ސައުތް އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް މާދަމާ ފެށުމަށް ނިންމައިފިއެވެ.

މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ސޯޝަލް ސެންޓަރު އިންޑޯ ހޯލް ގައި ކުރިއަށްދާ މި މުބާރާތުގައި ބައިވެރި ވަނީ ބޫޓާން ފިޔަވައި ދެކުނު އޭޝިއާގެ ހުރިހާ ގައުމެކެވެ. އެއީ ދިވެހި ރާއްޖެ، ބަންގްލަދޭޝް، އިންޑިއާ، ނޭޕާލް، ސްރީ ލަންކާ އަދި ޕާކިސްތާނެވެ. މިފަހަރު މުބާރާތުގައި ރާއްޖެ ތަމްސީލު ކުރާނީ 11 ބައިވެރިންނެވެ.

މިމުބާރާތުގައި ކުޅުންތެރިން ބައިވެރިވުމަށް ކަނޑައަޅާފައިވަނީ 3 ކެޓެގަރީ އެއްގެ ދަށުންނެވެ. އެއީ 18 އަހަރުން ދަށުގެ ކުދިން ' ޖޫނިއާ' ކެޓެގަރީ، 15 އަހަރުން ދަށުގެ ކުދިން ' ކެޑޭޓް' އަދި 12 އަހަރުން ދަށުގެ ކުދިން ' ހޯޕް' ކެޓެގަރީގައެވެ.

މުބާރާތުގައި ބައިވެރިވާ ގިނަ ޓީމުތަށް މިހާރު ރާއްޖެ އައިސްފައިވާއިރު މިރޭގެ ވަގުތެއްގައި ބަންގްލަދޭޝްގެ ޓީމު އަންނާނެ ކަމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މައުލޫމާތު ދެއެވެ. އެގޮތުން މި މުބާރާތަކީ ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ މުބާރާތެވެ.

"ވަގުތު" އަށް މައުލޫމާތުދެމުން ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވެސްގެ ޖެނެރަލް ސެކެޓްރީ އިސްމާއީލް ޝުޖާއު ވިދާޅުވީ މިފަހަރު މި މުބާރާތް ރާއްޖޭގައި ބާއްވަން ނިންމެވީ، ބަންގްލަދޭޝްގައި މިދިޔަ އަހަރު މިމުބާރާއް ބޭއްވި ފަހުން މިއަހަރު ރާއްޖޭގައި ބާއްވަން ފުރުސަތު ލިބުމުން ކަމަށެވެ.

" ރާއްޖޭގައި މިއަހަރުގެ މުބާރާތް ބާއްވަން ނިންމީ މައިގަނޑު 2 ސަބަބަކާއި ގުޅިގެން. އެއީ މިފަދަ މުބާރާތެއް ރާއްޖޭގައި ބޭއްވުމަކީ ރާއްޖޭގެ ކުޅުންތެރިންނަށް ލިބޭ އެޑްވާންޓޭޖެއް. އަދި އަމިއްލަ ފަސްގަނޑުގައި ސަޕޯޓަރުންނާއި އެކީ ކުޅުމަކީ އެކުދިންނަށް ލިބޭ އިތުރު ހިތްވަރަކަށް ވަނެތީ. މީގެ އިތުރުން މިކުޅިވަރަށް ގިނަ ބައެއްގެ ހިތުގައި ޝައުގުވެރިކަން އުފައްދައި ހާއްސަކޮށް މެޗުތައް ބަލަންދާ ކުޑަ ކުދިން މިކަމަށް ހޭލުންތެރި ކުރުމުގެ ގޮތުން" ޝުޖާއު ވިދާޅުވިއެވެ.

މި މުބާރާތުގައި އަމްޕަޔަރުންގެ ގޮތުގައި ހަރަކާތްތެރި ވުމަށް ރާއްޖޭގެ ގިނަ އަމްޕަޔަރުންގެ އިތުރުން އިންޑިއާ، ސްރީލަންކާ އަދި ޕާކިސްތާނުން އަމްޕަޔަރުން އައިސްފައިވެއެވެ.

މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު މާދަމާ މެންދުރު 2:30 ގައި ފެށޭނެއެވެ. އަދި އެއަށްފަހު ރޭގަނޑު 20:00 ހަމަޔަށް މެޗުތައް ކުރިޔަށް ދާނެއެވެ. ހޮނިހިރު އަދި އާދިއްތަ ދުވަހުގެ ހެނދުނު 09:00 އިން ފެށިގެން ރޭގަނޑު 20:00 އަށް މެޗުތައް ކުރިޔަށް ގެންދާނެއެވެ.