެސް ނުދެއެވެ. ހާއްސަކޮށް ނެދަލެންޑްސްގެ ފަރާތުން ދެވަނަ ހާފްގައި ފެނުނީ އާދަޔާ ހިލާފު މޮޅު ކުޅުމެކެވެ.

ޔޫރޯ 2024- ރައުންޑް އޮފް 16 ގައި ނެދަލެންޑްސް އަދި ރޮމޭނިއާ ވާދަކުރި މެޗުގެ ތެރެއިން

މެޗުގެ ފުރަތަމަ ހާފުގައި ނެދަލެންޑްސް އިން ވަނީ ގޯލެއް ކާމިޔާބުކޮށް މެޗު ލީޑު ނަގާފައެވެ. މެޗުގެ 20 ވަނަ މިނެޓުގައި ޒަވީ ސިމޯންސް ދިން ބޯޅައެއް ހިފައިގެން ރޮމޭނިއާގެ ޕެނަލްޓީ އޭރިއާގެ ތެރެއަށްވަދެ ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން މެޗުގެ ލީޑު ނެދަލެންޑްސް އަށް ނަގައިދިނީ ކޮޑީ ގަޕޯއެވެ.

މި ގޯލަށް ފަހުވެސް މެޗުގެ ފުރަތަމަ ހާފުގައި ނެދަލެންޑްސް އަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވަނީ ލިބިގެން ގޮސްފައެވެ. މި ހާފުގައި ނެދަލެންޑްސް އިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވާއިރު، ރޮމޭނިއާއަށް މާ ރަނގަޅު ހަމަލާއެއް އުފެއްދޭ ގޮތެއް ނުވިއެވެ. މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައީ 0-1 ގެ ނަތީޖާ އަކުން ނެދަލެންޑްްސް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައިވެސް ބޯޅަ ހިފަހައްޓައިގެން ކުޅެމުން ދިޔައީ ނެދަލެންޑްސް އިންނެވެ. މި ހާފުގައި ވެސް ނެދަލެންޑްސް އިން ގޯލެއް ޖެހި ނަމަވެސް އޮފްސައިޑް ވުމުގެ ސަބަބުން މި ގޯލު ވަނީ ބަލައި ނުގަނެފައެވެ. މެޗުގެ 63 ވަނަ މިނެޓުގައި ކޮޑީ ގަޕޯ ޖެހި މި ގޯލު ވީއޭއާރު ބެލުމަށްފަހު އޮފްސައިޑް ކަމުގައި ރެފްރީ ވަނީ ނިންމާފައެވެ.

ޔޫރޯ 2024- ރައުންޑް އޮފް 16 ގައި ނެދަލެންޑްސް އަދި ރޮމޭނިއާ ވާދަކުރި މެޗުގެ ތެރެއިން, ނެދަލެންޑްސް ގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިން ގެކްޕޯ

މެޗުގެ ދެވަނަ ހާފުގައި ނެދަލެންޑްސްގެ ޑިފެންޑަރު ވާޖިލް ވެންޑައިކް އަށް ވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ވަނީ ލިބިގެން ގޮސްފައެވެ. ނެދަލެންޑްސް އިން ނެގި ކޯނަރެއް ވެންޑައިކް ހުސްކޮށް ހުރެ ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ރޮމޭނިއާގެ ގޯލު ދަނޑިއަށެވެ. މީގެ އިތުރުން ނެދަލެންޑްސްގެ މެމްފިސް ޑިޕާއި އަށްވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތައް ވަނީ ލިބި ބޭނުން ނުހިފިފައެވެ.

ނެދަލެންޑްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ 83 ވަނަ މިނެޓުގައި އެ ޓީމުން ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ފުޅާކޮށްފައެވެ. ރޮމޭނިއާގެ ގޯލް ލައިން ކައިރިން ބޭރުވާން ދިޔަ ބޯޅައެއް ކުޅުމުގެ ތެރެއަށް ގެނެސް ރޮމޭނިއާގެ ގޯލު ކުރިމައްޗަށް ގެކްޕޯ ހުރަސް ކޮށްދިން ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން މި ގޯލު ނެދަލެންޑްސް އަށް ކާމިޔާބުކޮށްދިނީ ޑޮންޔެލް މަލެންއެވެ.

މެޗުގެ 90 މިނެޓު ހަމަވެގެން ކުޅުނު އިތުރު ވަގުތުގައި ނެދަލެންޑްސް އިން ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށްފައެވެ. އެއީ ނެދަލެންޑްސްގެ ޑޮންޔެލް މަލެން ބޯޅަ އާއެކު ރޮމޭނިއާގެ ޕެނަލްޓީ އޭރިއާގެ ތެރެއަށްވަދެ ފޮނުވާލި ބޯޅައެކެވެ.