ކޮޕާ އެމެރިކާ 2024ގެ ގުރޫޕު ސްޓޭޖުގެ ފަހު މެޗުގައި ކޮސްޓަރިކާ އަދި ޕެރެގުއޭ ބައްދަލު ކުރި މެޗު 2-1 އިން ކޮސްޓަރިކާ ކާމިޔާބުކޮށްފިއެވެ.

މި މެޗު ފަށައިގެން ތިން ވަނަ މިނެޓުގައި ކޮސްޓަރިކާ އިން ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. ޓީމުގެ އަރިމަތިން ޖޯސެފް މޯރާ ނަގައިދިން ހުރަހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޓީމުގެ ކެޕްޓަން ފްރާންސިސްކޯ ކަލްވޯއެވެ. މިއީ އޭނާ ބޮލުން ޖަހައިގެން ކާމިޔާބު ކުރި ލަނޑެކެވެ.

ކޮސްޓަރިކާ އިން މެޗުގައި ފުރަތަމަ ލަނޑު ކާމިޔާބު ކުރިތާ ތިން މިނެޓު ފަހުން އެ ޓީމުން ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޖޯސިމާ އަލަކޯސާ އެވެ. އޭރިޔާ ބޭރުން އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ. ޕެރެގުއޭގެ ގޯލު ކީޕަރަށް އެ ބޯޅަ ދިފާއު ކުރެވޭ ގޮތެއް ނުވިއެވެ.

މެޗުގެ ވަރަށް ކުރީކޮޅު ކޮސްޓަރިކާ އިން ދެ ގޯލު ކާމިޔަބު ކުރި ނަމަވެސް ފުރަތަމަ ޙާފުގައި ފެނިގެން ގޮސްފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. ދެ ޓީމުންވެސް ވަނީ އިދިކޮޅު ގޯލާއި އަމާޒުކޮށް ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާާފު ނިމިގެން ދިޔައީ ނަތީޖާ އަށް ބަދަލެއް ނައިސް ކޮސްޓަަރިކާ މެޗު ލީޑު ކުރަމުންނެވެ.

ކޮޕާ އެމެރިކާގެ ގުރޫޕު ސްޓޭޖުގައި ޕެރެގުއޭ އަދި ކޮސްޓަރިކާ ބައްދަލު ކުރި މެޗުގެ ތެރެއިން

މެޗުގެ ދެވަނަ ހާފު ފަށައިގެން ގިނަ އިރުތަކެއް ނުވެ، މެޗުގެ 55 ވަނަ މިނެޓުގައި ޕެރެގުއޭ އިން ވަނީ މެޗުގައި ލަނޑެއް ކާމިޔާބުކޮށް މެޗުގެ ފަރަގު ކުޑަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރަމޯން ސޫސާއެވެ. މިއީ އޭނާގެ ކެރިއަރުގައި ޕެރެގުއޭގެ ގައުމީ ޓީމަށް ކާމިޔާބު ކޮށްދިން ފުތަމަ ލަނޑުވެސްމެއެވެ.

މެޗުގެ ދެވަނަ ހާފުގައި ގޭމް ޑޮމިނޭޓުކޮށް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ ޕެރެގުއޭ އިންނެވެ. މި ހާފުގައި ނުރައްކާތެރި ގިނަ ހަމަލާތަކެއް ވެސް އުފައްދާފައި ވަނީ ޕެރެގުއޭ އިންނެވެ. ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދިޔައީ 2-1 އިން ކޮސްޓަރިކާ ކުރީގައި އޮވެގެންނެވެ.

މި މެޗުން ތިން ޕޮއިންޓު ލިބުނު ނަމަވެސް ކޮސްޓަރިކާ އަށް ލިބެނީ ގުރޫޕުގެ ތިން ވަނަ އެވެ. އެއީ އެ ޓީމަށް ވުރެ އިތުރަށް ބްރެޒިލަށް ޕޮއިންޓު ލިބިފައިވާތީއެވެ. އެހެން ކަމުން މި މެޗު ކުޅުނު ދެ ޓީމަށް މި ވަނީ މުބާރާތް ނިމިފައެވެ. މި ގުރޫޕުން ކުއާޓާ ފައިނަލަށް ދަތުރު ކޮށްފައިވަނީ ކޮލަމްބިއާ އަދި ބްރެޒިލެވެ.

ކޮޕާ އެމެރިކާގެ ކުއާޓާ ފައިނަލުގެ މެޗުތައް ފަށާނީ އަންނަ ހުކުރު ދުވަހުގެ ފަތިހުއެވެ.

ކިޔުންތެރިންގެ ހިޔާލު