އެސްޓީއޯ މާލޭ ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުން ހޯދި ތިން ޕޮއިންޓާއެކު ނިއުރޭޑިއަންޓުން ތާވަލްގެ އެއްވަނައިގަ އޮވެ ފުރަތަމަ ބުރު ނިންމާލައިފި އެވެ.

އެސްޓީއޯ މާލޭ ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި ވާދަކުރި ވެލެންސިއާގެ މައްޗަށް ނިއު ކުރި ހޯދީ 2-0 އިންނެވެ.

ނިއު ލީގުގެ އެއްވަނައިގައި އޮތީ 16 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި 13 ޕޮއިންޓާ އެކު މާޒިޔާ އޮތްއިރު ތިންވަނައިގައި އޮތް ޓީސީ އަށް ވެސް ލިބިފައިވަނީ 13 ޕޮއިންޓެވެ. ނަމަވެސް މާޒިޔާ އަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ.

މިއަދު ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގައި ނިއުއިން ޖެހި ދެ ލަނޑުވެސް ފެނިފައިވަނީ މެޗުގެ ފުރަތަމަ ހާފްގެ ތެރޭގައެވެ. މެޗު ފަށައިގެން ރަނގަޅަށް ހިންދެމި ނުލެވި އުޅެނިކޮށް ފުރަތަމަ ހާފްގެ 5 ވަނަ މިނެޓްގައި ނިއުގެ ޖާޒީ ނަމްބަރު 20 ރިހާމް އަބުދުލް ޣަނީ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިންއިރު އޭގެ 15 މިނެޓް ފަހުން ނިއުއަށް ލީޑް ފުޅާކޮށްދިނީ އިތުބާރު ފޯވާޑް އަލީ އަޝްފާގް (ދަނގަޑޭ) އެވެ.

މިއަދުގެ މެޗަށް ނުކުތްއިރު ވެސް ފުރަތަމަ ބުރުގެ މެޗަކުން މޮޅު ނުވުމުގެ ރެކޯޑް އޮތް ވެލެންސިއާއަށް ފުރަތަމަ ބުރުގެ ކުޅުން ނިންމާލަން ޖެހުނީ ކްލަބް އީގަލްސާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވުމުން ލިބުނު އެއް ޕޮއިންޓާއެކު ތާވަލުގެ އެންމެ ފުލުގައި އޮވެގެންނެވެ.

 

އެސްޓީއޯ މާލޭ ލީގުގެ ފުރަތަމަ ބުރުގެ ކުޅުން މިއަދު ނިމިފައިވާއިރު، މި މުބާރާތުގެ ދެވަނަ ބުރުގެ ކުޅުން ފަށަން ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ 6 ވަނަ ދުވަހުއެވެ.

މާލޭ ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް އީގަލްސްއެވެ.