ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓުބޯޅަ ދަނޑު އެޅުމަށް ސަރުކާރުން ފެށި މަސައްކަތުގެ ދަށުން ނ. މާފަރުގައި ތަރައްގީކުރަމުން އަންނަ ފުޓްބޯޅަ ދަނޑުގައި ޓާރފް އެޅުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.

މި މަސައްކަތް ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ހަވާލުކޮށްފައިވަނީ މައިނާ ސްޕޯޓްސް ފީލްޑް ޕްރައިވެޓް ލިމިޓެޑާއިއެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 55 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 3،814،219.20 (ތިން މިލިއަން އަށް ލައްކަ ސާދަ ހާސް ދުވިސައްތަ ނަވާރަ ރުފިޔާ ވިހިލާރި) އަށެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު އަޒްމީލްއެވެ. އަދި މައިނާ ސްޕޯޓްސް ފީލްޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ މުހައްމަދު ޝައުޔާއެވެ.

ޓާފް އެޅުމަށް މައިނާ ސްޕޯޓްސް ފީލްޑާއި ހަވާލުކުރިއިރު މިދަނޑުގެ ސަބް-ބޭސްގެ މަސައްކަތް ނިންމާލާފައިވަނީ ނިމުނު ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުއެވެ. މާފަރު ދަނޑުގެ ސަބް-ބޭސް އެޅުމުގެ މަސައްކަތްކުރުމަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހު ހަވާލުކޮށްފައިވަނީ މެކްސްޓަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށެވެ. '

މިމަސައްކަތް އެކުންފުންޏާ ހަވާލުކުރީ މަސައްކަތް ހަވާލުކުރާތާ ކޮންޓްރެކްޓުގައި ސޮއިކުރާތާ 14 ދުވަހުގެ ތެރޭގައި ދަނޑުގެ މަސައްކަތް ފަށައި މަސައްކަތް 35 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެހެންނަމަވެސް ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވި ހުރަސްތަކާއެކު މި މަސައްކަތްވެސް ވަރަށް ބޮޑުތަނުން ލަސްވިއެވެ. މާފަރު ދަނޑުގެ ސަބް ބޭސްގެ މަސައްކަތް އެ ކުންފުންޏާއި ހަވާލުކުރީ 1،711،305.26 (އެއް މިލިއަން ހަތްލައްކަ އެގާރަހާސް ތިންސަތޭކަ ފަސް ރުފިޔާ ސައްބީސް ލާރި) އަށެވެ.

ސަރުކާރުން ވަނީ މިހާތަނަށް 40 އަށްވުރެ ގިނަ ރަށުގައި ޓާފް ފުޓުބޯޅަ ދަނޑު އެޅުމަށް ކޮންޓްރެކްޓް އުސޫލުން ވަނީ ހަވާލުކޮށްފައެވެ. އަދި މިހާތަނަށް 8 ދަނޑެއްގައި ޓާފް އަޅާފައިވެއެވެ.