ކޮކާ ކޯލާ ލޯންގް ރަން 2018ގެ ޕާޓުނަރުން ހަމަޖައްސައި އެފަރާތްތަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު ސޯލްޓް ކެފޭ ގައި ބޭއްވި ރަސްމިއްޔާތެއްގައި މި ދުވުން އިންތިޒާމްކުރާ ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އާއި ދެމެދެ ޕާޓުނަރުންގެ ގޮތުގައި ސޮއިކޮށްފައިވަނީ ލޯންގް ރަންގެ ޓައިޓަލް ސްޕޮންސަރ ކޮކާ ކޯލާގެ އިތުރުން މޯލްޑިވްސް ޕޯޓްސް ލިމިޓެޓް، އެމްޓީސީސީ، އެސްޓިޔޯ، އެކައިޑް އިންސުއަރެންސް، ޕްރިންޓް ލެބް، ސޮމްރސެޓް ހޮޓެލް އަދި އުބަރ އިވެންޓްސް އެވެ.

ދެ ކެޓެގަރީއަކަށް ބަހާލައިގެން މިއަހަރު ކުރިޔަށް ގެންދާ މި ދުވުމުގައި 1500 ދުވުން ތެރިން ބައިވެރިވެރިވާނެ ކަމަށް ޓީއެފްޖީ އިން ލަފާކުރެއެވެ. މި އިވެންޓްގެ ހޯސްޓިން ޕާޓްނަރަކަށް ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ހަމަޖައްސާފައިވާއިރު މި ދުވުމުގައި ޕާޓްނަރުންގެ އިތުރުން 50 އަށް ވުރެ ގިނަ ފަރާތްތަކުން ބައިވެރިވާނެކަމަށް ޓީއެފްޖީ އިން ބުނެއެވެ.

މުޅި މެރަތަންގައި ބައިވެރިވުމަށް 925 ރުފިޔާގެ ފީއެއް ދައްކަން ޖެހޭއިރު ހާފް މެރަތަންގައި ދައްކަން ޖެހެނީ 695 ރުފިޔާއެވެ. އަދި 462 ރުފިޔާ 10 ކިލޯމީޓަރުގެ ދުވުމަށް ނަގާއިރު 5 ކިލޯ މީޓަރުގެ ދުވުމަށް ނަގަނީ 231 ރުފިޔާގެ ފީއެކެވެ. މި ހަރަކާތުގައި އޮންލައިންކޮށް ބައިވެރިވެވޭ އެންމެ ފަހު ތާރީހަކީ 13 އޭޕްރީލް 2018 އެވެ.

ޓީއެފްޖީ އިން ފުރަތަމަ 2013 ގައި ޖުމްލަ 300 ބައިވެރިންނާއެކު ފެށި މި ދުވުން ކޮންމެ އަހަރަކަށްފަހު އަހަރަކު ދަނީ ބައިވެރިން އިތުރުވެ މި ދުވުން އިތުރަށް ފުޅާވަމުންނެވެ. ހުރިހާ އަހަރުތަކެކޭ އެއްގޮތަށް މި އަހަރުވެސް މި އިވެންޓްގެ މައި ސްޕޮންސަރަކީ ކޮކާ ކޯލާ އެވެ.

މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރީލް 20 ވަނަ ދުވަހު ހުޅުމާލޭގައެވެ.